ސްޓެލްކޯ

ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ސްޓެލްކޯ އިން ހުއްޓާލައިފި

Apr 2, 2021
1

ސްޓެލްކޯ އިން އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމާއި ބޭނުންކުރާ ކަރުދާސް މަދުކުރުމަށް ކެމްޕޭނެއް ފަށައިފި އެވެ.

"ފެހި ދިރިއުޅުން" ގެ ނަމުގައި ފެށި މި ކެމްޕޭން މިއަދު އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބުދުލްކަރީމެވެ.

މި ކެމްޕޭނު ފައްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މުގުނީ ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން އެއްފަހަރާ ހުއްޓާލާ ފުރަތަމަ ކުންފުންނީގެ ގޮތުގައި އެކުންފުނި ވާނެ ކަމަށެވެ.

މުގުނީ ވިދާޅުވީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް އެ ކުންފުނީގެ ބޭނުންތަކަށް 2800 ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ގަނެ ބޭނުން ކުރާ ކަމަށެވެ. އެހެންކަމުން މި ކެމްޕޭނުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމުގަ އެވެ.

ސްޓެލްކޯ އިން ވަނީ އެ ކުންފުނީގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ ގޮތުން ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ދީފައި އެވެ. އެކުންފުނިން ބުނީ މި ޕްރޮގްރާމްގެ ދަށުން އެކުންފުނިން ހިންގަމުން ގެންދާ 35 އިންޖީނުގެ އަކީ ވެސް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ވެގެންދާނެ ކަމަށެވެ.

އަދި މިއަދު ގާއިމް ކުރެވުނު ނިޒާމުގެ ތެރެއިން މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ މުވައްޒަފުންގެ ކިބައިގައި އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމަށް، އެ ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓްތަކާއި ހުރިހާ ފުލޯތަކެއްގައި ވޯޓާ ޑިސްޕެންސާ މިހާރު ބަހައްޓާފައި ވާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ކުންފުނީގެ ކަސްޓަމަރުންނަށް މީގެފަހުން ދޭނީ ކަރުދާހު ކޮތަޅު ކަމަށާއި އެއިމާރާތަށް ވަންނަ ފަރާތްތަކުން ވެސް ޕްލާސްޓިކް އެކުންފުނީގެ އިމާރާތަށް ނުވެއްދުމަށް ބާރު އަޅާނެ ކަމަށް އެކުންފުނިން ބުނެ އެވެ.