ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
ސިފައިންގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މާލެއިން ތ. ގުރައިދޫއަށް ދަތުރު ކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލާފައިވާ ކަމަށެވެ.
އެ އުޅަނދު ބަންޑުން ޖަހާލިއިރު އޭގައި ތިން މީހުން ތިއްބެވެ. ސިފައިން ވަނީ އެ މީހުން ސަލާމަތް ކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފަ އެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެކެވެ. ކޮންމެ ދުވަހަކުހެން ކަނޑުމަތީގައި ހާދިސާތައް ހިނގަ އެވެ. އުޅަނދު ފަހަރު ބަންޑުން ޖަހާލުމާއި ދިޔަވުން ފަދަ ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާތީ މޫސުމަށް ސަމާލުވުމާއެކު ދަތުރަށް ފެށުމަށް ސިފައިންނާއި މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި ހަފްތާގައި ސިފައިންގެ މީހަކު ވެސް މޫދުގައި މަރުވި އެވެ. އެއީ މަސް ހިފަން ފީނަން އުޅުނު މީހެކެވެ.