ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްއަކަށް ކުރީގެ ސެޓަރު މުހައްމަދު ރަނޭޝް (ރަނޭ) އިންތިހާބު ކޮށްފި އެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި އިންތިހާބުގައި ރަނޭ އާ ވާދަ ކުރައްވަން ކެނޑިޑެސީ ހުށަހެޅުއްވި އިލްޔާސް އަހްމަދު ވަނީ، އިންތިހާބަށް ވޯޓް ނަގަން ތައްޔާރު ވެފައި ވަނިކޮށް އޭނާއަށް ތާއިދު ކުރާ ތިން ކުލަބާއެކު ހޯލުން ނުކުމެވަޑައިގެންފަ އެވެ. އެގޮތުން އިންތިހާބުގައި ވޯޓްލުމުގެ ޝަރުތު ހަމަވާ، ނުވަ ކުލަބުގެ ތެރެއިން އިންތިހާބުގައި ބައިވެރި ނުވި ތިން ކުލަބަކީ، އައްޑޫ ސްޕޯޓްސް ކުލަބު، ޔޫތު ނިއު ޖެނަރޭޝަން އަދި އިލްޔާސް އަހްމަދުގެ އިންތިހާބަށް ނޮމިނޭޓް ކުރި ކުލަބު ހާފް ލައިން ލިންކޭޖް އެވެ.
އިލްޔާސް އަހްމަދު ކޮންގްރެސް ދޫކުރައްވައި ނުކުމެ ވަޑައިގެންނެވީ، އިންތިހާބަށް ކުރިމަތި ލުމަށާއި ކުލަބަތަކުގެ ޕްރޮކްސީ ހުށަހެޅުމުގެ ފުރުސަތު ވަގުތު ހަމަވި ފަހުންވެސް ދިން މައްސަލަ ފާހަގަ ކުރުމަށް ފަހު އެވެ. އެކަމަށް ޖަވާބު ދެއްވަމުން ކޮންގްރެސްގައި ޒޫމު މެދުވެރިކޮށް ބައިވެރިވެވަޑައިގެންނެވި ކޮންގްރެގެ ޗެއާމަން އަދި ކުރީގެ ރައީސް ލަތީފް ވިދާޅުވީ އެ ނިންމުމަކީ ވީއޭއެމްގެ އިލެކްޓޯރަލް ޕްރޮސަސް ކުރިއަށް ގެންދިއުމަށް އެފްއައިވީބީން އެކުލަވާލި އެޑްހޮކް ކޮމިޝަންގެ ނިންމުމެއް ކަމަށެވެ.
ލަތީފްގެ ދައުރުގައި ނައިބު ރައީސް ކަމުގައި ހުންނަވައި ލަތީފްގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން މަގާމުން އިސްތިއުފާ ދެއްވި ރަނޭ އިންތިހާބަށް ނޮމިނޭޓް ކުރީ، ގުޑީސް ސްޕޯޓްސް ކުލަބުގެ ފަރާތުންނެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރާ ރަނޭ ވަނީ، މޯލްޑިވިއަން ރެކްރިއޭޝަނަލް ސްޕޯޓްސްގެ ފަރާތުން އިންތިހާބުގައި ވޯޓްވެސް ދެއްވާފަ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓްގައި ބައިވެރި ހަ ކުލަބުގެ ވޯޓާވެސް އެކު އެވެ.
ނައިބު ރައީސްކަމަށްވެސް ވާދަ ކުރެއްވީ ދެ ކެނޑިޑޭޓުންނެވެ. އެއީ ޔޫތު ނިއު ޖެނަރޭޝަންއިން ނޮމިނޭޓް ކުރި ޔުމުނާ އަބްދުލް އަޒީޒު އަދި ގުޑީސްއިން ނޮމިނޭޓް ކުރި އަލީ އަޝްރަފް (އަޝްރާ) އެވެ. އަޝްރާވެސް ލިބުނީ ހަ ވޯޓެވެ.
ހަޒާންދާރު މަގާމު ހަ ވޯޓާއެކު ކާމިޔާބު ކުރެއްވީ ގުޑީސްގެ މުހައްމަދު ރާމިޒު އެވެ. އެ މަގާމަށް ދެން ވާދަކުރީ އައްޑޫ ސްޕޯޓްސް ކުލަބުގެ އަހްމަދު ނިޒާމް އެވެ.
ތިން މެންބަރުން ހޮވާ ޓެކްނިކަލް އެންޑް ޑިވްލަޕްމެންޓް ކޮމިޝަންގެ މެންބަރު ކަމަށް ހަ ނެޑިޑޭޓން ވާދަ ކުރި އެވެ. އިންތިހާބު ކާމިޔާބު ކުރީ ގުޑީސް އިން ވާދަ ކުރި މުހައްމަދު ސާޖިދު، ޝުއައިބު އަހްމަދު އަދި އަހްމަދު ސަލީމް އެވެ.
ރޫލްސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލި ހަ މެންބަރުންގެ ތެރެއިން އިންތިހާބު ކާމިޔަބު ކުރީވެސް ގުޑީސްއިން ނޮމިނޭޓް ކުރި ތިން މެންބަރުން ކަމަށްވާ، އަހްމަދު އަދީލް، މުހައްމަދު ޝަހަދު އަދި މުހައްމަދު ހަމީދުއެވެ.
ހަ މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ބިޗްވޮލީ ކޮމިޝަނަށް 12 މެންބަރުން ކުރިމަތިލި އެވެ. އިންތިހާބު ކާމިޔާބު ކުރީ ގުޑީސްއިން ކުރިމަތިލި ހަ މެންބަރުން ކަމަށްވާ، އަބްދުﷲ ނަޝީދު، އިސްމާއިީލް ސަމާހް، އަދުނާން އަބްދު ރަހީމް، މުހައްމަދު ޝަހަދު، ހުސައިން ޝަރީފް އަދި އިސްމާއީލް ޝަރީފް އެވެ.
ކޮންގްރެސްގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން އެކުލަވާލި އިލެކްޓޯރަލް ކޮމިޓީގައި އިސްކޮށް ހުންނެވީ ވީއޭއެމްގެ ރައީސްކަން ކުރިން ކުރެއްވީ މުހައްމަދު ރިޔާޒު އެވެ.
ވީއޭއެމްގެ ހިންގުމަށް އަސަރު ކޮށްފައިވާތާ 18 މަސް ވެއްޖެ އެވެ. ވީއޭއެމްގެ ހިންގުމަށް ލޮޅުން އެރީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް އިސްވެ ހުރެ ސްޕޯޓްސް ކޮމިޝަނާ މެދުވެރިކޮށް ކުރީގެ ރައީސް މުހައްމަދު ލަތީފްގެ އެކްސްކޯ އުވާލައި ނޯމަލައިޒޭޝަން ކޮމިޓީއަކާ ވޮލީގެ ހިންގުން 2019 ގެ ޖޫން މަހު ހަވާލު ކުރުމުންނެވެ. އަބްދުﷲ އާމީރު (އައްލޯ) ޗެއާމަންޝިޕްގެ ދަށުން ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ފެށިނަމަވެސް ކުރިއަކަށް ނުދެވުނެވެ. އިންތިހާބު އިއުލާން ކުރުމަށް ފަހުވެސް ޖެހުނީ ފަސް ކުރާށެވެ.
މައްސަލައިގެ ތެރެއަށް ދުނިޔޭގެ ވޮލީބޯލް ފެޑްރޭޝަން (އެފްއައިވީބީ) ވަދެ ވީއޭއެމްގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހަތަރު ޕާޓީ ތަމްސީލު ވާނެ ގޮތަށް "މޯލްޑިވްސް އެޑްހޮކް ކޮމިޝަން" ގެ ނަމުގައި ކޮމިޝަނެއް އެކުލަވާލައިގެން މަސައްކަތް ފެށި އެވެ. މި ކޮމިޝަންގައި ތަމްސީލު ކުރި ހަތަރު ޕާޓީ އަކީ، އެފްއައިވީބީ، އޭވީސީ، ވީއޭއެމް އަދި އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެވެ. މައްސަލައިގެ ތެރެއަށް އެފްއައިވީބީ އާއި އޭވީސީން ވަނީ، މިނިސްޓަރު މަހްލޫފް ވޮލީގެ ތެރެއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ މައްސަލަ އެފްއައިވީބީގެ ސަމާލު ކަމަށް ގެނައުމުންނެވެ.