ރައީސް ބައިޑަންގެ ސަރުކާރުން 125 މިލިއަން ޑޮލަރު ފަލަސްތީނަށް ދޭން އެދޭ ކަމަށް ކޮންގްރެސްއަށް އަންގައިފި އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ކުރީން ޓްރަމްޕް ސަރުކާރުން ހިފަހައްޓާފައި ހުރި އެހީ ފަލަސްތީނަށް ފޯރުކޮށް ދޭން މަސައްކަތްކުރާ ކަމަށެވެ.
ދަ ހިލް އޮންލައިން ބުނީ ދި ޔޫއެސް އޭޖެންސީ ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އަދި ސްޓޭޓް ޑިޕާޓްމަންޓުން މިކަން ކޮންގްރެސްއަށް އަންގާފައިވާ ކަމަށެވެ.
އެމެރިކާއިން ދޭ އެހީގެ ގޮތުގައި ފަލަސްތީނަށް ވަކި އަދަދުތަކެއް 2020 ގައި ކޮންގްރެސްއިން ކަނޑައަޅައި ބަޖެޓްގައި ހިމަނާފައި ހުރި ނަމަވެސް ޓްރަމްޕް އެންގެވި ގޮތަށް އެ ފައިސާ ހުރީ ހިފަހައްޓާފަ އެވެ. ޓްރަމްޕް މަސައްކަތް ކުރެއްވީ ފަލަސްތީނަށް ނުފޫޒުފޯރުއްވައި އިޒްރޭލަށް ފައިދާވާ ގޮތްތަކަކަށް އެއްބަސް ކުރުވާށެވެ.
އެމެރިކާއިން ދޭ އެހީ ބަހާލާފައި ވަނީ ވަކިވަކި މަޝްރޫއުތަކަކަށެވެ. ފަލަސްތީނުގެ ތަރައްގީއަށް 75 މިލިއަން އަދި އިޖުތިމާއީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް 10 މިލިއަން ހިމަނާފައިވެ އެވެ. އަދި އިޖިތިމާއީ އެހެނިހެން ހަރަކާތްތަކަށް 40 މިލިއަން ހަމަޖައްސާފައިވެ އެވެ.
ޖޯ ބައިޑަން ސަރުކާރުން ފަލަސްތީނާއެކު ގުޅުން ރަނގަޅުކުރަން އެދޭކަން ވަނީ ހާމަކޮށްފަ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން ކޮވިޑާ ގުޅިގެން ހުރި ދަތިތަކަށް ވެސް ބައިޑަން ސަރުކާރުން ފަލަސްތީނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ ފަލަސްތީނަށް ބޭނުންޖެހޭ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. މާނަ އަކީ އެމެރިކާއިން 125 މިލިއަނަށް ވުރެ އިތުރަށް ވެސް އެހީތެރިކަން ފޯރުކޮށްދީފާނެ ކަމެވެ. އޭގެ ތަފުސީލު ތަރުޖަމާން ނުދެއްވި އެވެ.