ކުޅިވަރު

ޔުނިކްސް ސްޕޯޓިންގެ ވާޗުއަލް ކަލަރަން ކުޑައީދަށް

ޔުނިކްސް ސްޕޯޓިންއިން ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއް ޝާމިލުވާ ގޮތަށް އެއް ވަގުތެއްގައި ބާއްވާ، ވާޗްއަލް ކަލާ ރަން ކުޑަ އީދުގައި ބޭއްވުމަށް ތާވަލު ކޮށްފި އެވެ.

އުރީދޫ އާ ގުޅިގެން، ހުޅުމާލޭގައި ކަލާރަން ކުރިން ބާއްވާފައިވާ ޔުނިކްސް ސްޕޯޓިންގެ ވާޗްއަލް ކަލާ ރަންގެ ކުޑަ އީދު ވާޝަންގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުކުރު ދުވަހުގެ ރޭ 12:00 ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ޔުނިކްސް ސްޕޯޓިން އިން ވާހަކަ ދެއްކި ރޭޝަން ޝަރީފް ވިދާޅުވީ، ކޮވިޑްގެ މޮނިޓަރިންގައި ބައެއް ރަށްރަށް އޮތުމުން ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރު ކޮށްދޭން ރަށްރަށުގެ ކައުންސިލު ތަކުން އެދެމުންދާ ކަމަށެވެ.

"ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރު ކުރުމާ މެދު އަޅުގަނޑުމެން މިދަނީ ވިސްނަމުން. މިވަގުތަށް ހަމަޖެހިފައި މި ވަނީ އޭޕްރީލް ދެ ވަނަ ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށް," ރޭޝަން ވިދާޅުވި އެވެ. "މިހާތަނަށް ރަޖިސްޓްރޭޝަން ފުރިހަމަނުކޮށް ތިބި ފަރާތްތަކަށް އިލްތިމާސް ކުރަން އަވަހަށް ރަޖިސްޓްރީ ކުރައްވާށޭ."

ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ރޭސް ކިޓްސް ދޫކުރަން ހަމަޖެހިފައި ވަނީ އޭޕްރީލް 30 މެއި 10 އަކަށެވެ. ރޭސް ކިޓްގެގައި ހިމެނޭނީ ޓީޝާޓް، ބިބް، މެޑަލް، ތޮފި، އަތުގައި އަޅާ ބޭންޑު އަދި ކުލަ ޕެކްތަކެވެ.

މެއި 14-17 އަށް ބާއްވާ ކަލާ ރަންގައި ހަތަރު ކުލައަަކަށް ޓީމުތައް ބަހާލާނެ އެވެ. ހަތަރު ކުލައިގެ ތެރެއިން ރަޖިސްޓްރީ ވާ ދުވުންތެރިންނަށް ބޭނުން ކުލައެއް އިހްތިޔާރު ކުރެވޭނެ އެވެ. އިހްތިޔާރު ކުރާ ކުލައިން އެ ދުވުންތެރިޔަކު ހިމެނޭނީ އެ ކުލަ ނިސްބަތްވާ ޓީމެއްގަ އެވެ. ކޮންމެ ދުވުންތެރިޔަކު މަދުވެގެން ފަސް ކިލޯ މީޓަރު ރޭހެއް ފުރިހަމަ ކުރަން ޖެހެ އެވެ. ހަތަރު ދުވަހަށް ކުރިއަށްދާ ރޭހުގައި އެކި ދުވަހުގައި އޮންނާނީ އެކި ޗެލެންޖުތަކެވެ.

ކުޑަ އީދަށް ކަލާ ރަން ބޭއްވަނީ އީދުގައި އޮންނަ ފެން ޖެހުމާއި ކުލަ ޖެހުމުގެ ކޮންސެޕްޓާ ގުޅުވާލައިގެންނެވެ. ޔުނިކްސް ސްޕޯޓިން ބުނީ، ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ކުރިއަށްގެންދާ ކަލާ ރަންގެ ހަރަކާތްތަކުން ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި އެކުވެރިކަން ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.