ލައިފްސްޓައިލް

އެންޑޯމީޓްރިއޯސިސް: ރާއްޖޭގައި ވެސް ބޮޑު!

އެންޑޯމީޓްރިއޯސިސް އަކީ ރަހިމުގެ ފަަށަލަތަކުގެ ތެރެއިން އެންމެ އެތެރެ ފަށަލަ، "އެންޑޯމީޓްރިއަމް" ގެ ސިފަތައް ރަހިމުން ބޭރުގައި ހުރުމެވެ. ތަފާސް ހިސާބަށް ބަލާއިރު ދުނިޔޭގައި ކޮންމެ 10 އަންހެނަކުން އެކަކު މި ބަލި ތަހައްމަލު ކުރެއެވެ. މިއީ ވޭން ހުރި ބައްޔެއްކެވެ. މިއަދާއި ހަމައަށް ވެސް މި ބަލި ޖެހެނީ ކޮންކަމަކާއި ކަމެއް ހޯދިފައި ވެސް ނުވެއެވެ.

"އެންޑޯމީޓްރިއޯސިސް އޭ ކިޔަނީ އަކީ އެންޑޮމީޓްރިއަމް، ރަހިމު އެތެރޭގެ ހުންނަ އެންމެ ދުލި ފަށަލަ އާއި އެއްގޮތް ފަށަލައެއް ރަހިމުގެ ބޭރުގައި އަށަގަތުމުން. ރަހިމުގެ އެންމެ ދުލި ފަށަލަ ކޮންމެ މަހަކުވެސް މައްސަރު ކަންތައް ޖެހޭ އިރު ބަދަލުވޭ. މި ދުލި ފަށަލައިގެ ސެލްތައް ރަހިމުގެ ބޭރުގައި އަށަގަތީމާ މި ކިޔަނީ އެންޑޯމީޓްރިއޯސިސް. އަދި ޕީރިއަޑް ވަނީ ހޯމޯން ބަދަލާއި އެކު. އެތެރޭގެ ފަށަލާއި އެއްގޮތަށް ރަހިމުގެ ބޭރުގެ ފަށަލައަށްޗވެސް މި ބަދަލުތައް އާދޭ. ދެން އަންނަ އަލާމާތްތައް މި ފެންނަނީ އަދި މި ފަށަލަ ހިމެނޭ ސެލްތަކުންވެސް ބްލީޑްވޭ" ހުޅުމާލޭ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރު، ގައިނެކޮލޮޖިސްޓް ޑރ. ޖުމައިލާ ބޭގަމް ވިދާޅުވި އެވެ.

ޖުމައިލާ ބޭގަމް ވިދާޅުވާ ގޮތުގައި މި ބަލި ޖެހެނީ ކީއްވެ ކަމެއް ބުނެދޭކަށެއް ނޭނގެ އެވެ. އެކި މީހުނަށް އެކި ވަރަށް އާލާމާތްތައް ފެނެ އެވެ. އަދި މިއީ ޑައެގްނޯސް ކުރުމަށާއި ޓްރީޓްމަންޓް ދޭން އުދަނގޫ ބައްޔެކެވެ. މި ބައްޔަށް ޑައެގެނޯސް ކުރަނީ ލެޕްރޮސްކޯޕިކްކޮށް ބަނޑަށް ކެމެރާއެއް ލައްވައިގެނެވެ.

"މި ބައްޔައްކަށް ދާއިމީ ހައްލެއް ނޯވޭ. ބަލި ކޮންޓްރޯލް ކުރުމަށް ތަދު މެނޭޖް ކުރަން ޖެހެނީ" އޭނާ ވިދާޅުވި އެވެ.

އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހޭލުންތެރިކުރުމަށް ބޭއްވި ޕެނަލް ޑިސްކަޝަނެއް

ޕީރިއަޑްވާ އުމުރުގެ މީހުން މި ބައްޔާއި ކުރިމަތިލާއިރު އަވަހަށް ބަލި ހޯދައި ދެނެގަތުމަކީ ބަލީގެ ތަދާއި އުނދަގޫ މެނޭޖް ކުރަން ކުރެވޭނެ މުހިއްމު ކަމެކެވެ. ރާއްޖޭގައި ވެސް މި ބަލީގެ އެތައް ބަޔަކު ތިބޭއިރު ބައްޔަށް ފަރުވާ ހޯދަން އުނދަގޫވާ އެއް ސަބަބަކީ ޕީރިއަޑާ ގުޅޭ ވާހަކަ ތަކަކީ އާއްމުކޮށް ދައްކާ ވާހަކަތަކެއް ނުވެ އޮންނާތީ އެވެ.

އެންޑޯމީޓްރިއޯސިސްގެ ބައެއް އަލާމާތް

  • ގަވާއިދުން މައްސަރު ކަންތައް ނުޖެހުން
  • ދަށްބަނޑުގައި އާދަޔާ ހިލާފަށް ރިއްސުން
  • ކުޑަކަމުދާއިރު މައްސަލަތައް ދިމާވުން
  • އޮވިއުލޭޓްވާއިރު ތަދުވުމާއި އަނބިފިރިގުޅުމުގައި ތަދު އިހުސާސްވުން
  • އުނަގަނޑުގައި ރިއްސާ ވަރުބަލިވެ، މެއާއި ފައިގައި ރިއްސުން

ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭގޮތުން ސައްހަ މައުލޫމާތު ފެތުރުމަށާއި ހޭލުންތެރިކަން އިތުރު ކުރަން އުފައްދާފައިވާ އެންޖީއޯއެއް ކަމުގައިވާ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނާ ގޮތުގައި އެންޑޯމީޓްރިއޯސިސް ގެ ސަބަބުން ދަަރިން ހޯދަން ހުރަސްތައް ކުރިމަތިވާ އަންހެނުން ރާއްޖޭގައި ނިސްބަތުން ގިނަ އެވެ. ޕޮލިސިސްޓިކް އޯވާރީސް އަށް ފަހު ދެން އެންމެ ގިނަ މީހުނަށް ކުދިން ހޯދަން ދިމާވާ އެއް ހުރަހަކީ އެންޑޯމީޓްރިއޯސިސް އެވެ.

އެންޑޯމެޓްރިއޯސިސް ގެ ތަދާއި ވޭން ތަޖުރިބާ ކުރާ މީހުނަށް މިދިއަ މާޗު މަހު ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން އެމީހުންގެ ތަޖުރިބާ އެ ހިއްސާ ކުރަން ފުރުސަތު ދިނެވެ. އެ ސޯޝަލް މީޑިއާގައި ކެމްޕެއިންގައި އެ ފަރާތާއި ވާހަކަ ހިއްސާ ކުރި މީހުންގެ ތެރޭގައި ބައްޔާއި ކުރިމަތިލީ ހިއްވަރުގަދަ "އެންޑޯވޮރިއާސް" ގެ ތަޖްރިބާ ހިއްސާ ކުރި އެވެ. އަދި ބައެއް އެހެން މީހުންގެ ތަޖުރިބާތައް ވެސް ސަމާލުކަން ހޯދި އެވެ.

އެ މީހާ ކިޔައި ދެނީ އެންޑޯމީޓްރިއޯސިސް އަށް ޑައިގްނޯސްވި ގޮތުގެ ވާހަކަ އެކެވެ. އަދި ދަރިޔަކު ހޯދުމަށް ކިތަންމެ ބޭނުމަސް މާބަނޑުވުމަށް ހުރި ދަތިތަކާއެކު އައިވީއެފް ހޯދުމަށް ކުރި މަސައްކަތެވެ.

"ދަރިއެއް ހޯދުމަށް ނަގަންޖެހޭ ރިސްކު ބޮޑު އަމިއްލަ ފުރާނާއަށް އޮތް ނުރައްކާ ވުން މާ ގާތް ސިއްހަތު ސަލާމަތުން ހުރި ދަރިއެއް ލިބުމަށްވުމަށް ވުރެ. އެެހެންނަމަ ވެސް ކޮންމެ ނެގެޓިވް ޕްރެގްނެންސީ ޓެސްޓަކާއެކު ކުރެވޭނީ ހިތްފަޅައިގެންދާ ކަހަލަ އިހުސާސެއް. ހަމަ ކޮންމެ ޓެސްޓަކީ ވެސް ފުރަތަމަ ނެގެޓިވް ޓެސްޓް ހެން ހީވާނީ. އެވަރުން ވެސް ދަރިއެއް ހޯދަން ދުއާ ކުރުން ހުއްޓައެއް ނުލަން. އެންމެ ފަހުން އުދަނގޫ މަރުހަލާއަކަށް ފަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއް އަމިއްލަ ހިޔާވަހި ކަމަށް ގެނެސްގެން އަމިއްލަ ދަރިއެއް ފަދައިން ބަލަން ފެށީ. އެއީ އަހަރުމެން ދެމަފިރިންގެ ދެލޮލުގެ ނޫރު ފަދައިން، ހިތުގެ ފިނިކަން"

އެންޑޯމީޓްރިއޯސިސް އަކީ މީހާގެ މުޅި ދިރިއުޅުމަށް އޭގެ ސަބަބުން އަސަރު ކުރާ ބަައްޔެކެވެ. އަދި ދިރިއުޅުމުގައި ތަފާތު އުދަނގޫ ތަޖުރިބާ އާއި ކުރިމަތިލާން ޖެހި ހިއްވަރު އެލޭ ކަމެކެވެ. ނަފްސާނީ ގޮތުން އެހެން މީހުންގެ ސަަޕޯޓާއި ހިތްވަރު، މި ބަލި ތަހައްމަލު ކުރާ މީހުނަށް ހޯދައިދޭން ޖެހެ އެވެ.