ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޔޫރޯ ޒޯންގައި ފަހު ވަގުތު ނޯތު މެސަޑޯނިއާ އަތް ދަށުވެ 2-1 ން ޖަރުމަން ބަލިވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި މެސަޑޯނިއާ އާ ދެކޮޅަށް ޖަރުމަން ނުކުތީ ގުރޫޕް ޖޭ ގައި އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުގައި އައިސްލެންޑާ ރޮމޭނިއާ ބަލި ކުރުމަށް ފަހު އެވެ. ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެ ދެ މެޗުން މޮޅުވުމުން ޖަރުމަނަށް އޮތީ އިތުބާރާ ބޮޑު ވެފަ އެވެ. އެހެން ނަމަވެސް މެޗުގެ 90 މިނެޓް ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް މެސަޑޯނިއާގެ އެލްޖިފް އެލްމާސް ލަނޑު ކާމިޔާބު ކޮށް ޖަރުމަންގެ ހިތް ހަލާކު ކޮށްލި އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗަކުން އަމިއްލަ ދަނޑުގައި ޖަރުމަން އެ ބަލިވީ 20 އަހަރަށް ފަހު އެވެ. އެ ޓީމުން މީގެ ކުރިން އަމިއްލަ ދަނޑުގައި ބަލިވީ 2001 ގައިު އިންގްލެންޑް އަތުން 5-1 އިންނެވެ.
"މިއީ ހިތި އަދި ހިތްދަތި ނަތީޖާއެއް،" އޭނާގެ ކޯޗް ކަމުގެ ދަށުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖަރުމަން ކުޅޭނެ އެންމެ ފަހު މެޗަށް ފަހު ކޯޗް ޔޯކިމް ލޯ ބުންޏެވެ. ޖޫން ޖުލައިއަށް ފަސް ކޮށްފައިވާ ޔޫރޯ 2020 އަށް ފަހު، ޖަރުމަންގެ ކޯޗްގެ މަގާމު ދޫކޮށްލުމަށް ލޯ ވަނީ ނިންމާފަ އެވެ.
"އަހަރެމެން ތިބީ އެންމެ ތާޒާ ކޮށެއް ނޫން. ގިނަ މިސްޓޭކްތަކެއް ހެދުނު. ހަލުއި ކަމާއެކު މެޗު ކުޅެން އުޅުމުން އަހަރެމެންގެ ފަރާތުން ނުރައްކާ ފެނުނު. ނަމަވެސް އެ ފުރުސަތުތައް ބޭނުން ކުރާނެ ޓޫލެއް އަހަރެމެންނަކަށް ނުހޯދުނު. އަމިއްލަ ދަނޑުގައި އެގޮތަށް ބަލިވުމަކީ ހިތްދަތި ކަމެއް."
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސަޑޯނިއާގެ ވެޓަރަން ފޯވަޑް ގޮރާން ޕެންޑޭވް މެސަޑޯނިއާ ލަނޑު ޖަހައިދިނެވެ. ދެ ވަނަ ހާފުގައި މެސަޑޯނިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ އެޒީޖީޖަން އަލިއޮސްކީ، ޖަރުމަންގެ ލިރޮއީ ސަނޭއަށް ޗާޖު ކުރުމުން ދިން ޕެނަލްޓީގައި ގުންޑޯގަން ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ފީފާ ރޭންކިންގައި މެސަޑޯނިއާއަށް ވުރެ 52 ދަރަޖަ ކުރީ އޮތް ޖަރުމަން ޓީމުގެ ޓިމޯ ވާނާ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ތަފާތު ދައްކާނެ ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭގެ ފަހުން އަރިއާން އަޑެމީ ކަޓްކޮށް ދިން ބޯޅައިން އެލްމާސް ލަނޑު ކާމިޔާބު ކުރި އެވެ.
ގުރޫޕް ޑީ ގައި ބޮސްނިއާ ހާޒެގޮވީނާ އަތުން ދުނިޔޭގެ ޗެމްޕިއަން ފްރާންސްވެސް މޮޅުވީ ކިރިޔާ އެވެ. މެޗުގެ ހަމައެކަނި ލަނޑު ފްރާންސަށް ދެ ވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ އެންޓްއާން ގްރީޒްމަން އެވެ. ގުރޫޕް ސީ ގައި ލިތުއޭނިއާ އާ ދެކޮޅަށް ކުޅުނު މެޗު އިޓަލީ ކާމިޔާބު ކުރީ 2-0 ންނެވެ.
ގުރޫޕް އައި ގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު އިންގްލެންޑް ޓީމު މޮޅު ކޮށްދިނީ ފަހު ވަގުތު ހެރީ މެގްއާ ކާމިޔާބު ކުރި ލަނޑުންނެވެ. ޕޮލެންޑްގެ ސްޓާ ފޯވަޑް އަދި ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީއަށް އަނިޔާ ވެފައި ވުމުން އޭނާ ޓީމުން ބާކީ ކުރުމަށް ފަހު ނުކުތް ޕޮލެންޑްގެ ޓީމު އިންގްލެންޑް އަތުން ބަލިވީ 2-1 ންނެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ހެރީ ކޭން އިންގެލެންޑަށް ލީޑް ނަގައިދިނެވެ. ދެ ވަނަ ހާފުގައި ޕޮލެންޑްގެ ޒުވާން މިޑްފީލްޑާ ޔާކުބް ޕީޓާ މޯޑާ ޕޮލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އިންގެލެންޑް މޮޅުކޮށް ދިން ލަނޑު މެގްއާ ކާމިޔާބު ކުރީ 85 ވަނަ މިނެޓްގަ އެވެ.