(30 މާރިޗު 2021 އާ ގުޅޭ)
އޭނާގެ ކޯތާފަތުގައި އަސްލަންގެ ކަނާއަތުން ފިރުމާލީ ދެނެވެ. ގާތްވެލީ ނޭވާ އިހްސާސް ވާހާ ކައިރިއަށެވެ. ނޯޔާ އިސްނެގީ އެހެން ވެއެވެ. ނަމަވެސް ތުންފަތުގެ ބީހިލުން ފުރިހަމަ ނުވަނީސް އަސްލަން ފަހަތަށް ޖެހިލި ގޮތުން ނޯޔާ ހުއްޓުން އެރި އެވެ. އަސްލަންގެ އިޝާރާތް ނޯޔާއަށް އޮޅުނީއޭ ހީކުރެވުނެވެ.
"ސޮރީ..." ނޯޔާ ނިކަން އަވަހަށް މައާފަށް އެދުނެވެ.
އަސްލަންގެ ނަޒަރު ނޯޔާއާ ދުރަކަށް ނުދެއެވެ. އަތުގައި ހިފާލައި ގާތަށް ދަމާލި ގޮތަށް ނޯޔާގެ ހަށިގަނޑުގައި އަސްލަން ބައްދާލައިފި އެވެ.
"ނުދައްޗޭ..." އަސްލަން ވާހަކަ ދެއްކީ މަޑުންނެވެ. ކަންތައްވީ ގޮތުން ނޯޔާ އެތަނުން ހިނގައިދާނޭ އަސްލަންއަށް ހީވީ އެވެ. އޭނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން އިން ނޯޔާ ބޯ ހަރަކާތްކޮށްލި އެވެ. އާނއެކޭ ބުނާށެވެ. އެހިނދު ކުޑަކުއްޖަކު އުރާލާ ފަދައިން ނޯޔާގެ އަތްބުޑުން އެ ހަށިގަނޑުގައި ހިފަހައްޓާލައި އަސްލަންއާއެކު އެނދަށް އަރުވައިފި އެވެ. ނޯޔާގެ ބޯ ތަންމަތީގައި ޖެހުމުގެ ބަދަލުގައި ބާއްވާލެވުނީ އޭނާގެ ކަނދުރާ ދަށުގައި ދަމާލެވިފައި އޮތް އަސްލަންގެ ކަނާއަތް މަތީ އެވެ. އެގޮތުގައި ނޯޔާ ގާތްކޮށްލައިގެން އަސްލަން އިރުކޮޅަކު އޮތެވެ. ދެން އޭނާ ނޯޔާގެ ނިތްކުރީގައި ބޮސްދީފި އެވެ.
"ނޯޔާދެކެ އަހަރެން ފޫއްސެއް ނުވޭ، ތީ މިހާރު އަހަރެންގެ އަނބިމީހާ، އެކަންވެސް އަހަރެން ޤަބޫލު ކުރަން، ތީ އަހަރެންނަށް ލެއްވި ރަހުމަތެއް، އަހަރެން މި ކައިވެނި ކުރިއިރު، ފުރަތަމަ އަނބިމީހާގެ މަރަށް އަދި އެއް އަހަރުވާން ކައިރި ވެސް ނުވޭ... ކައިވެނީގެ ވާހަކަ މަންމަ ދެއްކިއިރު ކިރިޔާ ހަ މަސް ފުރުނީ... މައިރާގެ ވަކިވުމުގެ ސަބަބުން ލިބުނު ހިތްދަތިކަން ރޯ ފާރުގަނޑެއް ފަދައިން މި މޭގައި ތާޒާކަންމަތީ އެބަހުރި، އަހަރެންނަށް ވަގުތު ބޭނުންވޭ... އަހަރެންގެ ނަފްސަށް ވަގުތު ބޭނުން ވޭ... ނޯޔާ ކަމު ނުދާތީއެއް ނޫން، އެއްވެސް އުނިކަމެއްނެތް އަންހެނެއްތީ... އުންމީދު ކުރި ވަރަށްވުރެ ވެސް ފުރިހަމަ، ނޯޔާ!، ފިރިހެނަކަށް ވިޔަސް އަހަރެންނަކީ މީހުން ހީކުރާހާ ހިތްވަރުގަދަ މީހެއް ނޫން، ހާއްސަކޮށް ލޯބީގައި... މައިރާގެ ކަންކަމުގައި... އޭނާ ވަކިވެގެން ދިޔައީ ވަރަށް ބަލިވެ އުޅެފައި، ވަރަށް ހާލުގައި އޮވެފައި... މިއަދު އަނުމް ދުނިޔޭގައި ހުއްޓަސް، އެކުއްޖާ އުފަންވާން އަހަރެން ބޭނުމެއް ނުވި، އެ ދަރިފުޅަށްވުރެ ވެސް އަހަރެންނަށް މައިރާ މުހިންމު، އޭނާގެ އެންމެ ފަހު ދުވަސްތަކުގައި އަހަރެންގެ ދެއަތުގައި އުފުލައިގެން ގެންގުޅުނީ... އަހަރެންނަށްވުރެ މައިރާ ހިތްވަރުގަދަ، އެ ހާލުގައި އެ ވޭނުގައި އޭނާ އުޅޭތަން ދުށުމަށް ކެތް ނުވެގެން ގިނަ ފަހަރު ރޮވެނީ އަހަންނަށް، ހޮސްޕިޓަލް އޭނާގެ ދާއިމީ ގެ ކަމުގައިވި، ވިހަންވީ ވަގުތު ނުޖެހެނީސް އަނުމް ނަގަން ޖެހުނީ މައިރާގެ ހާލު މާބޮޑަށް ދަށަށް ގޮސްގެން، އޭނާ އެނބުރި ނާންނާނެކަން އެނގޭ ކަހަލަ... ދެވަނަ ކައިވެންޏެއްގެ ވާހަކަ އޭނާ އަހަރެން ކައިރީ ދެއްކި، އެހެންމީހަކާ އިނދެފާނަންތޯ އެހި، ނޯޔާ.... އަހަރެން މައިރާދެކެ އެހާ ލޯބިވާއިރު އަހަރެން އެނޫން އަންހެނަކާމެދު ހިޔާލު ނުކުރާއިރު ދެވަނަ ކައިވެންޏެއް ކުރުމުގެ ވިސްނުން އަންނާނީ ކިހިނެއް، މައިރާގެ އެވާހަކަތައް އަހަރެންނަށް ކަމުދާ ވާހަކައަކަށް ނުވޭ، އަހަންނަކީ އަހަރެންގެ އަނބިމީހާދެކެ އިންތިހާއަށް ލޯބިވާ މީހެއް، ހަށިގަނޑުގައި ހިނގަނީ ވަފާތެރިކަމުގެ ލޭ، ދިރިއުޅުމަށް އެހެން އަންހެނަކަށް އަހަރެން ބޭނުމެއް ނުވޭ، ލޯތްބަކީ ހަށިގަނޑުގެ އެދުންވެރިކަމަށް ކިޔާ ނަމެއް ނޫން، އެހެންވެއްޖެނަމަ އެއީ ތެދުވެރި ލޯތްބެއް ނޫން، ހަށިގަނޑުގެ އެދުންތައް ހިފަހައްޓަން އަހަރެންނަށް އެނގޭ، މައިރާދެކެ ރުޅިއައީ އެފަދަ ވާހަކަތައް އަޑުއަހަން ބޭނުން ނުވެގެން، އެރޭ ނިދިޖެހުނު ވަގުތު އަހަރެން ކޮޅަށް ނެގީ މައިރާގެ ރުއިމުގެ އަޑު... އޭނާ އެވަރަށް ދުވަހަކުވެސް އަހަރެން ގާތުގައި ނުރޮއެ... ދެން ގަދަނުވާނޭ ބުނީ، އޭނާ ނެތް ދުވަހަކުން ކުދީންނަށް ވާނެ ގޮތަކާމެދު މައިރާ ކަންބޮޑުވީ... އަހަރެން އެކަނިވާން ދޫކޮށްލަންޖެހޭތީ މައާފަށް އެދުނު، އަހަރެންގެ އަތްމައްޗަށް ތިން ދަރީން ދޫކޮށްލަންޖެހޭތީ އޭނާގެ ހިތްކުދިކުދިވި، ދުނިޔެއަށް އެކުދީން ގިނަވިޔަ ނުދޭން ވަސިއްޔަތްކުރި... އެއީ ރަނގަޅު އަންހެނެއް... އަހަރެން ހިޔާރުކުރީ ރަނގަޅު އަންހެނެއް، ކިހިނެއް އޭނާގެ މަތިން ހަނދާން ނެތޭނީ، ކައިވެނި ކުރީ މައިރާގެ މަތިން ހަނދާންނައްތާލާކަށް ނޫން، އެކަމަކު އަހަރެމެންގެ ދަރީންނަށް ޓަކައި، އެކުދީން ބެލެހެއްޓުމުގައި އަހަންނަށް އެހީވާނޭ ބައިވެރިއަކު ހޯދުމުގެ ވިސްނުމުގައި... ދުވަހަކުވެސް މައިރާގެ ހަނދާން ފަނޑުވެގެން ނުދާނެ..."
އަސްލަންއަށް ރަނގަޅަށް ވެސް ރޮވެނީ އެވެ. ނޯޔާއަށް ހަރަކާތެއްނު ކޮށް ނޯވެވުނެވެ. ކުރުއަތް މައްޗަށް ތެދުވެލުމާއެކު މައްޗަށް ޖެހިލި އެވެ. އަސްލަންގެ ދެ ލޯ ފުހެލަ ދިނުމާއެކު އެ މޫނު ގެނެސް މޭގައި ފޮރުވާލަދިނެވެ. މަޑުމަޑުން ބޮލުގައި ފިރުމައި ދިނެވެ.
"އަހަރެން އައީ ފަހުން... މާ ފަހުން، ތި ހަޔާތުގެ ދޮރުފަތުން އަހަރެން ވަންނަން ފުރުސަތު ދިނީ އެތައް އަހަރުތަކަކަށް ބަދަލެއްނުވެ އޮތް ގުޅުމެއް ނިމުމަކަށް އައުމާއެކީ، މައިރާދެކެ އަސްލަންވަނީ ވަރަށް މާތް މަތިވެރި ލޯތްބެއް، އަސްލަންގެ ތިން ކުދީންގެ މަންމަ އެއީ، އެއްވެސް ކަމެއް ހަނދާނަކުން ނުދާނެކަން އެނގޭ، މީ އަހަރެންގެ އަލަތު ކައިވެނި، އަހަރެންގެ އަލަތު ފިރިމީހާ ތީ... އަހަރެން ވެސް ހަނދާނެއް ނުނެތޭ އަހަރެންގެ ފިރިމީހާއަކީ ކުރީން ކައިވެންޏެއްގެ މަތީ ހުރި މީހެއްކަން، އޭނާގެ ހިތަށް ވަގުތު ބޭނުންވާކަން، އަސްލަންއަށް އަހަރެން ވަގުތު ނުދޭނޭ ހީވަނީތަ؟ ﷲ އަހަންނަށް ކެތްތެރިކަން ދެއްވި، އިންޝާﷲ، އެ ކެތްތެރިކަމުގައި ސާބިތުވާނަން، އަސްލަން އެދި ގޮވާލަންދެން ގާތުގައި ހުންނާނަން، މައިރާގެ އަމާނާތައް ތެދުވެރިކަމާއެކު ރައްކާތެރިވާނަން، އެކަމާ އަސްލަން ކަންބޮޑުނުވޭ، އެކުދީން މި ހަށިގަނޑުގެ ބަޔަކަށް ނުވިޔަސް އެއީ މިހާރު އަހަރެންގެ ވެސް ދަރީން، އަހަރެމެންގެ ތިން ކުދީން... އަހަރެންނާއެކު އުޅޭން ޝަރުތުކުރާ ކަމަކަށް، މައިރާގެ މަތީން ހަނދާންނައްތާލުން ނުވޭ، އެ ތިންބެއިންނަކީ މައިރާގެ ހަނދާންތައް ރޯޝަންކޮށް އާލާކުރުވާނެ ނިޝާންތަކެއް، އެފަދަ ވިޔާނުދާ ވިސްނުމަކަށް އަހަރެންގެ ބުއްދި ފަހި ނުކުރާނަން، ހައްޤު ހޯދުމުގައި އަވަސް އަރައިގަންނަ އަންހެނަކަށް އަހަރެންވާކަށް ނެތިން، މޮޅަށް ހިންމަވާދެއްވާ ކަލަކު ކަމުގައި ﷲ ވޭ، އަހަރެން ވަކީލު ކުރީ ﷲ އަށް.... މައިރާގެ ފުރާނައަށް ދަތިކަމެއް އަހަރެން ނުދޭނަން، އެދުވަހު ވެސް އެއީ ﷲ ގެ މިންވަރުފުޅު، ދެން ނުރޮއެ، މިއަދު ވެސް މިފެންނަނީ ﷲ ގެ މިންވަރުފުޅުކަން ޔަގީން، އަސްލަންގެ ހިތުގެ ސާފުކަމާއި ތިހިތުގެ ހާލު ﷲ މޮޅަށް ދެނެވޮޑިގެންވޭ، މަރަކީ ޔަގީންވާކަމެއް، ކޮންމެ ފުރާނައަކީ އޭގެ ވެރިފަރާތުގެ އާމާނާތެއް... ރައްދުވަނީ އެފަރާތަށް، މައިރާއަށް ހެޔޮ ދުޢާކުރޭ... އެންމެ ލޯބިވާ މީހާ ރައްދުކޮށްދެއްވާނޭ ދުވަހެއްވޭ... އެ ދުވަހުން ތި ދެ މީހުން ބައްދަލު ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން." އަސްލަންގެ ބޮލުގައި ނޯޔާ ބޮސްދިނެވެ. ފިރިމީހާގެ ރިހޭ ހިތަށް އަމާންކަމާއި ފަސޭހަކަން ހޯދައިދޭން ނޯޔާގެ ހިތް އަވަސްވިއެވެ.
"އެ ދުވަހުން ދުރުން ފެނިލަން ވިޔަސް އަސްލަން ދުށުމަށް އަހަރެން ވެސް ބޭނުން... ތި ދިރިއުޅުން ފުރިހަމަ ކުރައްވާނެ، އެދުވަހުން ރިހުމާއި ވޭން ލިބުމެއް ނުވޭ، ހިތަށް ވޭން ލިބުމެއްނުވާ ހަމައެކަނި ލޯތްބަކީ އަހަރެންގެ ވެރިފަރާތްދެކެ ވާލޯބި، އެހެންވިޔަސް އިންސާނަކު ދެކެ ލޯބިވެވިއްޖެ، އެކަމުން ހިތަށް ދަތިވެއްޖެ... ޔާ ﷲ! މިއަޅާގެ ފިރިމީހާގެ ހިތުގައި އަޅާގެ މައްޗަށް ލޯބި ލައްވާން ދޭވެ، އޭނާއަށް ރަހުމަތްލައްވާ، އެ ހިތުގެ އުދާސްކަން ފިއްލަވާ، ކުށުގެ އިހްސާސް ކޮށްދޭ ޝައިތާނީ ވަސްވާސްތަކުން އެ ހިތް ރައްކާތެރިކޮށް ތޯހިރު ކޮށްދެއްވާންދޭވެ، މި އަޅާއީ ފިރިމީހާގެ މައްޗަށްވާ ފިނިކަމެއްކަމުގައި ލައްވާން ދޭވެ." ދެ ލޯ މަރާލައި ހިމޭންކަމުގައި އޮތް ނޯޔާގެ ހިތުގައި ވިއެވެ. އޭރުވެސް އޭނާގެ އަތުން މަޑުމަޑުން އަސްލަންގެ ބޮލުގައި ފިރުމައެވެ.
"ނޯޔާ..." ހިމޭންކަމުގައި ވަގުތުތަކެއް ފާއިތުވީ ފަހުން އަސްލަން ގޮވާލި އެވެ. މަޑުމަޑުން ނޯޔާގެ މެޔާ މޫނު ދުރުކޮށްލުމަށް ފަހު އެ މޫނަށް ބަލާލިއެވެ. ލުއި ހިނިތުންވުމަކަށް ނޯޔާގެ ދެ ތުންފަތް ދެމިލި އެވެ. އެ ތުންފަތުގައި އަސްލަންގެ އިނގިލިތައް ބީހިލި އެވެ.
"ނުރުހޭނަންތަ ދިން ހަދިޔާގެ ބަދަލު އަހަރެން ދީފި ނަމަ." އަސްލަން އަހާލީ ޖެހިލުންވެފައި އޮވެއެވެ. ދެމަފިރިން އެކަކުއަނެކަކުގެ ލޮލުން އެތައްކަމެއް އޮޅުންފިލުވަން މަސައްކަތް ކުރާ ހާލުއެވެ. އަސްލަންގެ ލޯ ނޯޔާގެ ތުންފަތަށް އަމާޒުވެލާފައި އެ ދެ ލޮލާ ހަމަކޮށްލާ ގޮތް ނޯޔާގެ ހިތް އަވަސް ކުރުވިއެވެ. އޭނާ އެދައްކަނީ ކޮންވާހަކައެއް ނޯޔާއަށް ބުނެދިނީ އަސްލަންގެ އިޝާރާތެވެ. އެ ބެލުމެވެ. އެހެންވިޔަސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
"އެންމެ ރަނގަޅުތަ؟" އަސްލަންގެ މޫނު ގާތްކޮށްލި އެވެ. ނޭވާ އިހްސާސްވާހާ ގާތަށެވެ. އެ ދެ ލޯ ނޯޔާގެ ލޮލާ ފަޅިސުކުންތަކަށް ވެސް ކަސިޔާރު ނުވެއެވެ. ތިރީ ތުންފަތުގައި ނޯޔާއަށް ދަތްއަޅާލެވުނެވެ. ނޭވާ ހުއްޓެން އުޅޭ ކަހަލައެވެ. އެހިނދު ނޯޔާގެ ދަތްދޮޅީގައި އަސްލަންގެ ވައަތުން ހިފާލިއެވެ. ދަތްދަށުން ތުންފަތް މިނިވަން ކުރާށޭ އަސްލަން އިޝާރާތްކުރާ ކަހަލައެވެ. އަސްލަންގެ ލޮލުގެ ކަޅިއަށް ބަދަލު އައިކަން ނޯޔާއަށް ފާހަގަކުރެވުނެވެ.
"ނޯޔާ..." ހުއްދަ ހޯދާ ފަދައިން އަސްލަން އަނެއްކާ ވެސް ގޮވާލި އެވެ. ނޯޔާ ނުބުނާހާ ހިނދަކު އޭނާ ގާތްނުވާން އޮތް ކަހަލައެވެ. އަސްލަންގެ އެ ހަރަކާތުން ނޯޔާގެ ކެތްތެރިކަން ފުނޑުފުނޑު ވެއްޖެ އެވެ. މަޑުމަޑުން ލަސްކަމާއެކު ނޯޔާ ބޯ ޖަހާލީ އެވެ.
ދެނޭވާ ގުޅުނު ހިސާބުން ނޯޔާ އަޖައިބުވެ އަންތަރީސް ކޮށްލައިފި އެވެ. އަސްލަން ގައިދުކުރީ ހަމައެކަނި އެ ތުންފަތް ވިޔަސް ނޯޔާގެ މުޅިހަށިގަނޑަށް ފިނިގަނޑެއް ފެތުރިގަތް ފަދައެވެ. އެ ހަށިގަނޑު އަސްލަންއަށް ކިޔަންމެވެ އިޖާބަ ދިން ފަދައެވެ. އެންމެ ހިމަ ނާރުގައި ވެސް އަސްލަން ބީހިލައިފި ކަހަލައެވެ. ލުއިލުއި ވައިރޯޅިއެއްގެ ހިތްގައިމު ބީހިލުމެއް ފަދަ ޖާޒުބީ އިހްސާސެކެވެ. ނޯޔާގެ މެޔަށް ބަރުވެ ހަށިގަނޑު ފުން ކަނޑަކަށް ގެނބެމުންދިޔަ ފަދައެވެ. އަސްލަން ގެންނަ ކޮންމެ ހަރަކާތަކަށް ޖަވާބުދޭހާ ނޯޔާ ކުޅަދާނައެއް ނޫނެވެ. ހަޔާތުގައި އެފަދަ ބީހުމެއްގެ އިހްސާސް ކުރެވުނީ އަލަށްވީމައެވެ. ބޭއިހްތިޔާރުގައި ނޯޔާގެ އަނގައިން ބޭރުވި އަޑާއެކު އޭނާއަށް ދުރަށް ޖެހިލެވުނެވެ. ހީވީ ފެނުން މައްޗަށް ބޯހިއްލާލެވި ހަމަނޭވާ ލެވުނީ ދެން ހެންނެވެ.
"ސޮރީ..." ނޯޔާ އިންތިހާއަށް ލަދުގަތެވެ. އޭނާއަށް ލެއްވުނު އަޑަކީ ކިހިނެއް ނުކުތް އަޑެއްކަމާމެދު ވެސް ސުވާލު އުފެދުނެވެ.
"ތެންކިއު... އަހަންނާއެކު އެއްވެސް ޝަކުވާއެއް ނެތި އުޅޭތީ... ތިހާ ކެތްތެރިވީމަ..." ނޯޔާގެ ރަތްޖަންބެއްހެން ހީވާ ކޯތާފަތުގައި އަސްލަން ފިރުމާލި އެވެ. އެކުޑަކުޑަ ގާތްވެލުމުން ވެސް ނޯޔާގެ ހަށިގަނޑުގެ ސިއްރު އަސްލަންއަށް އެނގިއްޖެއެވެ. ނަމަވެސް އޭނާ އެފަދަ ކަމަކަށް އިޝާރާތެއްނުކުރީ މީ އެވަގުތަށް ނުވާތީއެވެ.
"ވަޓް... ވަޓް ޖަސްޓް ހެޕެން... މައިގޯޑް... ޑިޑް ހީ... އިޓް ހެޕެންޑް... އަސްލައްތަ؟ ހުވަފެނެއްނޫން ދޯ މީ..." ހުވަފެނީ ގޮތަކަށް އަސްލަންއަށް ބަލަން ނޯޔާ އޮތެވެ. ޤަބޫލު ނުކުރެވިފައައެވެ. އެހެންނަމަވެސް ދޮގު ކުރެވޭކަށް ނެތެވެ. އެ ތުންފަތުގެ ވިންދު އަދިވެސް ވަނީ އަވަސްވެފައެވެ. އޭނާގެ ސިކުނޑީގައި އެ ނަފްސު އުފަލުން ފުމެނީއެވެ. ހެމުން ނަށަނީއެވެ. ލަދުން އެހިތް ނަފްސުގެ ތެރޭ ފުރޮޅެނީ ކަހަލައެވެ. ފިރިމީހާގެ ސާފު ދެ ލޮލުގެ ތެރޭ ފޮރިވި އޮންނަން ނޯޔާ ބޭނުންވިއެވެ.
"ވާއު! ހީ އިޒް ގުޑް، މޯ ދެން ގުޑް... ހީ އިޒް ގްރޭޓް، ލޯބިލޯބި ފިރިމީހާ." މޮޔައަކުހެން ނޯޔާއަށް ހީނލެވުނެވެ.
"ކިހިނެއްވީ؟" އަސްލަންއަށް އަހާލެވުނެވެ. ނޯޔާގެ ޝުއޫރުތަކުގެ ހިލަމެއް އޭނާއަށް ނުވެއެވެ. ލަދުން ދެއަތުގެ ތެރޭ ނޯޔާ މޫނު ފޮރުވާލީ އެވެ. ތަފާތު ސުވާލުތައް އަސްލަންގެ ސިކުނޑިއަށް ވެރިވާންފެށީ އެހެންވެއެވެ. އަނެއްކާ އޭނާއަށް ގޯހެއް ހެދުނީބާއެވެ. ނޯޔާ އުންމީދު ކުރިވަރު މީހަކަށް އޭނާ ނުވަނީބާއެވެ.
"ބުނެބާ." އަސްލަން އަނެއްކާވެސް އެއްސެވެ. ނޯޔާ ދެފަރާތަށް ބޯ ހޫރާލީ އެވެ.
ނޯޔާއަށް އިރުކޮޅަކު ބަލަން އޮވެފައި އެ ނިތްކުރީގައި ބޮސްދީފި އެވެ. ދެން އަސްލަން އެނދުން ތެދުވީ އެވެ. އޭނާ ގޮސް ވަނީ ފާޚާނާއަށެވެ. ނޯޔާ އެކޮޓަރިން ނުކުތް ގޮތަށް ދުއްވައިގަތީ އަމިއްލަ ކޮޓަރިއަށް ވަންނާށެވެ. ހުރިހާ ޖަޒުބާތައް ބަންޑުންކޮށްލާށެވެ. ހައިރާން ކަމެއް ލިބުނީ ކޮޓަރި ތަޅުލާފައި ހުރީމަ އެވެ. އޭނާ ދުވަހަކުވެސް ކޮޓަރި ތަޅެއް ނުލައެވެ. އެއާއެކު މިއަދު އެގޭގައި ހިނގީ ކޮންކަމެއްބާއޭ ނޯޔާ ހިތަށް އަރައިފި އެވެ. ލޫނާއާ މިހުރިހާ ކަމަކާ ގުޅުމެއްވޭބާއޭ ނޯޔާ ހިތަށް އެރިއެވެ. އަސްލަން ގާތު އަހާލަން ހިތަށް އަރާފައި ވެސް ޠަބީޢަތް ގޯސްވެދާނެތީ ނޯޔާ އެ ހިޔާލު ދޫކޮށްލީ އެވެ.
"އަހަރެން ތަޅުލީ... މީގެ ފަހުން ނޯޔާ ތަނަކަށް ދަންޏާ އަހަރެން ނޫޅުނަސް ކޮޓަރިތައް ތަޅުލާފަ ދާނީ، މިއޮތީ ތަޅުދަނޑިފަތި." ކޮޓަރިން ނުކުމެގެން އައި އަސްލަން ބުންޏެވެ. އޭނާ އައިސް ނޯޔާގެ އަތަށް ތަޅުދަނޑިފަތި ދިނުމުގެ ކުރީން ކޮޓަރީ ދޮރު ހުޅުވާލަ ދިނެވެ.
"ކުޑަ ދުވަސްކޮޅެއްގެ ތެރޭ ކަންކަން ބަދަލުވަން ދެން ނޯޔާ ތިގޮތުގައި ހުރެދޭނަންތަ؟" ކޮޓަރިއަށް ވަންނަން ފިޔަވަޅު އަޅާލި ނޯޔާގެ މުލައްދަނޑީގައި ހިފަހައްޓަމުން އަސްލަން އަހާލި އެވެ. ނޯޔާ އަވަސްއަވަހަށް ބޯޖަހާލި އެވެ. އެ ދެ ލޮލުން ފާޅުވާ މައުސޫމްކަމާއި ގަދަވިދުން އަސްލަންއަށް ޔަގީންކަންދިނެވެ. ތުންފަތަށް ވެރިވެފައިވާ އެ ރީތި ހިނިތުންވުން އަސްލަންއަށް އެދޭކަމުގެ ރަމްޒަކަށް ފުދެއެވެ.
* * * * *
ރޭގަނޑުގެ ވަގުތެވެ. ފަވާދަށް ގެއަށް އާދެވުނި ދެ ނަމާދު ދޭތެރެއެވެ. ދެ ދަރީން ތިބީ އެކުއްޖެގެ ދުނިޔޭގައެވެ. އަނބިމީހާ ނުފެނުމުން ފޯނަށް ގުޅިއެވެ. ނަމަވެސް ރިންގުވެފައި ކެނޑެނީއެވެ. އެކަމުގައި ވަގުތު ދުއްވާލުމަށްވުރެ ނަމާދަށް ފަވާދު އިސްކަން ދިނެވެ. މަޣްރިބު ނަމާދުވެސް ހުރީ ނުކުރެވިފައެވެ. އޮފީހުން ސަލާމަތްވީ އަދިކިރިޔާއެވެ. އޭނާ ނިކަން އަވަހަށް ފެންވަރާލައިގެން މިސްކިތަށްދާން ނުކުތެވެ. ގެއިން ނުކުތުމުގެ ކުރީން ދެބެން ގާތު ނަމާދު ކުރަން ހަނދާންކޮށްދިނެވެ.
އިޝާ ނަމާދުން ފައިބައިގެން ގެއަށް އައިއިރު ވެސް އަރީނެއް ނާދެއެވެ. ކުދީން ގާތު މަންމަ ކޮބާތޯ ފަވާދު އަހާލިއެވެ. އެކުދީންނަކަށް ވެސް ނޭނގުނެވެ. އަނެއްކާވެސް އަރީނަށް ގުޅިއެވެ. ފޯނަށް ޖަވާބެއް ނުދިނެވެ. އަނބިމީހާގެ ޚަބަރެއްނުވުމުން ފަވާދު ކަންބޮޑުވާ ގޮތްވެއްޖެއެވެ. ކަމެއްވީބާއޭ ހިތަށް އަރާވަރުން އޭނާ ގުޅީ ޝެހެނާޒަށެވެ. އަރީންއާ އެންމެ ގާތް މީހަކީ އެއީވީމައެވެ.
"ވެއްޖެ ފާޚާނައިގަ... ފޯނު ނިވިގެން އުޅެނީ. ބުނާނަން ގުޅާށޭ." ޝެހެނާޒަށް ގުޅުމުން ބުންޏެވެ. އެ ކޯލު ނިންމާލުމާއެކު ކުރިން ނުއުފެދޭ ސުވާލެއް ފަވާދުގެ ސިކުނޑީގައި އުފެދުނެވެ.
"އަރީންގެ ފޯނު ނުނިވޭތީ ރިންގުވަނީ، ދެން ކީއްވެ ޝެހެނާޒް އެބުނީ ފޯނު ނިވިފައޭ." ފަވާދަށް އަމިއްލަ ނަފްސާ އެ ސުވާލުކޮށްލެވުނެވެ. ދެން އޭނާ އަނެއްކާވެސް އަރީންގެ ފޯނަށް ގުޅައިފިއެވެ. އަދިވެސް އެ ނަންބަރުން ރިންގުވިއެވެ. ކޯލު ކެނޑެނީ ރިންގުވޭވޭ ކޯލު ނުނަގައިގެންނެވެ.
"އަރީން... ޝެހެނާޒްމެން ގޭގަތަ؟ ނޫނީ އެހެންތަނެއްގަތަ؟ ޝެހެނާޒު އަހަރެން ކައިރީ ދޮގު ހެދީތަ؟." ސޯފާގައި އިށީނދެވުނު ގޮތަށް ފަވާދުގެ ހިތުގައި އެކިއެކި ވަހުމްތައް އުފެދެން ފެށިއެވެ. މީ ކުރިން އަރީންގެ ފަރާތުން ކުރިމަތިލާން ޖެހުނު ހާލަތެއް ނޫނިއްޔާއެވެ. ތަނަކަށް ދަންޏާ ނޫނީ ދާން ރާވާފައި އޮތަސް ކުރީބައިގަ އަރީން ބުނާނެއެވެ. ލަސްވަންޏާ އެކަން ވެސް ބުނެއެވެ. ހަމައެއާއެކު އޭނާ ކޮންމެ ތަނަކަށްދިޔަސް އެކުގައި ޝެހެނާޒު ހުންނާނެކަމީ މިހާތަނަށް ފަވާދަށް ފެނިފައި ހުރި މަންޒަރެވެ.
ގިނައިރެއްނުވެއެވެ. ފަވާދުގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅީ އަރީނެވެ. ކޮންތާކުތޯ ފަވާދަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ.
"ކޮންތާތުތޯ ފަވާދު ބަލައިފީމެންނު." އަރީންގެ އަޑުގައި ހުރީ ރުންކުރުކަމެވެ.
"ހާދަ ނޭވާއެއް ތިލަނީ، ވަރުބަލިވެފަތަ؟" އަރީންގެ އަޑު ހުރި ގޮތް ފާހަގަވެ ފަވާދަށް ބުނެލެވުނެވެ.
"ނޭވާ ވެސް ނުލާންވީތަ؟ ފޯނު އޮތީ ޗާޖަށް ޖަހާފައޭ، ޓެރެސްއަށް އެރިތަނާ ޝެހޭބުނީ ގުޅިއޭ... އަވަހަށް ގުޅަންވެގެން ދުވެފައި ފޭބީ، އެހެންނޫނީ ވީތަނެއް ހޯދަން މާލެ ރައްޔިތުން އެއްކޮށްފާނެ."
"ނުވެސް ބުނަމެންނު ނާޒްމެންގެއަށް ދާން އުޅޭ ވާހަކައެއް... ކޮންއިރަކުން އަންނާނީ." ފަވާދު ބެލީ އަރީންގެ ނުރުހުމަށް ބަހެއްނުކިޔާ ވޭތޯއެވެ.
"ކިހާދެރަކަމެއް! ނުބުނެވިފަ އަދި ނެތެއްނު، ގެއަށް ދެވޭނެ އިރެއް ނޭނގެ... މިގޭގަ ކަމެއް އޮވެގެން މިއައީ... ދެން ބާއްވަނީ."
"އެއީ ކޮންއަޑެއް..." ފަވާދަށް މިހެން އަހާލެވެން ވާއިރަށް ފޯނުކޯލު އަރީން ކަނޑާލައިފިއެވެ.
* * * * *
"ކީއްވެ ތިއައީ؟" ފާހާނާގައި ހުރި ލޯގަނޑުން އޭނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން ހުރި މިދުހަތަށް ބުނެލިއެވެ.
"ދާންތަ ތިއުޅެނީ... އަދިފޮނުވާލާ ވަރަށް އަހަރެންގެ ހިތެއް ނުފުރޭ." މިދުހަތު ވާހަކަދެއްކިއެވެ. އަރީންގެ ފިރިމީހާއާކަން ގުޅައިގެން ހުރީ މިދުހަތަށް އެނގެއެވެ. އެހެންވިޔަސް އޭނާ ފާހާނާއަށްވަނީ ގަސްދުގައެވެ. އަރީންގެ ހުރި ކެރުމެއް ބަލާލާށެވެ. އެކަމަކު އޭނާ ފޯނުކޯލު މާއަވަހަށް ކުރުކޮށްލީއެވެ.
"ދާން ޖެހެނީ މިދުހަތުގެ ސަބަބުން، އަހަރެން ހިފަހައްޓާކަށް ބޭނުމެއްނުވޭ." ހިތުގައި އޮންނަ ޝަކުވާ އަރީން ބޭރުކޮށްލިއެވެ.
"މިހިފަހައްޓަނީނު..." އަރީންގެ އުނަގަނޑާ ދިމާލުން މިދުހަތު ދެއަތް ވަށާލިއެވެ.
ދެ ހަން ޖެހިފައި ހުރީ އެއްވެސް ހުރަހެއް ނެތިއެވެ. އެނދުމަތިން އަރިން ހިންދެމިލީ ޝެހެނާޒުގެ ކޯލާއެކުއެވެ. އެ ކޯލު ނިންމާލުމާއެކު އޭނާ އެނދުމަތިން ފުންމާލައިގެން އައިސް ވަނީ ފާޚާނާއަށެވެ. އަތުން ޝަހާދަތްއިނގިލި މިދުހަތަށް ދައްކާލާފައެވެ. ޝެހެނާޒު ދިން ޚަބަރާއެކު ކޮންމެހެން ވެސް ފަވާދަށް ގުޅަން ޖެހިއްޖެކަން އަރީނަށް ވިސްނުނީއެވެ. މީގެ ކުރީން އޭނާ އިނީ ފިރިއަކު ހުންނަކަން ވެސް ހަނދާންނެތިފައެވެ.
"އަހަރެން ހިފަހައްޓަން މިބުނަނީ ތިގޮތަކަށްނޫން، ކައިވެންޏެއް ދުވަހަކުވެސް ނުކުރާނަންތަ؟." އަރީންގެ މޫނުން މާޔޫސްކަން ފާޅުވެލިއެވެ. ފަވާދު މިއަދު އެކުރީ އެހެންޏާ މީގެ ކުރީން ކުރި ފަދަ ސުވާލުތަކެއްނޫންކަން އަރީނަށް އެނގެއެވެ. މީހަކަށް ނޭނގުނަސް އޭނާ ހުރީ ޖެހިލުންވެފައެވެ. ފަވާދަށް އެނގޭކަށް އޭނާ ބޭނުމެއްނޫނެވެ. އެއީ ފިރިމީހާއެވެ. އެހެންވިޔަސް މިދުހަތަކީ ތަފާތު ހިތްހަމަޖެހުމެކެވެ.
"ފަހުން ތިވާހަކަދައްކާނީ، މެދުތެރޭން ރީން ދިޔައީމަ މަށަށް ކިހިނެއްވާނީ، ކަމް ލަވް." އަރީންގެ ކަރުދޮށުގައި ބޮސްދީފައި އޭނާގެ އަތުގައި ހިފާލައިގެން ފާހާނާއިން މިދުހަތު ނުކުތެވެ. އަރީނަށް ހުރެވުނީ މަސްހުނި ހިޔާލުތަކެއްގައި ބަނދެވިފައެވެ. ގެއަށް ދިއުމުން ފަވާދުކޮށްފާނޭ ސުވާލަކާމެދު ވިސްނެއެވެ. އަދި ޖަވާބުދޭނޭ ގޮތް ހިތުތެރޭ ރާވަމުން ގެންދިޔައެވެ. (ނުނިމޭ)