އެމްޑީޕީގެ ވިޕްލައިނާ ޚިލާފްވި މައްސަލައިގައި ހުޅު ހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމި ނިންމުމަށް އެ ޕާޓީގެ އިސްތިއުނާފް މަޖިލީހުން ތާއީދުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުގައި މިދިޔަ ޑިސެމްބަރު މަހު ނެގި ވޯޓުގައި މޫސަ ބައިވެރިވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް އޭގެކުރިން އެމްޑީޕީން ވިޕްލައިން ނެރެފައި އޮތީ އެ ޕާޓީގެ ހުރިހާ މެމްބަރުން ވެސް ޖަލްސާއަށް ހާޒިރުވެ އެކަމާ ދެކޮޅަށް ވޯޓު ދިނުމަށެވެ.
އެ މައްސަލަައިގައި މޫސާ ޕާޓީން ވަކިކުރުމުގެ އިތުރުން އަލުން ޕާޓީއާ ގުޅުނަސް ފަސް އަހަރު ވަންދެން އެ ޕާޓީގެ އެއްވެސް މަގާމަކަށް މޫސަ އަށް ކުރިމަތި ނުލެވޭ ގޮތަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ މޫސަގެ ފަރާތުން އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުގެ ފަސް މެމްބަރުން އިއްތިފާގުން މިރޭ ނިންމާފައިވަނީ ފިޔަވަޅު އަޅާ ކޮމެޓީގެ ނިންމުން ބާތިލްކުރާނެ ޖާގައެއް ނެތް ކަމަށެވެ.
އިސްތިއުނާފް މަޖިލީހުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލަ ކޯޓަށް ގެންދިއުމުގެ ހައްގު މިހާރު މޫސައަށް އޮންނާނެ އެވެ. ހައި ކޯޓުން ކުރިން ނިންމާފައިވާ ގޮތުން ޕާޓީތަކުން މީހުންނާ މެދު އަޅާ ފިޔަވަޅުތަކުގެ މައްސަލަ ކޯޓަށް ހުށަހެޅޭނީ އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ހުށަހެޅުމަށް ފަހުގަ އެވެ.
ފާއިޒާއި މުއުތަސިމް ވަކިކުރަން ނެގި ވޯޓުގައި މޫސަގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ އިތުރު ފަސް މެމްބަރަކު ވެސް ބައިވެރިވަޑައެއް ނުގަންނަވަ އެވެ. އެ މައްސަލައިގައި އެ ފަސް މެމްބަރުންނާ މެދު ވެސް އެކި ފިޔަވަޅުތައް އެ ޕާޓީން އަޅާފައިވީ ނަމަވެސް އެއިން މެމްބަރަކު ވަކިކުރަން ނިންމާފައެއް ނުވެއެވެ. އަދި އެ މެމްބަރުން ފަހުން ވަނީ ޕާޓީގެ ކިބައިން މައާފަށް އެދިފަ އެވެ.