މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖު 2023 ވަނަ އަހަރުގެ ތެރޭގައި ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިއަދު އަސްލަމް ވަނީ ތިލަ މާލެ ބްރިޖާއި ގުޅިފަޅުގައި ހަދާ ބަނދަރަކީ މި ސަރުކާރުގެ އެންމެ ބޮޑު ދެ މަޝްރޫއުގެ ގޮތުގައި ފާހަގަ ކުރައްވާފަ އެވެ.
ތިލަ މާލެ ބްރިޖުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖު ހަދަން ޝައުގުވެރިވާ ކުންފުނިތަކުން ބީލަން ހުށަހެޅުމަށް ކުރިން ފުރުސަތު ދީފައި އޮތީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް މިހާރު އެކަމަށް އިތުރު ދުވަސް ދީފައިވާ ކަމަށާއި ޕްރީކޮލިފައި ކުރާ ޕާޓީތަކުން މިމަސް ނިމުމުގެ ކުރިން ބީލަންތައް ހުށަހަޅާނެ ކަމަށެވެ.
ބީލަންތައް ލިބުމާއެކު އިވެލުއޭޓް ކުރުމުގެ މަސައްކަތް ލަސް ނުކޮށް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ބަޔަކު ކަނޑައެޅުމަށް ފަހު ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބަލަނީ 2023 ގެ މެދާ ހިސާބަށް ދާންވާއިރަށް އަޅުގަނޑުމެންނަށް ގުޅިފަޅާ ހިސާބަށް ކަނެކްޓިވިޓީ އިންނާނީ ލިބިފައި ކަމަށް،" އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައި ދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަ މަސް ތެރޭގައި ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.