ބިލިއަނަރަކަށް ވުމުން ކުރެވޭނެ އިހްސާސްތަކަކީ ކޮބައިތޯ ވިސްނާލިން ހެއްޔެވެ؟ ހާއްސަކޮށް ވަރަށް ކުޑައިރު ބޮޑު މަހުޖަނަކަށް ވެއްޖެނަމަ އެ ކުއްޖެއްގެ ދިރިއުޅުމަށް އަންނާނީ ކޮން ކަހަލަ ބަދަލެއްތޯ ޚިޔާލު ކޮށްލިން ހެއްޔެވެ؟ ނައިޖީރިޔާގެ ނުވަ އަހަރުގެ މި ފިރިހެންކުއްޖާއަކީ މިފަދަ ތަޖުރިބާއެއް މިހާރު ކުރަމުންދާ ކުއްޖެކެވެ. ސަބަބަކީ އޭނާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ހަގު ބިލިއަނަރަށް ވާތީ އެވެ.
މުހައްމަދު އަވަލް މުސްތަފާ މިހާރު މަޝްހޫރު ވެފައިވަނީ "ރިޗީ ރިޗް" ގެ ނަމުންނެވެ. އޭނާއަށް މީހުން މި ނަން ދީފައިވަނި އޭނާގެ މުއްސަނދިކަމުގެ ސަބަބުންނެވެ. މުހައްމަދުގެ އަތުގައި ގުނާ އަދަދު ނުކުރެވޭހާ ސުޕަކާރުތައް ވެއެވެ. ޕްރައިވެޓް ޖެޓެއް އޮވެ އެވެ. އުމުރުން އެންމެ ހަ އަހަރުގައި އޭނާއަށް ބޮޑު ގަނޑުވަރެއް ކަހަލަ ގެއެއް ލިބިފައި ވެއެވެ.
އިންސްޓަގްރާމްގައި މުހައްމަދުގެ އައިޑީއަކީ މޮމްފާ ޖޫނިއާ އެވެ. މުހައްމަދު ގެންދަނީ އޭނާ ފޮލޯ ކުރާ 25،000 ވަރަކަށް މީހުންނަށް އޭނާގެ މުއްސަނދި ދިރިއުޅުން ފެންނަ ފޮޓޯތައް ޝެއާ ކުރަމުންނެވެ.
މުހައްމަދަކީ ނައިޖީރިޔާގެ މަޖުޖަނު އަދި އިންޓަނެޓް ސެލެބްރިޓީ އިސްމައިލިއާ މުސްތަފާގެ ދަރިއެކެވެ. އިސްމާއިލިއްޔާ މަޝްހޫރުވެފައި ވަނީ މޮމްފާގެ ނަމުންނެވެ. އޭނާގެ ދަރިފުޅު ޖޫނިއާ މޮމްފާގެ ނަމުން މަޝްހޫރުވާން ބޭނުންވަނީ އެހެންވެ އެވެ.
އިސްމާއިލިއްޔާ އިންސްޓަގްރާމްގައި ފޮލޯކުރާ މީހުންގެ އަދަދު 1.1 މިލިއަނަށް އަރަ އެވެ. އޭނާގެ ދަރިފުޅު އިންސްޓަގްރާމް އެކައުންޓް ހުޅުވީ ވަރަށް ފަހުންނެވެ. އަދި މިހާތަނަށް ޝެއާ ކުރީ އެންމެ ނުވަ ޕޯސްޓެވެ. ނަމަވެސް އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު މިހާރު ވަނީ 26،000 އަށް އަރާފަ އެވެ.
އިނގިރޭސި ވިލާތުގެ "ދަ ސަން' ގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މޮމްފާ އޭނާގެ ޖޫނިއާ މޮމްފާއަށް ފުރަތަމަ ގަނޑުވަރެއް ގަނެދިނީ 2018 ވަނަ އަހަރު އެވެ. އެއީ ޖޫނިއާ މޮމްފާގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ގަނެދިން ގަނޑުވަރެކެވެ.
މި ގަނޑުވަރު ހަދިޔާ ކުރުމަށް ފަހު އޭނާގެ ދަރިފުޅަށް މޮމްފާ ލިޔެފައިވާ މެސެޖުގައި ބުނެފައި ވަނީ ދިރިއުޅޭނެ ގެއެއް ހުރިކަމުގެ އިހްސާސަކީ ދުނިޔޭގައި މީހަކަށް ކުރެވޭނެ އެންމެ އުފާވެރި އިހްސާސް ކަމަށެވެ. އެއީ ލަފުޒުތަކަކުން ބަޔާން ކުރެވޭނެ އިހްސާސެއް ނޫން ކަމަށާއި އަދި އެއީ ފައިސާ އިން ވަޒަން ކުރެވޭނެ އިހްސާސެއް ނޫން ކަމަށެވެ.
އަގުބޮޑު ގަޑިތަކާއި އެނޫންވެސް ހިފައިގެން ތަންތަނަށް ފަސޭހައިން ގަންދެވޭ ކަހަލަ އަގު ބޮޑު ތަކެތި ގިނަ އަދަދަކަށް ގަނެގެން މޮމްފާ އޭނާގެ މުއްސަނދިކަމުން ޓެކްސް ނުދައްކައި މުއްސަނދިކަން ފޮރުވަން މަސައްކަތްކުރާ ކަމަށް ނައިޖީރިޔާގެ އެންޓި-ކޮރަޕްޝަން އެޖެންސީން މިދިޔަ މަހު ތުހުމަތު ކޮށްފައި ވެއެވެ.