އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޝާމްލީގައި ދިރިއުޅޭ އާޒިމް މަންސޫރީ، 26، ވާހަކަ ދާދިފަހުން ވައިރަލްވީ އޭނާއަކީ ޑްވޯފް (ކުޑަ މީހެއް) އަކަށް ވާތީ އޭނާއާ ކައިވެނި ކުރާނެ މީހަކު ނުވެގެން އެ ސަރަހައްދުގެ ފުލުހުންގެ އެހީއަށް އެދުމުންނެވެ. އާންމުކޮށް މިކަހަލަ ކަންކަން ފުލުހުންނަށް ހުށަހަޅާ ނޫޅޭތީ އާޒިމްގެ ވާހަކަ އެހާ ހިނގި ވާހަކައަކަށް ވީއެވެ.
އާޒިމްގެ ވާހަކަ ވައިރަލްވުމުގެ ފައިދާ ވެސް އޭނާއަށް ވަނީ ކޮށްފަ އެވެ. އޭނާއާ ކައިވެނި ކުރާނެ މީހަކު ވީއެވެ. އަދި އާޒިމް މިހާރު ހުރީ އެކަމާ ވަރަށް އުފަލުންނެވެ.
އާޒިމްގެ އާއިލާއިން ކުރި މަސައްކަތުންނާ ވެސްއެކު މިހާރު އޭނާއަށް ވަނީ ހާޕޫރު ކިޔާ އަވަށަކުން ކައިވެނި ކުރާނެ މީހަކު ލިބިފަ އެވެ. އޭނާއަށް ކައިވެނި ކުރަން ލިބުނީ ވެސް ހަމަ އޭނާ ކަހަލަ ކުޑަކުޑަ އަންހެނެކެވެ. އާޒިމްގެ އާއިލާއިން ގަސްތު ކުރަނީ އަންނަ އަހަރު އާޒިމް އާއި އެ އަންހެންމީހާ ކައިވެނި ކުރުވާށެވެ.
އުފަލުން ފޮޅިފައި ހުރި އާޒިމް ބުނީ ކައިވެނި ކުރުމަށް ފަހު އަލަތު އަނބިމީހާ ގޮވައިގެން އުމްރާއަކަށް ދާން އޭނާ ގަސްތު ކުރާށެވެ.
އިންޑިޔާގެ އާޖްތަކް އަށް ދިން އިންޓަވިއުގައި އާޒިމް ބުނީ ކައިވެންޏަށް ދައުވަތު ދޭނީ ވެސް އެ ހިސާބުގެ ޗީފް މިނިސްޓަރާއި މަދު ބަޔަކަށް ކަމަށެވެ.
"ކުޑަ މީހާ" ގެ ނަމުން ގިނަ ބަޔަކު މުހާތަބުކުރާ އާޒިމްގެ އިސްކޮޅުގައި ހުންނަނީ ދެ ފޫޓު ތިން އިންޗި އެވެ. އޭނާ ކައިވެނި ކުރާނެ މީހަކު ނުލިބިގެން ޕޮލިސް ސްޓޭޝަނަށް ގޮސް އެ ޝަކުވާ ކުރުމުން އޭނާ ކައިރީ ފުލުހުން ބުނި ކަމަށް ވަނީ އޭނާގެ ޝަކުވާ އަކީ އާދަޔާހިލާފު ޝަކުވާއެއް ނަމަވެސް އެ ކަމުގައި ފުލުހުންނަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށް ދޭނެ ކަމަށެވެ.
ނަމަވެސް އެންމެ ބޮޑަށް މިކަމުގައި އޭނާއަށް އެހީތެރިކަން ލިބުނީ ސޯޝަލް މީޑިއާ އެވެ. އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި އާއްމު ވުމަށް ފަހު ވަރަށް ގިނަ މީހުން އާޒިމްގެ ކައިވެންޏަށް އެދި ހުށަހެޅުންތައް ވަނީ ހުށަހަޅާފައި ކަމަށް އެ އާއިލާއިން ބުނެ އެވެ. ނަމަވެސް އާޒިމް ކަހަލަ އަންހެނަކު ލިބުމުން އެމީހާ އާ އާޒިމް އާ ކައިވެނި ކޮށްދޭން އާއިލާއިން ނިންމީ އެވެ.
އާޒިމް އާ ކައިވެނިކުރަން ހަމަޖެހުނީ ހާޕޫރުގައި ދިރިއުޅޭ 27 އަހަރުގެ އަންހެނަކާ އެވެ. މި އަންހެންމީހާގެ ބައްޕައަށް އާޒިމްގެ ވާހަކަ ސޯޝަލް މީޑިއާއިން ފެނިގެން އެ އާއިލާއާ ގުޅީ އެވެ. އަދި ވާހަކަ ދެއްކުމަށް ފަހު އާޒިމްގެ އާއިލާއިން އަންހެންމީހާގެ އަވަށަށް ގޮސް އެމީހުންނާ ބައްދަލުކުރީ އެވެ. އާޒިމް ކައިވެނިކުރާ އަންހެންމީހާއަކީ މިހާރުވެސް ޑިގްރީއަށް ކިޔަވާ ތައުލީމީ އަންހެނެކެވެ.
އާޒިމްގެ ކައިވެނި އަންނަ އަހަރަށް ހަމަޖެހުނަސް އެންގޭޖްމަންޓް ވަރަށް އަވަހަށް ބާއްވާނެ ކަމަށް އޭނާ ބުންޏެވެ.