ދުނިޔެ

އީރާގުގައި ތިބޭ އެމެރިކާ ސިފައިން ސީރިއާއިން ގޮދަން ސްމަގްލް ކުރަނީ

އީރާގުގައި ތިބޭ އެމެރިކާ ސިފައިން ސީރިއާއަށް ވަގަށް ވަދެ ގޮދަން ސްމަގްލް ކުރާ ކަމަށް ސީރިއާގެ ގައުމީ ނޫސް އޭޖެންސީން ބުނެފި އެވެ. ސީރިއަން އަރަބް ނިއުސް އޭޖެންސީ (ސަނާ) އިން ބުނި ގޮތުން 12 ޓްރަކް ބަރާ ކޮށްގެން އެތައް ތަނެއްގެ ގޮދަން އެމެރިކާ ސިފައިން ވަގަށް ގެންގޮސްފައިވެ އެވެ.

ސީރިއާގެ އުތުރު އަވަށްތަކުގައި ދިރިއުޅޭ އާންމުންނާ ހަވާލާދީ ސަނާ ރިޕޯޓްކުރާ ގޮތުން އެމެރިކާ ސިފައިން ގޮދަން ސްމަގްލް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އެމީހުން ކޮންމެ ދުވަހަކު އެތައް ޓަނެއްގެ ގޮދަން ވަގަށް ގެންދެ އެވެ.

އެސަރަހައްދުގައި އެމެރިކާ ސިފައިން ތިބެން ބޭނުންވާ ސަބަބަކީ އަރަބި ގައުމުތަކުން ވައްކަންކުރަން ކަމަށް ސީރިއާ އޮފިޝަލުން ބުނެ އެވެ. އޮފިޝަލުން ބުނާ ގޮތުން އެމެރިކާ ސިފައިން ސީރިއާއިން ތެޔޮ ވަގަށް ނަގަ އެވެ.

އާންމު ރައްޔިތުންނާ ހަވާލާދީ ސީރިއާ އޮފިޝަލުން ބުނާ ގޮތުން މާޗް 26 ގައި އެމެރިކާ ސިފައިން 18 ޓްރަކް ބަރާކޮށްގެން ގޮދަން ގެންދާތީ ވެސް ފެނިފައިވެ އެވެ. ސިފައިން ހަތިޔާރު އަޅައިގެން ތިބޭތީ ސުވާލުުކުރަން ނުކެރޭ ކަމަށް އާންމުން ބުނެ އެވެ.

އެމެރިކާ ސިފައިން ސީރިއާއިން ތެޔޮ ވަގަށް ނަގާ ކަމަށް ރަޝިއާއިން ވެސް ބުނެ އެވެ. ސީރިއާ-އީރާގު ގުޅޭ ސަރަހައްދު ހުރަސްކޮށް މާޗް 23 ގައި 300 ޓްރަކް ތެޔޮ އަރުވައިގެން ދަތުރުކުރި ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ރަޝިއާ އޮފިޝަލުން ބުނެ އެވެ.

ސީރިއާގައި ތިބޭ އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންދަވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް 2018 ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި އޭރު ކޮމާންޑަރަކަށް ހުންނެވި ވެރިޔާ ވިދާޅުވީ ސީރިއާގައި ތިބޭ އެމެރިކާ ސިފައިންނަށް އެސަރަހައްދުން ފޭބެން ނެތް ކަމަށެވެ. ވިދާޅުވީ ތެޔޮވަޅުތައް ރައްކާތެރިކުރުމުގައި ދެމިތިބެން ޖެހޭ ކަމަށެވެ.

އެމެރިކާ ސިފައިން އެސަރަހައްދުގައި ތިބެނީ އެއްވެސް ހުއްދައެއް އޮވެގެނެއް ނޫނެވެ. އެއީ އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންނެއް ވެސް ނޫނެވެ. އެމެރިކާ ސިފައިން ސީރިއާގެ އެސަރަހައްދުގައި ތިބުމަށް އެއްވެސް ގައުމަކުން އެދިފައެއް ނުވެ އެވެ. ސީރިއާ ސަރުކާރުން ބުނާ ގޮތުން އެމެރިކާ ސިފައި އެގައުމުގައި ތިބެނީ ގަވައިދާ ޚިލާފަށެވެ.