ޗައިނާގެ ޑެލިވަރީ މީހަކު އޭނާގެ ދެ އަހަރުގެ އަންހެންދަރިފުޅު ގޮވައިގެން މަސައްކަތުގައި އުޅޭ މަންޒަރުން ގިނަ ބަޔަކަށް އަސަރު ކޮށްފި އެވެ. ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވެފައިވާ އެއް ވީޑިއޯއަކީ މި މީހާ ދަރިފުޅު ގޮވައިގެން ތަންތަނަށް އެއްޗެތި ޑެލިވަރީ ކުރަން ދާ މަންޒަރު ފެންނަ ވީޑީއޯ އެވެ.
އޭނާގެ ސައިކަލުގެ ފަހަތުގައިވާ ފޮށިގަނޑު ތެރޭގައި ދެ އަހަރުގެ ދަރިފުޅު ލީ ފަޔާ ވަރަށް މަޖާކޮށް އިންދާ މި ވީޑީއޯގައި ފެނެ އެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓުގައިވާ މި ހަބަރުގައިވާ ގޮތުން މި ކުޑަ ކުއްޖާ އޭނާގެ ބައްޕަ މަސައްކަތްކުރާއިރު ބައްޕަ އާއެކު ތަންތަނަށް ދަނީ އުމުރުން ހަ މަހުން ފެށިގެންނެވެ.
ޑެލިވަރީ ބޮކްސް ތެރޭގައި ކުއްޖާ އިންނައިރު އެއްގޮތަކަށް ވެސް ބޮޑާހާކާ ރޮޔެއް ނުހަދަ އެވެ. ބައްޕަގެ މަސައްކަތުގައި އޭނާވެސް އެހީތެރި ވެދެނީ ކަމަށް ހީވާ ފަދަ ގޮތަކަށް މި ކުއްޖާ ވަރަށް ހެވިފައި އެ ފޮށި ތެރޭގައި އިނދެ އެވެ.
މި ވީޑިއޯގައި ޑެލިވަރި މޭން ބުނަނީ އޭނާއަކީ ޕޯސްޓުން އަންނަ އެއްޗެހި ތަންތަނަށް ޑެލިވަރީ ކޮށްދޭ މީހެއް ކަމަށާއި އޭނާއާއެކު އެ މަސައްކަތުގައި އޭނާގެ ދަރިފުޅު ގެންދަނީ ތަފާތު އެތައް ސަބަބުތަކަކާ ހުރެ ކަމަށެވެ.
މޭ، 2019 އިން ފެށިގެން މި މީހާ ޑެލިވަރީ ކުރަން ދާއިރު ދަރިފުޅު ގެންދެ އެވެ. ނަމަވެސް މިއީ ހީކުރާހާ ފަސޭހަ ކަމެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.
ދަރިފުޅު ގޮވައިގެން މަސައްކަތް ކުރަން އުޅެނިކޮށް ވަރަށް އުނދަގޫ ކަންކަމާ ވެސް ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ހިތްތަކާ ކުޅެލާ ކަހަލަ ހަނދާންތަކެއް ވެސް ރައްކާ ކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.
ލީ ފަޔާގެ ބައްޕަ އާއި މަންމަ އޭނާ ބެލުމުގެ ޒިންމާ އޮންނަނީ ދެ މީހުންނަށް އެއްވަރަކަށް ބަހާފަ އެވެ. ކުޑަ ކުއްޖާގެ މަންމައަކީ ވެޓް މާކެޓެއްގައި މަސައްކަތްކުރާ މީހެކެވެ. އެހެންވެ އެ މަސައްކަތުގައި ހެނދުނު އޭނާ އުޅޭ ވަގުތު ދަރިފުޅު ބަލާނީ ބައްޕަ އެވެ. ޑެލިވަރީއަށް ދާއިރު ކުޑަ ކުޑަ ލީ ގެންދަން މި ފިރިހެންމީހާއަށް މަޖްބޫރު ވަނީ އެހެންވެ އެވެ.
ހަވީރު ގަޑިގައި ކުޑަ ކުއްޖާގެ މަންމަ ބާޒާރުގެ މަސައްކަތް ނިންމާފައި އައުމަށް ފަހު ދުވަހުގެ ބާކީ ހުރިހާ ވަގުތެއް ހޭދަކުރަނީ މަންމަ އާ އެކުގަ އެވެ.
ދަރިފުޅު މިހާ ކުޑައިރު މިގޮތަށް ބޭރު ތެރޭގައި ގިނަ އިރު ގެންގުޅެންޖެހޭތީ އޭނާގެ މައިންބަފައިން ދެރަވެ އެވެ. ނަމަވެސް މިވަގުތަށް އެމީހުންނަށް މި ނޫން ގޮތެއް ނެތް ކަމަށް އެމީހުން ބުނެ އެވެ.