ލައިފްސްޓައިލް

އަގުހުރި މުތެއް ހޮވި މަސްވެރިއަކު ދުނިޔެ ރަންވެ، ޖަލަށް!

ތައިލެންޑްގައި ދިރިއުޅޭ އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ ހިޗައި ނިޔޮމްޑެޗާ އާއި ވޮރަޗަޓް ނިޔޮމްޑެޗާ އެމީހުން ދިރިއުޅޭ ރަށުގެ ގޮނޑުދޮށަށް އެރި އޮއިސްޓާ ޝެލް ހޮވަން އުޅެނިކޮށް ހިޗައި އަތް ކަނޑައިގެން ގޮސް އެއްގަމަށް ލައްގާފައި އޮތް އޮރެންޖުކުލައިގެ ބޮޔެއް ފެނުނެވެ. އެ ބޮއިގައި ވަރަށް ގިނަ ރިނދަލި ތަތްވެފައި ހުއްޓެވެ.

އެ ރިނދަލިތަކުގެ އެތެރޭގައިވާ މަސްކޮޅުތަކުން މީރު ކާއެއްޗެއް ތައްޔާރުކޮށްލުމަށް އޭނާ އެ ހިފައިގެން ގެޔަށް ގޮސް ބައްޕައާ ހަވާލުކުރި އެވެ. އެ ދެބެންގެ ބައްޕަ ބަންގްމަޑް ނިޔޮމްޑެޗާ އެ ބޮއިގައި ހުރި ރިނދަލިތައް ނައްޓާ ސާފުކުރަނިކޮށް އާދަޔާޚިލާފު ރިނދައްޔެއް ފެނުނެވެ.

އޭގެ ތެރޭގައި އޮރެންޖް ކުލައެއްގެ ބޯޅައެއްހެން އިން ވަރަށް އަގުހުރި މުތެއް (ޕާލް އެއް) އިންދާ ފެނުނެވެ.

ހިޗާއީގެ ބައްޕައަށް މިއީ އަގުހުރި މުތެއްކަން އެނގުނެވެ. މި ބާވަތުގެ މުތަށް ތައިލެންޑް މީހުން ކިޔަނީ މެލޯ މެލޯ އެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ އަގުހުރި މުތެކެވެ. މީގެ ބަރުދަނުގައި 7.68 ގްރާމް ހުއްޓެވެ.

މި މުތް ވިއްކާލަން ވެގެން ހިޗާއީ ބައިނަލްއަގުވާމީ ބާޒާރުގައި މަސައްކަތް ކުރި ކުރުމުން އޭގެ އަގު 10 މިލިއަން ބާތު (300،000 ޔޫއެސް ޑޮލަރު) އަށް ވިކުނެވެ.

ފަގީރުކަމުން ކިރިޔާ ބަނޑުފުރާނަ މުއްތި ކޮށްލެވޭ ހާލުގައި އުޅުނު ހިޗާއީ އަށް ކުއްލިއަކަށް މި ލިބުނު މުއްސަނދިކަމުން އޭނާ އިންތިހާއަށް އުފާވި އެވެ. އެންމެ ފަހުން މި މުތް ޗައިނާގެ ވިޔަފާރިވެރިއަކަށް 300،000 ޑޮލަރަށް ވިއްކާލުމަށްފަހު ހިޗާއީގެ ގޭގައި އޭނާ ބޮޑު ޕާޓީއެއް ބޭއްވި އެވެ. ނަމަވެސް މިއީ އާދައިގެ ޕާޓީއަކަށް ނުވި އެވެ. ޕާޓީގައި އަޑުގަދަކޮށް ލަވަޖަހައި މަސްތުވާތަކެތި ގިނަ އަދަދަކަށް ބޭނުން ކުރާކަން އެނގިގެން އަވަށްޓެރިން ރުޅިގަދަވެ ފުލުހުންނަށް ރިޕޯޓް ކުރި އެވެ.

އަދި ފުލުހުން އައިސް ހިޗާއީ ހައްޔަރުކޮށްގެން ގެންދިޔަ އެވެ. ވަރަށް އަގުހުރި މުތެއް ހޮވައިގެން ކުޑަ އިރުކޮޅެއް ތެރޭ ބޮޑު މުއްސަނދިކަމެއް ލިބިގެން މުޅި ދުނިޔެއަށް މަޝްހޫރުވި ހިޗާއީގެ ޚަބަރުތައް ދެން މަޝްހޫރު ވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ ގޮތުގަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހިޗާއީ ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.

މިލިއަނަރަކަށް ވުމަށް ހިޗާއީ ދެކެމުން އައި ހުވަފެން ބިލާހަކަށްވެ މިހާރު އޭނާ ދުވަސްތައް ހޭދަކުރަމުންދަނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގަ އެވެ.