ދުބާއީން ވެންޓިލޭޓަރުތައް ގެނައުމުގައި ވި ހިޔާނާތާ ގުޅޭ އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ނަސީމް މިހެން ވިދާޅުވީ މިއަދު މަޖިލީހުގަ އެވެ. މިނިސްޓަރު މަޖިލީހަށް ވަޑައިގަތީ ތ. ތިމަރަފުށީ ހޮސްޕިޓަލްގެ އެކްސްޓެންޝަން މަސައްކަތް ކުރިއަށް ގެންދާގޮތް ސާފުކުރަން އެ ދާއިރާގެ މެމްބަރު ހުށަހެޅުއްވުމުން އެ ސުވާލު ކުރުމަށެވެ. އެ ފުރުސަތުގެ ތެރެއިން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ ވެންޓިލޭޓަރު ހިޔާނާތުގައި ހިމެނޭ ފައިސާ ނުވަތަ އެ ވެންޓިލޭޓަރުތައް ލިބޭނެތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.
ނަމަވެސް މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
އެހެން ނަމަވެސް ނަސީމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައަކީ އޭނާ މިނިސްޓަރުގެ މަގާމަށް ވަޑައިގަތުމުގެ ކުރީގެ ކަަމަކަށް ވާތީ އޭގެ ތަފްސީލް އެނގޭ ގޮތަށް މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"ވެންޓިލޭޓަރުގެ މައްސަލައިގައި މިތަނުން ބޭނުންވާ ހުރިހާ މައުލޫމާތެއް މިތަނަަށް ފޮނުވައި ދޭނަން. އެއްވެސް އެއްޗެއް ފޮރުވާކަށް ނެތިން. އެހެން ހީފުޅުކުރައްވާ ކަހަލަ ގޮތަކަށްވެސް ވާހަކަ ދެކެވޭ. އެހެން ނަމަވެސް އެކަހަލަ ކަމެއް ނޯންނާނެ. އަދި އެހެން އިންވެސްޓިވޭޓިވް މުއައްސަސާއަކުން ވެސް އެދިވަޑައިގެންނެވިޔަސް މައުލޫމާތު ދޭނަން" ނަސީމް ވިދާޅުވި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ.
ވެންޓިލޭޓަރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ދެ ފަހަރު ފޮނުވުމުން ވެސް ހެކި ނެތްކަމަށް ބުނެ ޕީޖީން ނިންމާފައިވަނީ ދައުވާ ނުކުރާށެވެ. ނަަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދޫނުދެއްވުމުން އެ މައްސަލަ އަނެއްކާވެސް ރިވިއު ކުރަން ޕީޖީން ވަނީ ފަށައިފަ އެވެ.
ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން ކުރި ތުހުމަތުތަކާ ގުޅިގެން ކުރިން ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ
އަމީން ވަނި މަގާމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ. އަދި އެ މައްސަލައިގައި ދެ ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑް ވެސް ކުރި އެވެ. އެ ދެ ބޭފުޅުން އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.