ހިޔާ ފްލެޓް ތަކުގެ ތެރެއިން ފަންނީ މީހުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައިވާ މީހުންގެ ތެރެއިން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ހިޔާ ފްލެޓް ތަކުގެ ތެރެއިން ފަންނީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައިވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މަބްރޫކު ވިދާޅުވީ މި ފުރުސަތުގެ ބޭނުން ހިފައި ފްލެޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަންނީ މީހުންގެ ތެރެއިން އެއްވެސް މީހަކު ފްލެޓް ދޫކޮށްލައިފިނަމަ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން އެ މީހަކަށް ފްލެޓް ލިބޭނެކަން ސަރުކާރުން ޔަގީންކޮށްދޭން ވާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ނިންމުމެއް ވެސް ފާސްކޮށްފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަންނީ މީހުންނަށް ވުރެ އެ ފްލެޓްތައް ލިބުން ހައްގު އެތައް ބަޔަކު ތިބުމާ ގުޅިގެން ފަންނީ މީހުންނަށް ފްލެޓް ދިނުމަށް ހާއްސަކުރި ކެޓަގަރީ އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ގޮވާލައްވާފަ އެވެ.