ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފިޔަވަޅުތަކަށް ލުއި ދިނީ އިންތިހާބަށް!

މި ފަހުން ދުނިޔެ ތަޖުރިބާކުރާ އެންމެ ބޮޑު ބަލިމަޑުކަމަކީ ކޮވިޑް-19 ބަލިމަޑުކަމެވެ. އެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރާތާ އަހަރު ދުވަސްވީ އެވެ. ރާއްޖެއިން 25،500 ވުރެ ގިނަ މީހުންނަށް ބަލި ޖެހި 67 މީހަކު ބަލީގައި މަރުވެއްޖެ އެވެ. އަދިވެސް ކޮންޓްރޯލެއް ނެތި ބަލިޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެކަނިވެސް 10،000 މީހުންނަށް ބަލި ޖެހުނެވެ. މިދިއަ ބުރާސްފަތި ދުވަހު އެކަނިވެސް 300 މީހުން ޕޮޒިޓިވްވި އެވެ. މިދިޔަ ތިން މަހު 19 މީހަކު ކޮވިޑް ބަލީގައި މަރުވެއްޖެ އެވެ. މި ތިން މަހަކީ ކޮވިޑްގައި ދިވެހިން ހޭދަކުރި އެންމެ ނުރައްކާތެރި ދުވަސްތަކެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ދުވަސްވަރަކަށް އޭރެއްގެ ހާލަތަކަށް ވިސްނާ ކަމާގުޅޭ އިދާރާއިން ގެންދިޔައީ ފިޔަވަޅުތައް އަޅަމުންނެވެ. ބައެއް ފަހަރު ވަރަށް ހަރުކަށި ފިޔަވަޅުތަކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކުރި އެވެ. މާލެ ސިޓީ ލޮކްޑައުންކޮށް ގޭގެއިން ނިކުމެ އުޅުންވެސް މަނާ ކުރިއެވެ. ރާއްޖޭގެ އިގްތިސޯދުގެ އިންޖީނު މުޅީން ހުއްޓާލާ ދުނިޔެމަތީ ސުވަރުގޭގެ ގޮތުގައި މަޝްހޫރު މި ގައުމުގެ ބޯޑަރު ފުރަތަމަ ފަހަރަށް ދިގު މުއްދަތަކަށް ބަންދުކުރިއެވެ. އެތެރޭގެ އިގްތިސާދުވެސް ހުއްޓާލާ ވިޔަފާރިތަކުގައި ވަގުތީ ގޮތުން "ބަންދު" ބޯޑް އަޅުވަން ޖެހުނެވެ. މިހެން ގޮސް ކިތަންމެ ފިޔަވަޅެކެވެ.

އެ ފިޔަވަޅުތަކަށް ލުއި ދެމުން ދިޔައީ ކޮވިޑްގެ ހާލަތު ބަދަލުވަމުންދާ މިންވަރަކަށް ބެލުމަށް ފަހު އެވެ. ފިޔަވަޅުތަކަށް ލުއި ދެނީ ޕޮޒިޓިވް ނަންބަރު ފަންސާހުން ދަށްވީމަ އެވެ. ބައެއް ލުއިތައް ދެނީ ޕޮޒިޓިވް ނަންބަރު ވިހިން ދަށަށް ދިޔައީމައެވެ.

ކޮވިޑްގެ ނުރައްކާ ކުޑަވުމުން މިދިޔަ އަހަރު ދިން ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ވަރުގަދަ ކުރީ މި އަހަރު ފެށުމާއެކު ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވާން ފެށުމުންނެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ސިއްހީ ނިޒާމަށް ނުކަތާ ވަރު ވުމުންނެވެ. ބަލީގައި މަރުވާ މީހުންގެ އަދަދުވެސް މަތިވުމުންނެވެ.

އެގޮތުން އަލުން މާލެ ސަރަހައްދުގައި ކާފިއު ހިންގަން ފެށިއެވެ. ވެހިކަލް މަނާ ވަގުތުތަކެެއް ގެނައެވެ. ސުކޫލުތަކާއި ކޮލެޖް ޔުނިވާސިޓީތައް ބަންދުކުރިއެވެ. އެއްވުންތަކާއި ޖަލްސާތައް އަދި ހަފްލާތައް ބޭއްވުން މަނާކުރިއެވެ. ކަސްރަތު ކުރާ ތަންތަނާއި ޕާކުތައް އަދި މައިދާންތަކާއި މައިޒާންތައް ބަންދުކުރިއެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި އާންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދެވޭ ވަގުތު މަދުކޮށް އަވަހަށް ބަންދު ކުރަން އެންގިއެވެ. ބޭނުމަކީ ބަލި ކޮންޓްރޯލް ކޮށް ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރުމެވެ. ބަލި ފެތުރެން ހުރި ފުރުސަތުތައް ބަންދު ކުރުމެވެ.

ނަމަވެސް އެޗްޕީއޭއިން ވަނީ ކުއްލި ގޮތަކަށް ފިޔަވަޅުތައް ދޫކޮށްލާފައެވެ. ފިޔަވަޅުތައް ދޫކޮށްލި ގޮތުން ބަލީގެ އެއްވެސް ކަމެއް ރާއްޖޭގައި ނެތް ފަދައެވެ. ފުރަތަމަ ދޫކޮށްލީ ވެހިކަލް މަނާ ވަގުތެވެ. އޭގެ ފަހުން ކާފިއު ވަގުތެވެ. އަދި ސުކޫލުތަކާއި ކޮލެޖް ޔުނިވާސިޓީތައް ހުޅުވުމުގެ ހުއްދައެވެ. އަދި ޕާކުތަކާއި މައިދާންތަކެވެ. ކާބޯތަކެތީގެ ހިދުމަތް މިހާރު މެންދަމު އެކެއް ޖަހަންދެން ދެވެއެވެ. ފިހާރަތައް ބާރަ ޖަހަން ދެން ހުޅުވާފައި ބެހެެއްޓެވެ. މިއީ އެންމެ އާންމު ހާލަތުގައި ހުއްދަތައް އޮންނަ ގޮތެވެ.

ކުއްލިއަކަށް އެޗްޕީއޭގެ ސްޓޭންޑްތައް ބަދަލުކޮށް ފިޔަވަޅުތަކަށް ލުއި ދިނީ ކީއްވެ ހެއްޔެވެ. ޕޮޒިޓިވް ނަންބަރު ވިއްސަށް ދަށްނުވަނީސް ދެވެން ނެތް ކަމަށް ބުނި ފިޔަވަޅުތައް ދޫކޮށްލި ދުވަހުވެސް 300 ކޭސް ފެނުނެވެ. އަދި ފިޔަވަޅުތައް ދޫކޮށްލާފައި މިވަނީ 90 ދުވަހުން 10،000 މީހުންނަށް ބަލިޖެހިފައިވަނިކޮށެވެ. ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅުގައި ރާއްޖެ ވަނިކޮށެވެ. މިހާތަނަށް އަތޮޅުތެރެއަށް ބަލި ފެތުރިފައިނުވާ މިންވަރަށް ބަލި ފެތުރިފައިވަނިކޮށެވެ. މިވަގުތުވެސް މާލެ ސަރަހައްދު ނުހިމަނާ 52 ރަށެއްގައި 900 އާ ގާތް ކުރާ އަދަދަށް ޕޮޒިޓިވް ކޭސްތައް އެބަހުއްޓެވެ.

އެޗްޕީއޭއިން ފިޔަވަޅުތައް ދޫކޮށްލީ އެޗްޕީއޭގެ އިސްވެރިންނާއި ޓެގް ޓީމުގެ މެންބަރުންނަށް ސިޔާސީ ބައެއް ބޭފުޅުން ތަކުރާރުކޮށް ފާޑުވިދާޅުވެ ބޮޑެތި ތުހުމަތުތައްވެސް ކޮށްފައިވަނިކޮށެވެ. ލޯކަލް ކައުންސިލް އިންތިހާބަށް އެޗްޕީއޭއިން ހުރަސް އަޅާ ކަމަށް ފާޅުގައި ބުނެފައިވަނިކޮށެވެ.

ސުވާލަކީ އެޗްޕީއޭގެ ނިންމުން ބަދަލުކޮށް ސިއްހީ ތަޖުރިބާ ކާރުން މިދިޔަ އަހަރު ދުވަހު ރައްޔިތުންނަށް ވިސްނައިދިން ގޮތާއި ހިލާފަށް ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި ފިޔަވަޅުތައް ދޫކޮށްލީ ކީއްވެ ހެއްޔެވެ. ޔަގީނުންވެސް ޕޮޒިޓިވް ކޭސްތައް މަދެއް ނޫނެވެ. ނުރައްކާ ކުޑައެއް ނޫނެވެ. އޭގެ ބަދަލުގައި ޕޮޒިޓިވް ކޭސްތައް އިތުރުވެ ނުރައްކާވީ ބޮޑެވެ.

ބައެއް ސިޔާސީ ބޭފުޅުން އަދި ބައެއް އާންމުންގެ ނަޒަރުގައި ފިޔަވަޅުތައް ދޫކޮށްލީ އިންތިހާބާ ދިމާކޮށެވެ. ހަރުކަށި ފިޔަވަޅުތަކާއެކު އިންތިހާބަށް ގޮސްފިނަމަ އެކަމުން ސަރުކާރަށް ނާކާމިޔާބަކަށް ވެދާނެތީއެވެ.

"މިއީ ސީދާ ނުފޫޒުން ނިންމާފައިވާ ނިންމުމެއް. އިންތިހާބުން ވޯޓް އިތުރުކުރަން ސަރުކާރުގެ ޕްރެޝަރުގައި ނިންމާފައިވާ ނިންމުމެއް. އެޗްޕީއޭގެ ނިންމުން ބަދަލު ކުރަން ގޮވާލަން،" އާންމުން ހޭލުންތެރިކުރުމުގައި އަދި އިޖްތިމާއީ ހިދުމަތުގައި ފާހަގަކޮށްލެވޭ ބޭފުޅަކު ފޭސްބުކްގައި ލިޔެފައި އޮތެވެ.

ބައެއް އެހެން ބޭފުޅުންގެ ނަޒަރުގައި އެޗްޕީއޭއިން އަމަލު ކުރާ ގޮތުން އިދާރާތަކަށް އޮތް އިތުބާރު ގެއްލެއެވެ. ކޮވިޑްގެ ނުރައްކާ އަހަރު ދުވަސް ވަންދެން ކިޔައިދިން ބޭފުޅުން ކުއްލި އަކަށް އެންމެ ނުރައްކާ ހާލަތުގައި ފިޔަވަޅުތައް ދޫކޮށްލުމުން ދެވޭ މެސެޖް ގޯހެވެ. މިއީ ކޮންމެ ޕްރެޝަރެއް އޮތް ނަމަވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

"އަޅުގަނޑަށް ޔަގީން މިއީ ސިއްހީ މާހިރުންގެ ނިންމުމެއް ނޫންކަން. މިހާރުވެސް އެ ބޭފުޅުންނާ ސުވާލު ކުރައްވާ. ނަމަވެސް މަޖުބޫރުން ނިންމި މި ނިންމުމުން ގެއްލުނީ އެޗްޕީއޭގެ އިތުބާރު. ޓެގް ޓީމާއި ސިއްހީ ތަޖުރިބާކާރުންގެ އިތުބާރު. ދެން ކޮވިޑްގެ ހާލަތު ކިތަންމެ ގޯސްވިނަމަވެސް ރައްޔިތުން ފިޔަވަޅުތަކަށް ބޯލެނބުން ކުޑަވުމުގެ ފުރުސަތެއް އެ ހުޅުވައިދިނީ،" ދާދި ފަހުން އުފެދުނު ޑީއެންއޭގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

ފިޔަވަޅުތަކަށް ދިން ލުޔާމެދު ސަރުކާރުގެ ތެރޭގައިވެސް ހިޔާލު ތަފާތުވުމާއި ކަންބޮޑުވުން އެބައޮތެވެ. އެ ކަންބޮޑުވުންތައް މި ސަރުކާރުގެ އެއް ލީޑަރު ރައީސް މައުމޫން ވަނީ އާންމުންނާ ހަމައަށްވެސް ގެންނަވާފައެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ ދޫކޮށްލި ފިޔަވަޅުތައް އަލުން އިއާދަކޮށް ފިޔަވަޅުތައް އަދިވެސް ވަރުގަދަ ކުރާށެވެ. އެމަނިކުފާނު ވަނީ ކޮވިޑްގެ ހަތަރުވަނަ ރާޅެއް އައުމުގެ ކުރިން ދުރާލާ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

ނަމަވެސް މި މައްސަލާގައި މިވަގުތު ސިޔާސީ ބޮޑެތި ޕާޓީތަކުގެ މާބޮޑު ވިސްނުމެއް ނެތެވެ. ހުރިހާ ވިސްނުމެއް އޮތީ ދިހަވަނަ ދުވަހު އޮތް އިންތިހާބަށެވެ. އެހެން ކަމުން އެޗްޕީއޭއާ ޓެގް ޓީމަށް މި ވަގުތަށް އިންތިހާބަށް ލުއި ދިން ކަމުގެ ތުހުމަތާއި ޕްރެޝަރު ކުރާ މިންވަރު ކުޑަވެދާނެ އެވެ. އެހެން ނަމަވެސް އިންތިހާބުގެ ފަހުން އަލުން ކޮވިޑްގެ ހާލަތު ގޯސްވެ ނުރައްކާވެއްޖެ ނަމަ އިތުުރު ތުހުމަތާއި ޕްރެޝަރު އޮތީ އެޗްޕީއޭ އާ ވަރުބަލިވެފައިވާ ސިއްހީ ހިދުމަތްތެރިންގެ ޓީމަށެވެ.