ލައިފްސްޓައިލް

50 އަހަރުގައި ޔުނިފޯމް އަޅައިގެން ސްކޫލަށް

ކިޔަވާކަށް ވަކި އުމުރެއް ނޯންނާނޭ ބުނެ އުޅެ އެވެ. ނައިޖީރިޔާގެ 50 އަހަރުގެ މި އަންހެންމީހާ ވަނީ އަމަލުން މިކަން ސާބިތު ކޮށްދިފަ އެވެ.

ޝާދޭ އަޖާއީއަކީ ވިޔަފާރިކުރާ އަންހެނެކެވެ. މެދު އުމުރަށް އެޅި އިރުވެސް ކްލާހެއްގެ ތެރެއަށް އެންމެ ފިޔަވަޅެއް ވެސް އަޅާފައެއް ނެތެވެ. ނަމަވެސް 50 އަހަރު ފުރުނުއިރު އޭނާއަކީ ސްކޫލެއްގައި ކިޔަވާ ދަރިވަރެކެވެ. އޭނާ ކިޔަވަނީ އޭނާއަށްވުރެ 40 ވަރަކަށް އަހަރަކު ހަގު ކުދިންނާ އެކުގަ އެވެ. ނަމަވެސް އެއީ އަޖާއީ އަކަށް މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. ލިޔަން ކިޔަން ދަސްވާތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.

ނައިޖީރިޔާގައި އަޖާއި ކިޔަވަންދާ ސްކޫލުގެ ކުދިން އަޅަނީ ފިޔާތޮށި ކުލައިގެ ޔުނިފޯމެކެވެ. އެކުދިންނެކޭ އެއްގޮތަށް އަޖާއީ ވެސް ކިޔަވަންދަނީ ހަމަ އެ ޔުނިފޯމް އަޅައިގެންނެވެ.

"އަހަރެން ލަދެއް ނުގަނޭ ޔުނިފޯމް އަޅާކަށް،" އަޖާއީ ބުންޏެވެ.

ކުޑައިރު އެންމެ ކިޔަވަންވީ އުމުރުގައި އަޖާއީ އުޅުނީ ބޮޑުދައިތައެއްގެ ފިހާރައިގައި މަސައްކަތް ކުރާށެވެ. އޭރު ކިޔަވަން ސްކޫލަށް ދާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ނަމަވެސް މިހާރު އަޖާއީއަކީ އަމިއްލަ ވިޔަފާރިއެއް ކުރާ މީހެކެވެ. އޭނާ ކުރާ މަސައްކަތަކީ އަތް ދަބަސް ތައްޔާރުކޮށް ވިއްކުމެވެ. އަޖާއީ ބުނި ގޮތުގައި އޭނާ ބޭނުންވާ ގޮތަށް ވިޔަފާރީގެ ކަންކަން ވެސް ނުކުރެވެނީ ލިޔަން ކިޔަން ނޭނގޭތީ އެވެ.

އެހެންވެ އޭނާ ކިޔެވުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ސްކޫލުތައް ހުޅުވުމާ އެކުގަ އެވެ. ނަމަވެސް ކިޔަވަންދާން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ސްކޫލު ބަންދުކުރީ އެވެ. އަލުން ހުޅުވާފައިވަނީ މިއަހަރުގެ ޖެނުއަރީގަ އެވެ.

އަޖާއީ އާއެކު ކިޔަވާ ކުދިންގެ އެވްރެޖް އުމުރަކީ 11 އަހަރެވެ. ނަމަވެސް ޓީޗަރު ފިލާވަޅު ކިޔައިދިނުމުން އޮޅުން ނުފިލާ އެއްޗެތި އަހަން އަތް ނަގާކަށް އަޖާއީ އެއްގޮތަކަށް ވެސް ލަދެއް ނުގަނެ އެވެ. އަދި ހުރިހާ ކުދިންނާ ގުޅިގެން ކުޅިވަރު ކުޅުމާއި ކުދިންނާ ވާހަކަ ދެއްކުން އަދި ފިލާވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރުން ފަދަ ހުރިހާ ކަމެއް ވެސް އަޖާއީ ކުރެ އެވެ.

އަޖާއީގެ އަންހެން ދަރިފުޅު ޝޯލާ އަޑެބޮޔޭ ބުނި ގޮތުގައި ކުޑަ ކުދިންނާއެކު މަންމަ ކިޔަވަން ސްކޫލަށް ދާން ފެށުމުން ފުރަތަމަކޮޅު އޭނާ ވަރަށް ލަދުގަތެވެ. ނަމަވެސް ފަހުން އެކަމަށް ހޭނިއްޖެ އެވެ.

"މަންމަ އަބަދުވެސް ބޭނުންވޭ ކިޔަވަން،" ހަމްދަރުދީގެ ރާގެއްގައި ޝޯލާ ބުންޏެވެ.

އަޖާއީ ބުނީ އޭނާގެ ވާދަވެރި ވިޔަފާރިވެރިންނަށް ލިޔަން ކިޔަން އެނގޭތީ އެމީހުން މާ ބޮޑަށް ކުރިއަރައި ދެއެވެ. އެހެންވެ އޭނާވެސް ކިޔަވަން ގަސްތުކުރީ އެވެ. އަދި ކުރިޔަށް އޮތް ހަތަރު އަހަރު ކިޔަވަން އަޖާއީ ވަނީ ނިންމާފަ އެވެ. އޭނާގެ ވިޔަފާރިއަށް އެކަމުން އެހީތެރިކަން ލިބޭނެކަމަށް ގަބޫލުކުރާތީ އެވެ.

އޭނާއަށް މަލާމާތްކުރާ މީހުންގެ ވާހަކަ އެހުމުން އަޖާއީ ބުނީ މީހުން ކިޔަވާ އެއްޗަކަށް ވިސްނާ ފިކުރު ކުރުމަކީ އޭނާ ކުރަން ޖެހޭނެ ކަމެއް ކަމަކަށް އޭނާ ނުދެކެ އެވެ.