ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ގިނަ ކ. ހުރާއިން އިތުރު 110 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހުރާ ސިއްހީ މަރުކަަޒުން މިރޭ ބުނީ އެ ރަށުން މިހާތަނަށް 110 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދުވެސް 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިހާތަނަށް އެ ރަށުން 515 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި 289 މީހެއްގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ 122 ސާމްޕަލެއްވެއެވެ. އެހެން ކަމުން ހުރާގެ ޕޮޒިޓިވް ނަންބަރު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޕޮޒިޓިވް ކޭސްތައް ގިނަވަމުންދާއިރު ޕޮޒިޓިވް ކޭސް އެންމެ ގިނައީ ހުރާގައެވެ. މީގެ އިތުރުން ފެލިވަރު އަދި ނައިފަރުގައިވެސް ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކ. ހުރާގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ އަންގާފަ އެވެ.
ރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލަން އަންގާ ކަމަށެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.
އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނެއެވެ.
މީގެ އިތުރުން ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމާއި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.