ގުރޭޑް 10 އަދި 12 ނިންމާ ދަރިވަރުުންގެ ގްރެޖްއޭޝަންގައި ބެލެނިވެރިންނަށް ބައިވެރި ނުވޭވޭތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާޗް މަހުގެ 30 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ސޮއިކުރައްވާ ސުކޫލުތަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ގުރޭޑް 10 އަދި 12 ނިންމާ ދަރިވަރުންނަށް ސުކޫލު ފަރާތުން ބާއްވަމުން ގެންދާ ގްރެޖްއޭޝަން ހަފްލާ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމަށެވެ. ނަމަވެސް ހަފްލާގައި ބައިވެރިކުރަން ޖެހޭނީ ދަރިވަރުންނާއި ސުކޫލުގެ މުވައްޒިފުން އެކަނި ކަމަށް ބުނެފައިވެއެވެ.
އެޑިއުކޭޝަންގެ މި އެންގުމާއެކު ބެލެނިވެެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ބެލެނިވެެރިން ވަނީ ދަރިވަރުންގެ އެންމެ މުހިންމު ހަފްލާގައި ބެލެނިވެރިންނަށް ބައިވެރިނުވެވުން ގަބޫލު ނުކުރެވޭ ކަމަށް ބުނެފައެވެ. އަދި ދަރިވަރުންވެސް އެކަމާ ކަންބޮޑުވާ ކަމަށް ބުނެފައިވެއެވެ.
"ދަރިވަރާއި ބެލެނިވެރިއާއަށް އެންމެ މުހިންމު ހަފްލާގައި ބައިވެރިނުވެވޭނެ ކަމަށް މި ބުނަނީ ކޮން ހަމައަކުން. ގްރެޖްއޭޝަން ހަފްލާއަކީ އަހަރެމެންނަށް ކިހާ މުހިންމު ހަފްލާއެއްކަންވެސް ނޭންގޭ ބަޔަކު މިނިސްޓްރީގައި މި ތިބީ. ދަރިވަރު ހޯދާ ފަހުރުވެރި ކާމިޔާބީއަށް އެންމެ އުފާކުރާނީ ބެލެނިވެރިއާކަށް ނޭންގޭތަ،" ބެލެނިވެރިއަކު ފޭސްބުކްގައި ލިޔެފައިވެއެވެ
އެހެން ބެލެނިވެރިއަކު ބުނީ އެޗްޕީއޭގެ މިންގަނޑުތެރޭ ހުރިހާ ކަމެއް ކުރެވޭއިރު ގްރެޖްއޭޝަން ހަފްލާ އެ މިންގަނޑުތެރޭ ނުބޭއްވެންވީ ސަބަބެއް ނޭންގޭ ކަމަށެވެ. އަދި ބެލެނިވެރިން ބައިވެރިނުކޮށް އެ ހަފްލާ ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ބައެެއް ބެލެނިވެރިން ބުނެފައިވެެއެވެ.
"މި ގައުމަކީ އެއްވުން މަނާކޮށްފައިވަނިކޮށް އެޗްޕީއޭގެ މިންގަނޑަށް އެއްވުން ބާއްވާ ގައުމެއް. ދެން ގްރެޖްއޭޝަން އެ މިންގަނޑުގައި ނުބޭއްވެންވީ ކީއްވެ. އެފަދަ ހަފްލާއަކަށް އަހަރެން ދަރިފުޅު ނުފޮނުވާނަން،" އެހެން ބެެލެނިވެރިއަކު ލިޔެފައިވެެއެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ލުއި ދީފައެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ސުކޫލަށް ހާޒިރުވެ ކިޔަވައިދޭން ވަނީ އަންގާފައެވެ. އާދިއްތައިން ފެށިގެން އެލްކޭޖީ އިން މަތީ ގުރޭޑްތަކުގެ ދަރިވަރުން ސުކޫލަށް ހާޒިރުވާނެއެވެ.