ކާނާ

އީރާނުގެ "ހަލާލު ކޭއެފްސީ" ބަންދުކޮށްފި

Nov 4, 2015

ތެހްރާން - އީރާނުގައި ހުޅުވި ކޭއެފްސީ ކަމަށް ބެލެވުނު ތަނެއް ހުޅުވިތާ ދެދުވަސް ނުވަނީސް ބަންދުކުރަން ޖެހިއްޖެއެވެ. އީރާނުގެ ފުލުހުން ފުރަތަމަ ހީކުރީ މިއީ އެމެރިކާގެ ފާސްޓްފުޑް ޖަޔަންޓް "ކެންޓަކީ ފްރައިޑް ޗިކަން"، ކޭއެފްސީގެ ގޮތްޕެއް ކަމަށެވެ.

މިކަން ހިނގީ، އީރާނުގެ ކަންކަމުގާ ހުޅަނގުގެ ނުފޫޒު އިތުރުވަމުންދާ ކަމަށް ބުނެ، އެގައުމުގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ތަނުގެ މެނޭޖަރު ބުނީ އެއީ އެމެރިކާގެ ކޭއެފްސީއާ އެއެވެސް ގުޅުމެއްނެތް، "ހަލާލް ކޭއެފްސީ" ކިޔާ ތުރުކީ ކުންފުންޏެއްގެ ރެސްޓޯރެންޓެއް ކަމަށެވެ. އަދި އެ ކުންފުންޏަކީ އެމެރިކާ ކޭއެފްސީގެ ވާދަވެރިއެއް ކަމަށާއި. އެތަން ބަންދުކުރަން ޖެހިފައި މިވަނީ އޮޅުމަކުން ކަމަށެވެ.
ކޭއެފްސީ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފާސްޓްފުޑް ޗެއިންއެވެ.

ފުލުހުން ބުނީ އެ ރެސްޓޯރެންޓް ހުޅުވާފައި ވަނީ ވެސް ވަގު ހުއްދައެއްގެ ދަށުން ކަމަށްވާތީ، އެއީ އަސްކު ކޭއެފްސީ ނޫނަސް ބަންދުކުރަން ޖެހޭނެ ކަމަށެވެ. ސަރުކާރުން ބުނީ އެގައުމުގެ ފާސްޓްފުޑް އިންޑަސްޓްރީގައި ހުޅަނގުގެ ބްރޭނޑު ތަކަށް އެއްވެސް ފުރުސަތެއް ދިނުމަށް ސަރުކާރުން ވިސްނާފައި ނުވާ ކަމަށާއި، ސުޕްރީމް ލީޑަރުގެ އަމުރަކީ އެއީ ކަމަށެވެ.

އަދި ގައުމީ މީޑިޔާއިން އަޑު ފެތުރީ މިއީ އެމެރިކާއިން އެގައުމުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ރޭވުންތެރި ކަސައްކަތްތައް ކަމަށެވެ.
ދުނިޔޭގެ ބާރުތަކާއެކު އދ.ގެ ވެސް ބައިވެރިވުމާއެކު އީރާނުން ހެދި ނިއުކްލިއާ އެއްބަސްވުމަކީ އީރާނުގެ "އެމެރިކާއާ ދެކޮޅު" ވިސްނުން ފިނި ކުރަން ކުރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި މި އެއްބަސްވުމުން އުފެދޭ ގުޅުމުގެ ފައިދާ ނަގައި ހުޅަނގުން އުޅެނީ އީރާނަށް ނުފޫޒު ފޯރުވަން ކަމަށް މިފަދަ ފަރާތްތަކުން ބުނެއެވެ. -- ބީބީސީ