ބައެއް މީހުން ގޭގައި އުޅޭއިރު ފައިވާނަށް އަރަ އެވެ. އަނެއް ބަޔަކަށް އެއީ އެހާ މުހިއްމު ކަމަކަށް ނުވެ އެވެ. ފައިވާނަށް އެރުމާއި ނޭރުން އެއީ އެމީހެއްގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލަން ޖެހޭ ކަމަށް ވިޔަސް އޭގެން ލިބޭނެ ފައިދާއާއި ގެއްލުން އެނގިފައި އޮތުން މުހިއްމެވެ.
އަހަރެމެންނަށް ނޭނގުނަސް ގޭތެރޭގައި ހިނގާއިރު ފައިވާނުގައި އުޅުމުން ލިބޭ ވަރަށް ގިނަ ފައިދާތައް ވެއެވެ. ފަޔަށް ސަޕޯޓް ލިބޭ ކަހަލަ ފައިވާނަކަށް އަރައިގެން ގޭގައި އުޅުމުން ފައިގައި ރިއްސުމާއި ފުންނާބުގައި ރިއްސުން ފަދަ ވަރަށް ގިނަ ކަންތައްތަކަށް ހައްލު ލިބޭނެ އެވެ.
ގޭގައި ފައިވާނަށް އަރައިގެން އުޅުމުން ލިބޭ އެންމެ ރަނގަޅު އެއް ފައިދާއަކީ އަރިދަފުސް ރޯގާ ފަދަ އާއްމު ބަލިތައް ޖެހުން ދުރުވުމެވެ. މިފަދަ ބަލިތަކުން ދުރުވާން އެމީހެއްގެ ދިފާއީ ނިޒާމް ވަރުގަދަ ވާން ޖެހެ އެވެ. އަހަރެމެންނަށް އެންމެ ސަމާލުކަން ނުދެވި އޮންނަ ކަމަކީ މިއީ އެވެ. ގޭގައި ފައިވާނަށް ނާރާ އުޅުމުން ވާ ގޮތަކީ ހަށިގަނޑުގައި ހުންނަ ހޫނު ފައިތިލައިން ލާފައި ބޭރަށް ދަނީ އެވެ. އެގޮތަށް ހަށިގަނޑުގައި ހުންނަ ހޫނުކަން ނެތެމުންދާ މިންވަރަކުން ލޭ ދައުރުވާ މިންވަރު ދަށްވާނެ އެވެ. އަދި އަރިދަފުސް ރޯގާ ކަހަލަ މައްސަލަތައް ދިމާވާ ސަބަބަކަށް މިކަން ވެދާނެ އެވެ. ފައިވާނަށް އަރައިގެން އުޅުމުން ފަޔަށް ރައްކާތެރިކަން ލިބެ އެވެ. އަދި ހަށިގަނޑުގައި ރަނގަޅަށް ލޭ ދައުރުވުމަށް އެހީތެރިކަން ލިބި އެކި ބަލިތަކާ ހަނގުރާމަކުރުމުގެ ގާބިލްކަން ދިފާއީ ނިޒާމަށް ލިބެ އެވެ.
ފައިވާނަށް އަރައިގެން ގޭގައި އުޅޭނަމަ ބެކްޓީރިއަލް އަދި ފަންގަލް އިންފެކްޝަންތަކުން ވެސް ރައްކާތެރި ވެވޭނެ އެވެ. ގޭގެ ތަށިމުށިތައް ނުވަތަ ތަރަފާލު ނުވަތަ އެނޫންވެސް ތަޅުމުގައި އަޅާފައިވާ އެއްޗެއްގެ ސާފުތާހިރު ކަމާ މެދު ތިމާގެ ހިތުގައި ޝައްކެއް ނޯވެދާނެ އެވެ. ނަމަވެސް ކިތަންމެ ވަރަކަށް ކުނިކަހާ މޮޕް އެޅިޔަސް ތަޅުމުގައި އެކި ކަހަލަ ބެކްޓީރިއާ އާއި ޖާމްސް އުޅޭނެ އެވެ. އެ އެއްޗެތި ހަމަ ލޮލަކަށް ނުފެންނާނެ އެވެ.
ގޭތެރޭގައި ދައުރުވާ ވަޔާއި ތަޅުންގަޑަށް އެޅޭ ފެން ފަދަ އެއްޗެތިން އަދި ގެންދާ އެކި ސާމާނުންނާއި ހިނގާ މީހުންގެ ފައިތިލައިން ވެސް ވަރަށް ތަފާތު މައިކްރޯއޯގަނިޒަމްސް ތަޅުންގަނޑުގައި ތަތްލާފައި ހުންނާނެ އެވެ. ފައިވާނަށް އަރައިގެން އުޅޭނަމަ މިފަދަ އެއްޗެތިން ޖެހޭ ބަލިތަކުން ދުރުވާނެ އެވެ. މިގޮތުން ޖެހޭ ބަލިތަކުގެ ތެރޭގައި ފައިގެ އިނގިލިތަކުގެ ނިޔަފަތިތަކުގައި ފަންގަލް އިންފެކްޝަން އުފެދުމާއި އެތުލީޓްސް ފުޓް ފަދަ މައްސަލަތައް ހިމެނެ އެވެ.
ކުޑަކުދިންނާއި ދުވަސްވީ މީހުން ވެސް ގޭތެރޭގައި އުޅޭއިރު ފައިވާނަށް އަރައިގެން އުޅުން ބޭނުންތެރި އެވެ. ތުއްތު ކުދިންގެ ފައި ވަކި އުމުރަކަށް އަޅަންދެން ހުންނާނީ އެހާ ފްލެޓްކޮށެއް ނޫނެވެ. އެކުދިން ހިނގާއިރު އިރުއިރުކޮޅާ ވެއްޓެނީ އެހެންވެ އެވެ. އެހެންވެ ތުއްތު ކުއްޖާ ވެސް ފައިވާނަށް އަރުވާފައި ބެހެއްޓުމުން ބެލެންސް ރަނގަޅުވެ ހިނގަން ފަސޭހަ ވާނެ އެވެ.
ދުވަސްވީ މީހުންނަށް ބަލާއިރު އެމީހުން ފައިވާނަށް އެރުން މާ ބޮޑަށް ވެސް މުހިއްމެވެ. އެމީހުން އަރަން ޖެހޭނީ ރަނގަޅު އާކް ސަޕޯޓެއް ލިބޭ ކަހަލަ ފައިވާނަކަށެވެ. އުމުރުން ދުވަސްވާ ވަރަކަށް ފައިވާނުގައި އުޅޭނަމަ ބެލެންސް ގެއްލުން ފަދަ މައްސަލަތަކުން ދުރުވެވޭނެ އެވެ. އަރާލައިގެން އުޅެން ފަޔަށް އަރާމު އަދި ފަޔަށް ރަނގަޅު ސަޕޯޓެއް ލިބޭ ފައިވާނެއް ދުވަސްވީ މީހުންނަށް ހޯދައިދޭށެވެ.
ގޭގައި ފައިވާނަށް އަރައިގެން އުޅޭނަމަ ފައި ދުޅަވާ މައްސަލައަށް ވެސް ހައްލެއް ލިބޭނެ އެވެ. ފައި ދުޅަވަނީ އެކަށީގެންވާ ގޮތަކަށް ލޭ ދައުރު ނުވާތީ އެވެ. ފައިވާނުގައި އުޅުމުން ގައިގެ ހޫނުތައް ފައިގައި ހަރުލާފައި ހުންނާނެ އެވެ.
އެހެންކަމުން ސިއްހަތު ސަލާމަތުން ހުރުމަށާއި ފައިގެ އެކި މައްސަލަތަކުން ދުރުވުމަށް އެންމެ ރަނގަޅު ގޮތަކީ ފައިވާނަކަށް އަރައިގެން ގޭތެރޭގައި އުޅުމެވެ.