ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ރައީސް ވަހީދުގެ ތާއީދު ޑރ. މުއިއްޒު އަށް

Apr 1, 2021
1

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒު އަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތާއީދުކުރައްވައިފި އެވެ.

ރައީސް ވަހީދު މިރޭ ވިދާޅުވީ މުއިއްޒު އަށް ތާއީދުކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނަވާ ވަރަށް ހާއްސަ އުފަލެއް ކަމަށެވެ.

"އަޅުގަނޑު މިހެން މި ދެންނެވީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަހަރުގެ އިންތިހާބުގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މާލޭގެ މޭޔަރު ކަމުގެ މުހިއްމު މަސްއޫލިއްޔަތު އުފުލުމަށްޓަކައި އެންމެ އެކަށީގެންވާ ބޭފުޅަކީ ޑރ. މުއިއްޒު ކަމަށްވާތީ،" ޕީޕީއެމްގެ އެޑްވައިޒު ކަންވެސް ކުރައްވަމުން ގެންދަވާ ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މުއިއްޒު އަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން އަދި އަޚްލާގީ ގޮތުން ބެލި ނަމަވެސް މޭޔަރުގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ.

ޑރ. މުއިއްޒަކީ ކޮން ބޭފުޅެއް ކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައިވެސް ޑރ. މުއިއްޒު ވަރަށް ގާތުން މަސައްކަތް ކުރެއްވި ކަމަށެވެ.

"އެހެންވީމާ މާލޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑު އެދެން ތިބޭފުޅުންގެ ވޯޓު ޑރ. މުއިއްޒަށް ދެެއްވުމަށް،" މާލޭގެ މަޖިލިސް މެންބަރު ކަންވެސް ކުރިން ކުރައްވާފައިވާ ރައީސް ވަހީދު ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޑރ. ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ. މުއިއްޒުގެ މިނިސްޓަރު ކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެތައްހާސް ފްލެޓެއް ވަނީ އަޅާފަ އެވެ. އަދި މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު އަމަލީގޮތުން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ޑރ. މުއިއްޒު އެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ޑރ. މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އެވެ. މީގެ އިތުރުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވެސް ގެންދަވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުންނެވެ.