ވިޔަފާރި

"ޝަރުއީ ދާއިރާ މާލީ ދާއިރާއަށް އަހުލުވެރިވާން ޖެހޭ"

Nov 4, 2015

ރާއްޖޭގެ ޝަރުއީ ދާއިރާއިން މާލީ ދާއިރާއަށް އަހުލުވެރިވާން ޖެހިފައިވާ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ހުސެއިން ހިލްމީ ރޭ ވިދާޅުވެއްޖެ އެވެ.

ބޮޑެތި މަޝްރޫއުތަކަށް ރާއްޖޭން ފައިސާ ހޯދަން ހުރި ދަތިތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މައުމޫނުގެ ދުވަސްވަރު ޔޫތު މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ހިލްމީ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އޮތީ ވަރަށް ބޮޑަށް ޑިވްލޮޕްވެގެން ގޮސް މޮޑާން ވެފައި މި ކަންކަމަށް ރާއްޖޭގެ ޝަރުއީ ދާއިރާއިން އަހުލުވެރިވާން ޖެހޭ ކަމަށެވެ.

"ގާނޫނީ ގޮތުންވެސް މިކަން ފުރިހަމަ ވާންޖެހޭ. މީގެ އިތުރުން ރެގިއުލޭޓްރީ ކަންތައްތަކުގެ ތެރެއިން ވެސް. މީގެ އިތުުރުން ވިޔަފާރިކުރާ މީހުންގެ ކަންތައްތައްވެސް ބަދަލު ކުރަންޖެހޭ. އެންމެ މުހިންމު ކަމަކީ އިތުބާރު. އިންވެސްޓަރުން އިންވެސްޓް ކުރިއަސް ކުރާނީ އިތުބާރަށް. އަނެކެއްޗަކީ ޓްރާންސްޕޭރެންސީ،" ހިލްމީ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ސަންލޭންޑް ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ ހިލްމީ ވިދާޅުވީ ޕްރައިވެޓް ސެކްޓާއިން ބޮންޑް ރެއިޒް ކުރަން މަސައްކަތްކުރާއިރު، ހިސާބުތަކަކީ ވެސް އިތުބާރު ހުރި އެއްޗަކަށްވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ބޮންޑް މާކެޓަކީ އަޅުގަނޑުމެންނަށް ޑިވްލޮޕް ކުރެވިދާނެ މާކެޓެއް. ދެދުފުޅެއް މި ރީޖަންގެ މާކެޓުތައް އޮތީ ފްލަޑްވެފައި ޖަންކް ބޮންޑުން. އެހެންވީމަ ބޮންޑްތައް ރެއިޒް ކުރާއިރު ވެސް ވަރަށް ބޮޑަަށް އިތުބާރު އުފައްދަން އެބަޖެހޭ،" މަޝްހޫރު ކޮކޯ ރިސޯޓުގެ ވެސް ޑިރެކްޓަރެއް ކަމަށްވާ ހިލްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮންޑް ވިއްކަން މަސައްކަތްކުރާއިރު، އަތޮޅުތަކުގެ ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސްމޯލް ބޮންޑް ރެއިޒް ކުރެވޭނެ.އެގޮތުން ރައްޔިތުންގެ ސޭވިންސް މި ދިމާލަށް މޮބިލައިޒް ކުރަން ޖެހޭ،" ހިލްމީ ވިދާޅުވި އެވެ.