ގެއެއް ފަޅާލައިގެން އެ ގެއަށް ވަދެ ވައްކަން ކުރަން އުޅުނު ތައިލެންޑް މީހަކަށް ނިދިއްޖެ އެވެ. އެމީހާ އެ ގެޔަށް ވަދެ އަގުބޮޑު ގަހަނާތައް ވަގަށް ނަގައިގެން އެ މަސައްކަތުން ވީ ވަރުބަލި ފިލުވާލަން ޖައްސާލިތަނާ ނިދުނީ އެވެ.
މި މީހާގެ ނަސީބު ދެރަކަމުން ވައްކަން ކުރަން ވަދެވުނީ ފުލުހުންގެ އޮފިސަރެއްގެ ގެޔަށެވެ. އެ މީހާ ނިދާފައި އޮއްވާ ޕޮލިސް އޮފިސަރު ވަނީ ގޮވާ ހޭލައްވާފަ އެވެ. އަދި މީހެއްގެ ގެޔަށް އެމީހާގެ އިޒުނައަކާ ނުލައި ވަނުމުގެ ކުށުގައި އެމީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
މި ހާދިސާގެ މަންޒަރުތައް އިންޓަނެޓުގައި ވައިރަލް ވުމުން ބައެއް މީހުން ވަނީ މި ވީޑީއޯ ބަލާފައި ވަރަށް ހީނ މަޖާ ނަގާފަ އެވެ.
ތައިލެންޑް ނޫހަކުން ބުނި ގޮތުގައި ވަގުކަލޭގެ ވައްކަން ކުރަން ވަނީ ޖިއަމް ޕްރަސާތު ނަމަކަށް ކިޔާ މީހެއްގެ ގެޔަށެވެ. ޖިއަމް އަކީ ޕޮލިސް ސްވޯޑް އޮފިސަރެކެވެ.
އުމުރުން 22 އަހަރުގެ ވަގުކަލޭގެ، އަތީތު ކިން ކުންތުޑް، ޕޮލިސް އޮފިސަރުގެ ގެއަށް ވަނީ ދަންވަރު 2.00ގަ އެވެ. އޭރު ޕޮލިސް އޮފިސަރު އޮތީ ނިދާފަ އެވެ. އެ ގެއަށް ވަނުމުގެ ކުރިން ވަރަށް ގިނައިރު ވަންދެން އޭނާ ވަނީ އެހިސާބުގަނޑުގައި ހިނގާ ފާރަލާފަ އެވެ. އެހެންވެ އެގެޔަށް އަގުބޮޑު އެއްޗެތި ވަގަށް ނަގާފައި މާ ބޮޑަށް ވަރުބަލިވެފައި ހުރީމަ ކުޑަކޮށް އަރާމުކޮށްލާފައި ދާން ޖައްސާލީ އެވެ. ވަގުކަލޭގެ ނިދާފައި އޮތީ ޕޮލިސް އޮފިސަރުގެ އަންހެން ދަރިފުޅުގެ ކޮޓަރީގަ އެވެ. އޭނާ އޮތީ އެއާކޯން ވެސް ޖަހާލައިގެންނެވެ.
ކުންތުޑް އުޅުނީ ކުޑަކޮށް ލޯމަރާލަން ނަމަވެސް އޭނާއަށް ހޭލެވުނީ އަނެއް ދުވަހަށް އިރު އެރި ފަހުންނެވެ. އެއީ ޕޮލިސް އޮފިސަރަށް ކުންތުޑް އަންހެންދަރިފުޅުގެ އެނދުގައި ނިދާފައި އޮއްވާ ފެނިގެން ފުލުހުންގެ އޮފިސަރުންނަށް ގުޅައިގެން އެ ގެޔަށް ގެނައި ފަހުންނެވެ.
ވައިރަލް ވެގެން އުޅޭ ވީޑީއޯގައި ފުލުހުން ކުންތުޑް ހައްޔަރުކުރަން އުޅޭ މަންޒަރުވެސް ފެނެ އެވެ. އަދި އޭރުވެސް ކުންތުޑް ހުރީ ނިދިބަރުކައިގެން ވާނުވާ ނޭނގިފަ އެވެ.
އިންޑިޔާގައި ވެސް މިދިޔަ ސެޕްޓެމްބަރު މަހު މި ކަހަލަ ހާދިސާއެއް ހިނގި އެވެ. އެ ފަހަރު އެމީހާ ވެސް ވައްކަން ކުރަން ވަން ގޭގައި އެންމެ ބޮޑަކަށް ހުރި މީހާ ނިދާ ކޮޓަރީގެ އެނދު ތަންދޮށުގައި ޖައްސާލިތަނާ ނިދުނީ އެވެ. ދެން ހޭލެވުނީ އޭނާ އެތާ އޮތްކަން އެނގިގެން ގޭގެ ވެރިން ފުލުހަށް ގުޅައިގެން އެމީޙުން ވެސް އައިފަހުންނެވެ.