(ފަހުބައި)
"އެއްބަސް." ވިސްނައިލުމެއް ނެތި ހަނީފާ ބުނެލިއެވެ.
ހަމޫދު ގޭތެރެއަށް ވަން ގޮތަށް ހަނީފާއަށް ގޮވައިލިއެވެ. ދެތިން ފަހަރަކު އެ ހަރަކާތް ތަކުރާރުކޮށްލިއެވެ. ބާރުބާރަށެވެ. ހަނީފާއަށް ހަމޫދުގެ އަޑު އިވުމުން އަވަސް އަވަސް ކޮށްލައިގެން އެނދުން ތެދުވިއެވެ. ހަމޫދުގެ އަޑު ހުރިގޮތުން ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސް ހަނީފާއަށް ކުރެވެން ފެށިއެވެ. އެހެންވެ އެއް އަތުން ބަނޑުގައި ހިފައިހައްޓަމުން އަނެއް އަތުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
އޭރު ހަމޫދު ހުރީ ދެއަތް ފޭކޮށްލައިގެންނެވެ. އަތް ހުރީ މުއްކެވިފައެވެ. މުލައްދަނޑީގެ ނާރުތައް ހުރީ ފުފިފައެވެ. ހަނީފާއަށް ބަލައިލެވުނީ ހަމޫދުގެ މޫނަށެވެ. އެ މޫނުމަތިން ރުޅިވެރިކަން ނޫން އެއްޗެއް ނުފެނެއެވެ. ހަމޫދުގެ ދެ ބުމަ ހުރީ ގޮށްޖެހިފައެވެ. ދަތްތައް ފިއްތާލައި ބާރުކޮށްލެވިފައި ހުރިގޮތުން ތުންފަތާއި ކޮލަށް ހުރީ ބާރުއަރާފައެވެ.
"ކިހިނެއްވީ؟" ވަރުބަލި އަޑަކުން ހަނީފާއަށް ބުނެލެވުނެވެ.
އޭރު ހަނީފާގެ ނޭވާ ހުރީ ކުރުވެފައެވެ. މާނޭވާލެވޭ ގޮތް ވަމުން ދިޔައެވެ. އޭނާގެ ސިކުނޑީގައި ނޭނގޭ ބިރުވެރިކަމެއް ދުވަމުން ދިޔައެވެ.
"ކިހިނެއްހޭވީ؟" ހަމޫދު ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
އޭނާގެ ހަޅޭއްކުގެ އަޑު ކޮޓަރީގައި ފިލާވަޅު ހަދަން އިން އަލޫކުގެ ކަންފަތާ ހަމައަށް ފޯރިއެވެ. އެހެންވެ ލަސްލަހުން އަލޫކު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ހަމޫދު ފެނިފައި އަލޫކު ގަނޑުވިއެވެ. އޭނާއަށް ހުއްޓެވުނެވެ. ދޮރުގައި ހިފަހައްޓައިލައިގެން މަންޒަރު ބަލަން އަލޫކަށް ހުރެވުނީއެވެ. އަލޫކު ބަލަން ހުރިކަމެއް ހަމޫދަކަށް ވެސް ހަނީފާއަކަށް ވެސް ނޭނގެއެވެ.
"ކަލޭ ކަހަލަ ގޮތެއް ނެތް، ނުލަފާ މީހަކު އަހަރެން ދުވަހަކު ވެސް... ދުވަހަކު ވެސް ނުދެކެން." ހަމޫދު ކުރިއަށް ދެތިން ފިޔަވަޅު އަޅައިލިއެވެ.
ހަނީފާއަށް ވެގެން އުޅޭ ގޮތެއް ސާފެއް ނުވިއެވެ. އެހެންވެ އޭނާއަށް ހުރެވުނީއެވެ. އަނގައިން ބުނަން ވެސް ނުކެރިފައެވެ. ބުނަންވީ އެއްޗެއް ވެސް ބޮލަށް ތިލަ ނުވެފައެވެ.
"މިއަދު އަހަރެން މިކަމާ އަޅައި ނުލައިފި ނަމަ މާދަމާ އަހަންނަކީ މީހުންގެ ކުރިމަތީގައި ދައްޔޫދަކަށްވާނެ. މިއަދު ކަލޭއަށް ހައްގު އަދަބު ނުދީފިނަމަ މާދަމާ ކަލޭ ދުއްވާ ގަންނާނީ އެހެން ފުޅަފެއް މަތިން،" ހަމޫދުގެ އަޑު ބަދަލުވެ ޖަޒުބާތީ ރާގެއް އޭނާގެ ވާހަކައިގައި އެކުލެވެމުން ދިޔައެވެ. "އަހަރެން ކޮން އުފަލެއް، ކޮން ހިތްހަމަ ޖެހުމެއް ހޯދައި ނުދީގެންތަ ތިހެން ތި ހެދީ؟ އަހަންނަށް އޮޅުވާ ނުލާ ސާފުކޮށް ބުނި ނަމަ. އަހަންނަށް މިވަރުގެ އަނިޔާއެއް ނުދީ ރީތިކޮށް ބުނެދިން ނަމަ. ކަލޭގެ ހުރި ގޮތެއް ނެތްކަން ފެނިފަ އަހަރެން މިއަދު މުޅި ދުނިޔެއަށް ފަޟީހަތްވެއްޖެ."
ހަނީފާއަށް ވެގެން އުޅޭ ގޮތް ސާފުވާ ގޮތްވީ ކިރިޔާއެވެ. އެހެންވެ ހަނީފާ ބޭނުންވީ ކަން ވީގޮތް ހަމޫދަށް ކިޔައިދޭށެވެ.
"މީ އަހަންނަށް ހަމޫދު ދިން އަނިޔާއެއް. ހަމޫދުގެ ސަބަބުން ލިބުނު ލަނޑެއް." ހަނީފާއަށް ފެށުނީ ވާހަކައިގެ މެދު ތެރެއިންނެވެ.
އެކަންވީ ހަމޫދުގެ ރުޅިގަނޑު އިތުރު ކުރުމަށް އަޅައިލެވުނު ދަރުތަކަކަށެވެ.
"އާޗާ. ހުރިހާ ކަމެއް ކޮށް ނިންމައިފަ ބަތްތަވާގައި މަތި ޖަހަންވީ މަތަ؟ އަދިވެސް އަހަރެންތަ ކުށްވެރިއަކަށް ވާންވީ؟ އަހަރެންގެ ބޮލުގައި ތިހާ ބޮޑު އިލްޒާމެއް ނާޅުވާ ސާފުކޮށް ބުނެލިނަމަ." ހަމޫދު ރުޅި މައިތިރި ނުވެ ހަނީފާގެ އިސްތަށިގަނޑުގައި ހިފައިލިއެވެ.
"އައްދޯތް." ހަނީފާއަށް ބާރަށް ހަޅޭއްލަވާ ގަނެވުނެވެ.
"ތަދުވޭތަ؟ ބަލަ ކަލޭއަށް ނޭނގޭތަ އަހަރެންގެ ހިތަށް ވާނެ ތަދެއް؟ އަހަރެން ހިތުގައި އަޅާނެ ވޭނެއް؟ ބަލަ ކަލޭ ބުނެގެން ނޫންތަ އަހަރެން އޮޕަރޭޝަން ކުރީ؟ އެންމެ ކުއްޖެއް ހޯދައިގެން ވެސް އުފާވެރި އާއިލާއެއް ލިބޭނޭ ބުނެ އަހަރެންގެ ބޮލަށް އެރުނީ ކަލޭ ނޫންތަ؟" ހަމޫދު ދަތްކުނޑި ވިކައިގަތެވެ. "ދެން އޭގެ ފަސް އަހަރު ފަހުން ކަލޭ ބަނޑުގައި އޮތީ މަގޭ ދަރިއެކޭ ބުނީމަ ވެސް އަހަރެން އެކަން ބޮޑު ކަމަކަށް ނުހަދާ ހިންދައިލީ އޮޕަރޭޝަން ނާކާމިޔާބުވީ ކަމަށް ބުނެ ކަލޭ ދެއްކި ބަހަނާ ވެސް ގަބޫލުކޮށްގެން ނޫންތަ؟"
"ކާކުތަ ބުނީ އަހަރެން ބަނޑުގައި...." ހަނީފާއަށް އެހާހިސާބަށް ބުނެވުނު އިރަށް އޭނާގެ އަނގަ ބަންދުވިއެވެ.
ހަމޫދު އޭނާގެ އަނގަޔަށް ފިތައިލީއެވެ. ހަމޫދުގެ އިނގިލިތަކުން ހަނީފާގެ ކޯތާފަތަށް ތަދުވާ ވަރަށެވެ.
"ހަބަރުދާރު ދެން އަހަންނަށް އޮޅުވާނުލާ. އަހަންނަށް ދޮގު ނުހަދާ. އަހަރެން މިއަދު މިއައީ ކަލޭއާއި ވާސިފުއާ އެކު އުޅުނު ގޮތް ބަލައިފަ. އެކި ފަހަރު މަތިން އޭނާގެ ކޮޓަރިއަށް ކަލޭ ގޮސް ޖެހި ސަކަރާތް ވެސް ބަލައިފަ." ހަމޫދު ބާރުބާރަށް ފިތައިލީ ހަނީފާގެ ދެ ކޮލަށެވެ.
ހަނީފާ ތެޅިގަތެވެ. އޭނާގެ ހަތް މަހަށްދާ ބަނޑުގައި އެއް އަތް އަޅައިލަމުން ރޯންފެށިއެވެ.
"ކަލޭ ކޮންމެ ފަހަރަކު ވެސް އޭނާ ގާތަށް ގޮސް ލައްކަ ގަނޑު ގަނެފި. އަހަންނަށް މި ހުރެވުނީ ނިދިފަ. އަދި ކިރިޔާ މި ހޭލެވުނީ. ކަލޭ ބަލިވާ ބަލިވުމާ، އިރުއިރުކޮޅުން އެކަނިވާން ބޭނުންވުމާއި، ކަލޭ ނެގިމަޑުވެފަ އިންނަ އިނުމާ. ފާޚާނާއަށްވަދެ ފެން މާގަނޑު ދޫކޮށްލައިގެން އެތައް އިރެއް ވަންދެން ހުންނަ ހުރުމާ. މިހުރިހާ އެއްޗެއް ގުޅުވާލީމަ ކަލޭ އުޅުނު ވައްތަރުން ނޭނގޭ މީހަކު ނަމަވެސް ބޮލުގައި ރިހޭނެ. ހުރިހާ ކަމެއް ސާފުވާނެ. އޭރުވެސް އަހަންނަށް ޝައްކުވި."
"ޕްލީޒް އަޑު އަހައިބަލަ، އަހަރެން ދައްކާ ވާހަކަ އެއް ފަހަރު ނަމަވެސް އަޑު އަހައިބަލަ." ހަމޫދުގެ އަތުން ވީއްލެމުން ހަނީފާ އަދޭހުގެ ރާގުގައި ބުނެލިއެވެ.
"އެންމެ ފުރަތަމަ އޭނާ އެކަން ކުރީ އަހަންނަށް ނިދާ ބޭސްދީފަ." ހަނީފާ ވާހަކަ ފެށިއެވެ.
ވާސިފުގެ ރޭވުންތަކާއި އޭނާ ކަންކަން ކުރި ގޮތް ކިޔައިދިނެވެ. ހަނީފާ ބްލެކު މެއިލްކޮށްގެން އޭނާ ތަންތަނަށް ގެންދާގޮތާއި އެތަންތަނަށް ގެންދިޔުމަށްފަހު ދެން ކަންތައް ކުރާ ގޮތުގެ ވާހަކަތައް ވެސް ކިޔައިދިނެވެ. އޭނާގެ ނުލަފާކަމާއި އޭނާ ބޭނުންވާ ގޮތް ވެސް ބުނެދިނެވެ. ހުރިހާ ވާހަކައެއް އިވުމުން ހަމޫދު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
"ކޮބާ އޭނާގެ ބޭނުމަކީ؟" ހަމޫދުގެ އަޑުގައި ހުރީ މާޔޫސްކަމެވެ.
"ދިރިއުޅުން ހަލާކުކޮށްލުން. އެކަން ކޮށްދިނީ ހަމޫދު. އޮޕަރޭޝަން ކުރި ވާހަކަ ވެސް ބުނީ ހަމޫދުއޭ އޭނާ ބުނީ. އެހިސާބުން ފެށިގެން އޭނާއަށް ވިސްނުނީ އަހަރެން ބަނޑުބޮޑުވީމަ ދެން ހުރިހާ ކަމެއް އޭނާ ކޮޅަށް ކާމިޔާބުވާނޭ." ހަނީފާ ރޮމުން ގިސްލަމުން ވާހަކަދެއްކިއެވެ.
"އެކަމަކު ހަނީފާ ވެސް މިސްޓޭކެއް ހަދައިފި. ގޯހެއް ހަދައިފި. އެއީ މަޢާފު ކުރެވޭވަރުގެ މިސްޓޭކެއް ނޫން. އަހަންނަށް ބަލައި ގަނެވޭނެ ކަމެއް ނޫން. ހަނީފާ ކުރި ކުށުގެ ސަބަބުން އަހަންނަށް ވާނެ ގޮތެއް ވެސް ނުވިސްނޭ. އަހަންނަށް ލިބޭނެ އަޒާބެއް ވެސް ނޭނގޭ." ހަމޫދު ލަސްލަހުން ބުނެލިއެވެ.
"ނޫން. ނޫން. އަހަންނަށް ހައްގު ސަޒާ އަހަންނަށްދީ، އެކަމަކު. އެކަމަކު އަހަރެން ހަމޫދުގެ ދިރިއުޅުމުން ބޭރުކޮށް ނުލާތި. ނެރެ އެއްލައި ނުލާތި. ޕްލީޒް." ހަނީފާ ހިފައިލީ ހަމޫދުގެ އަތުގައެވެ.
"ނޫން. ނޫން. ހަނީއަށް ހެދުނު މިސްޓޭކު ވިސްނެންވާނެ. އެކަމުގެ އަދަބު ލިބެންވާނެ. ހަނީފާ ތި ހުރިހާ ކަމެއް ސިއްރު ނުކޮށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް ކިޔައިދިން ނަމަ. އޭރުން މިހެން ވާކަށް ނުޖެހުނީސް. އޭރުން މިކަމަށް ހައްލެއް ވެސް ހޯދުނީސް. އަހަރެން މިއަދު ވަރަށް ލަދު ވެސް ގަނެއްޖެ، ދެރަވެސް ވެއްޖެ. ފިރިއެއް ހުރެމެ ފިރިމީހާއަށް ކަންކަން ސިއްރުކުރީމަ،" ހަމޫދުގެ ލޮލުން ވެސް ކަރުނަތައް އޮހިގަތެވެ. "ދެން އެންމެ ރަނގަޅުވާނީ ހަނީ ވިހައި ގަދަވަންދެން އަހަރެންގެ ހަޔާތުން ނިކުތިއްޔާ. މި ވަގުތުން ފެށިގެން ހަނީފާއަކީ އަހަރެންގެ އަނތްބެއް ނޫން. ތިހުރީ ވަރިކޮށްފަ." ހަމޫދު ލަސްލަހުން ބުނެލިއެވެ.
***
އަލޫކު ލަސްލަހުން ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައެވެ. ހައިލަމް އިނީ ވާހަކައިގެ ތެރެއަށް ގެއްލި ހުސްވެފައެވެ. އަލޫކު ހުއްޓައިލިއެވެ. އޭނާގެ ދެ ލޮލަށް ޖަމާވި ކަރުނަތައް ފޮހެލިއެވެ. ހައިލަމް ބަލައިލީ އަލޫކުގެ މޫނަށެވެ. އޭނާ ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. އަލޫކު ވެސް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
"ކޮބާ މި ކޭސްއާ ތި މާޒީއާ ހުރި ގުޅުމަކީ؟" ހައިލަމް އަހައިލިއެވެ.
"އެދުވަހު ކަންތައް ވެގެން ދިޔައީ ވަރަށް ހިތްދަތި ގޮތަކަށް. މަންމައަށް ލިބުނު މާޔޫސްކަމާއެކު ވީ ދެރައިން ގެއިން ބޭރަށް ނުކުމެ ތަނެއް ދޮރެއް ބަލައި ނުލާ ދުއްވާގަތީ މަގު މެދުން. ބާރު ސްޕީޑުގައި އައި ކާރެއްގައި ޖެހި އެކްސިޑެންޓްވެ މަންމަ ނިޔާވި." އަލޫކު ޖަވާބު ދިނީ ހައިލަމްގެ ސުވާލަކަށް ނޫނެވެ.
"އެހެންތަ؟" ހައިލަމަށް ލިބުނު ހައިރާންކަމާއެކު އަހައިލިއެވެ.
"އެނގޭތަ؟ ދެންވީ ގޮތެއް؟"
"ކިހިނެއްވީ؟" ހައިލަމް ބަލައިލީ ސީދާ އަލޫކުގެ މޫނަށެވެ.
"އޭގެ ދެ ހަފުތާ ފަހުން ބައްޕަ ވެސް ގެއްލުނީ. ވީ ނުވީއެއް ވެސް ނޭނގޭ. މީހުން ކިޔަނީ ބައްޕަ ކަނޑުވީއޭ. މަރުވީއޭ. އެކަމަކު..." އަލޫކު ނޭފަތް އެތެރެއަށް ދަމައިލިއެވެ.
"ކިހިނެއްވީ؟" ހައިލަމް އަހައިލިއެވެ.
އަލޫކު އަލަމާރި ހުޅުވާލުމަށްފަހު ނެގީ މުސްކުޅި ފޮށްޓެކެވެ. އެ ފޮށީގެ ތެރެއިން އޭނާ ނެގީ ކުޑަވަރެއްގެ ވަޅިއެކެވެ. އެވަޅީގައި ލޭ ހުރީ ހިކިފައެވެ. ވަޅި އޮތީ ރަބަރު ކޮތަޅެއްގެ ތެރެއަށް ލައި ބަންދުކޮށްފައެވެ. އޭނާ ފޮށިތެރެއިން ނެގީ ނޫސްތަކެކެވެ. ނޫސްތަކުގެ ސުރުޚީތަކުގައި ހުރީ ވިޔަފާރި ވެރިޔާ ހަމޫދު ވީނުވީއެއް ނޭނގި ގެއްލުނު ޚަބަރެވެ. ދެވަނައަށް ބަލައިލި ނޫހުގައި އޮތީ ހަމޫދުގެ މަރާއެކު އަލޫކު ވެސް ގެއްލިއްޖެ ކަމަށް ލިޔެފައި އޮތް ސުރުޚީއެކެވެ. އެކަހަލަ އެތައް ސުރުޚީތަކެއް އެ ފޮށިން ނެގި ނޫސްތަކުންފެނުނެވެ.
"މި؟" ހައިލަމް ސުވާލުގެ ނަޒަރުން ބަލައިލިއެވެ.
"ބައްޕައަށް ހަމަލާ ދިނީ ވާސިފު. މިވަޅިން. ބައްޕަ މަރައިލީ އޭނާ. މި ގޭގަ. އަހަރެން ކުރިމަތީގައި. އޭނާއަކަށް އެކަމެއް ނޭނގޭ. ބައްޕަ ހަށިގަނޑަށް ހެދި ގޮތެއް އަހަންނަކަށް ނޭނގޭ. އެ ހުރިހާ މަންޒަރެއް އަހަރެންގެ ކުޑަކުޑަ ދެ ލޮލަށް ފެނި ސިކުނޑިއަށް ބާރުބޮޑުވުމުން ބޮލަށް ފާޑެއްގެ ގޮތެއް ވާންފެށީމަ އަހަރެން ފިލަންވަނީ އަލަމާރިއަށް. ހޭލެވުނީ އަނެއް ދުވަހު. އެ ހިސާބުން އަހަރެން ނިންމީ އަހަރެން އަމިއްލަ ސިފަ ބަދަލުކޮށް، އަހަރެންގެ އަމިއްލަ ހައިސިއްޔަތު އޮޅުވާލަން. މި ހުރިހާ ކަމެއް ސިކުނޑީގައި ފޮރުވައިގެން. ހުރިހާ ދުވަހު މިއުޅުނީ." އަލޫކު ލަސްލަހުން ކިޔައިދިނެވެ.
"އަހަރެންގެ ސުވާލަކީ މި ކޭސްތަކާ ތިޔަ ހިތި މާޒީއާ ގުޅެނީ ކިހިނެއްހޭ؟" ހައިލަމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
"އޭނާ ބޭނުންވަނީ އަހަރެންގެ ދުވަސް ދުއްވާލަން. އަހަންނަށް މި ހުރިހާ ކަމެއް އެނގޭކަން ޔަގީންވާތީ އޭނާގެ ޝިކާރައަކަށް އަހަރެން ހަދަން." އަލޫކު ދަތްކުނޑި ވިކައިގަތެވެ. "އެކަމަކު އެއަށްވުރެ އަހަރެން މާ ސްމާޓުވާނެ. އޭނާ ޖަހާ ކޮންމެ މަޅިއަކުން އަހަރެން ރެކެން. އަހަންނަކީ އެކަހަލަ އަނިޔާވެރިއެއް ނޫން. އެކަހަލަ ވިޔާ ނުދާ މީހެއް ނޫން."
"އެއީ ކާކު؟ ކޮބާ މިހާރު އެ ވާސިފު؟ އޭނާއަށް ކިހިނެއްވީ؟ ކޮބާ ތިބުނީ އޭނާއެއްގެ މަގުސަދަކީ؟" ހައިލަމް އެއް ނޭވާއިން ސުވާލު ފައްޗަކަށް އަމުނައިލިއެވެ.
"މި ހުރިހާ އެއްޗެއްގެ މި ހުރިހާ ތަނެއްގެ މިލްކުވެރިއަކީ އަހަރެން. އޭނާގެ ވިޔަފާރިއަށްވުރެ އަހަރެންގެ ވިޔަފާރި މާ ކުރިއަރައިގެންދާތީ އޭނާ ހަސަދަވެރިވަނީ. މަންމަ އޭނާގެ ލޯތްބަށް އިންކާރު ކުރީތީ އެކަމުގެ ބަދަލު ހިފަން ބޭނުންވީ،" އަލޫކު ހިންދިރުވާލިއެވެ. "އޭނާއަކަށް ޔަގީނެއް ނުވާނެ އަހަރެންގެ ވިޔަފާރި ބަލަހައްޓަނީ ސީދާ އަހަރެން ކަމެއް. އޭނާ ހީކުރަނީ އެހެން ބަޔަކު ކަމަށް މި ވިޔަފާރި ނަގަހައްޓާ ދަމަހައްޓަނީ. އަހަރެން ހޮޓަލުގައި ވެއިޓަރަކަށް އުޅޭތީ އޭނާއަށް އެކަން ޔަގީނެއް ނުވޭ. އަދި އެހެން މީހުންނަކަށް ވެސް އެއްވެސް ކަމެއް ސާފެއް ނުވާނެ. މި ބުނީ އަހަރެންގެ ހަގީގަތެއް ނޭނގޭނެ."
"އޯހް. އެހެންވީމަ އަލޫކު ތިޔައީ ބޮޑު ވިޔަފާރިވެރިއެއްތާ ދޯ؟"
"އާނ! މަންމަމެންގެ ވަކިވެ ދިޔުމާއެކު އަހަރެން ހިންދެމިލާ ކޮޅަށް ތެދުވެ ހަމަނޭވާލެވުނީ ބޮޑު ބޭބެގެ ތިން ކުދިންގެ އެހީ ލިބިގެން. އެމީހުންގެ މަދަދާއެކު. އެހެންވެ އަހަރެން ނިންމީ އެމީހުންގެ ހިއްސާ ވެސް ވިޔަފާރީގައި އޮވެގެން ކުރިއަށްދާން. އެހެންނޫނީ އެ ނުލަފާ ވާސިފުގެ ޝިކާރައަކަށް އަހަރެން ހަދައިލުމަށްފަހު މި މުދާކޮޅު އޭނާ ހޯދަފާނެތީ،" އަލޫކު ކިޔައިދިނެވެ. "އަލޫ އެންޑް ބްރޯސް'، އެއީ އަހަރުމެންގެ ބްރޭންޑް. އަހަރުމެންގެ ތިން ރިސޯޓު އޮންނާނެ. ގެސްޓު ހައުސް ހުންނާނެ. ލަންކާގައި ލަގްޒަރީ ގެސްޓު ހައުސް ހުންނާނެ. އެކަމަކު އެތަންތަނުގެ މިލްކުވެރިއަކީ ކާކު ކަމެއް އެކަކަށް ވެސް ނޭނގޭނެ."
"އެ ވާސިފު ކޮބާ؟" ހައިލަމް އަހައިލިއެވެ.
"އެއީ ހައިލަމްގެ ބޮސް." އަލޫކު ވިސްނަން އިނދެފައި ފުންނޭވާއެއް ބޭރުކޮށްލިއެވެ.
"އޭނ! އާނ. އެއީ ނައީމު. އޭނާ މަންމަގެ ހަޔާތަށް އައީ ވާސިފުގެ ނަމުގައި. އެންމެން ދަންނަނީ ވެސް އެނަމުގައި. ފަހުން އޭނާގެ ނަން ބަދަލުކުރީ. އޭނާ އޭރު އުޅުނީ މާ ރޮމޭންޓިކް މީހެއްގެ ލޭބަލް އަޅުވައިގެން. ދެން މިހާރު ހުރިހާ ކަމެއް ސާފުވާނެ. އަހަރެން މި ކިޔައިދިން ހުރިހާ ވާހަކައެއް ތަރުތީބު ކޮށްލަމުން އަލުން ވާހަކަތައް ހަނދާނަށް ގެނެސްލާ، އޭރުން ދެން ހުރިހާ ކަމެއް ސާފުވާނެ." އަލޫކު ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ.
"ކިހިނެއް މިކަން ސާބިތުކޮށްދޭނީ." ހައިލަމް ސުވާލުގެ ނަޒަރުން ބަލައިލީ ސީދާ އަލޫކުގެ މޫނަށެވެ.
އަލޫކު ނޫސްތައް ހާވަމުން ފޮށީގެ ތެރޭގައި ހުރި ހާޑު ޑިސްކުތަކެއް ނެގިއެވެ. ނަގައި ދައްކާލަމުން ހިނިތުންވެލިއެވެ.
"ޝިކާރަކުރާ މީހުން ހިފޭނީ އެމީހުންނަށް ވުރެ ބުއްދި އިސްކޮށްގެން. އަހަރެން މިހުރިހާ ދުވަހު ވެއިޓަރަކަށް ވެގެން ކެފޭއެއްގައި އުޅެމުން ކުރި މަސައްކަތަކީ މިއީ. އަހަރެން ފާރަވެރިވީ ނައީމަށް، އަހަރެންގެ ބޮލުގައި މަރުގެ ތުހުމަތުތައް އަޅުވަން ޅަ އަންހެން ކުދިންގެ ފުރާނަ ދުއްވާލި ހުރިހާ މަންޒަރެއް މީގައި ހުންނާނެ. ސީދާ މިކަން ކޮށްފައިވަނީ ނައީމު އެކަނިމާ އެކަނި. އެ އަންހެން ކުދިންނަށް އަހަރެންގެ ދައްކައިގެން، އަހަރެންގެ އަވައިވައި އެކުދިން ވައި ވައްދައިގެން ހުރިހާ ޖަރީމާއެއް ހިންގީ ނައީމު. އަހަރެން ކާމިޔާބުކޮށްދިނުމުގެ ނަމުގައި. އެކުދިންގެ ޅަ ސިކުނޑިތަކާ ކުޅެ ޖަޒުބާތުކުރުވައިގެން. އަދި އެކުދިންގެ އެބިއުސްކޮށް ބޭނުންކުރުމަށްފަހު." އަލޫކު އަޒުމާއެކު ބުނެލިއެވެ. "އޭނާ އުޅުނީ އަހަރެން ޝިކާރަ ކުރާން. މީހުން ބުނެއެއްނު ވަގުންގެ ފޮށި ބާރަށް ބަންނާނޭ. މަތީ މަގާމުތަކުގައި ތިބެ ހިންގާ ޖަރީމާތައް ލޯތަކަށް ފަސޭހައިން ވަންހަނާވާނޭ. ޝިކާރަކުރާން ފަހިވާނީ ބޮޑު ކޯޓު ލައިގެންނޭ. މިއީ ސްމާޓް ޝިކާރަވެރިންގެ ޒަމާނޭ."
"ތޭންކްސް. އިންޝާﷲ ގާތިލަށް ހައްޤުވާ އަދަބު ލިބޭނެ. ދެން މި ރާއްޖޭގައި މިފަދަ އަނިޔާވެރި މުޖުރިމުންނަށް އެއްވެސް ފުރުސަތެއް ނުދެވޭނެ." ހައިލަމް ހިނިތުންވެލަމުން ހާޑު ޑިސްކުތަކުގައި ހިފައިލިއެވެ.
އަލޫކު ވެސް ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. އާ ފެށުމަކަށް، އާ ދުވަސްތަކަކަށް އުއްމީދުކޮށްގެންނެވެ. ޝިކާރައަކަށް ނުވަން ކުރި މަސައްކަތުން ކުޅިފަސް ހޯދުނުކަމުގެ އުއްމީދުގައެވެ. (ނިމުނީ)