އެލެކްސީ ނަވަލްނީ

އެލެކްސީ ނަވަލްނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރައްވަނީ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ޖަލުގައި ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ. އޭނާ މިހާރު ހުންނެވީ ޖަލުގަ އެވެ.

ނަވަލްނީ 44، ވިދާޅުވީ ޖަލު ބަލަހައްޓާ ގާޑުން ޖެއްސުން ކުރާ ވަރުން ރޭގަނޑު އަވަހާރަފުޅު ލައްޕަވަން ދަތިވެވަޑައިގަންނަވާ ކަމަށާއި ބޭސް ފަރުވާއަށް ވެސް ހުރަސް އަޅާ ކަމަށެވެ.

ޖަލުބަލަހައްޓާ އޮފިޝަލުންނަށް ނަވާލްނީ ފޮނުއްވި ސިޓީގައި، ސިއްހީ ފަރުވާއަށް އެދިވަޑައިގެންފައިވެ އެވެ. އަދި ހަށިގަނޑުން ރިހުން ނުފިލާ ކަމަށާއި އުނަގަނޑުން ތިރިން އައްސިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ނަވަލްނީ ހައްޔަރުކޮށްފައި ވަނީ މިއަހަރު ޖެނުއަރީ 17 ވަނަ ދުވަހު، ޖަރުމަނުން ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ތަނާ އެއާޕޯޓުންނެވެ.

ނަވަލްނީ އަކީ ރަޝިގެ ރައިސް، ލަޑިމިއާ ޕޫޓިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުކެވެ. ސަރުކާރުން ކަންކުރާ ގޮތަށް ފާޑުވިދާޅުވެ އަދި ސަރުކާރުގެ އަމަލުތަކަށް ނުރުހުން ފާޅު ކުރުމަށް މަގުތަކަށް އާންމުން އެއްވާން ވެސް އޭނާ ގޮވާލައްވަ އެވެ.

ނަވަލްނީއަށް ޖަލުގައި ހުރިހާ ކަމެއް ވެސް ފުރިހަމަ ވާނެ ކަމަށް ރަޝިއާގެ އިދާރާތަކުން ބުނެ އެވެ. އޭނާ ކުރައްވަނީ އަސާސެއް ނެތް ޝަކުވާތަކެއް ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ. އޭނާ ޖަލުގައި ހުންނެވި ނަމަވެސް، ޖަލުގައި ހުންނަ މީހަކަށް ހައްގު އެއްވެސް ކަމެއް އުނި ނުވާނެ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.