ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށައިފި

ކޮވިޑް-19ގެ ވެކްސިން ޕްރޮގްރާމުގެ ދެވަނަ ޑޯޒް ދިނުން މިއަދު ފަށައިފި އެވެ.

ދެވަނަ ޑޯޒް ދޭން މިއަދު ފަށާފައިވަނީ ފެބްރުއަރީ އެކަކާއި ހަތަރުވަނަ ދުވަހާ ދެމެދު ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.

މާލެ ސަރަހައްދުގައި ދެވަނަ ޑޯޒް ދިނުން ކުރިއަށް ގެންދަނީ ހަތަރު ވެކްސިން ސެންޓަރެއްގަ އެވެ. އެއީ ސޯޝަލް ސެންޓަރާއި، ސެނަހިޔަ، ނެޝަނަލް އާޓް ގެލަރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގަ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދާއިރު ވެކްސިން ކާޑް އަދި އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނޫނީ ލައިސަންސް ކާޑް ގެންދަން އެދިފަ އެވެ.

އެޗްއީއޯސީން ބުނީ މާލޭގައި ވެކްސިން ޕްރޮގްރާމު ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ކަމަށެވެ. އަދި ވިލިމާލޭގައި މި ޕްރޮގްރާމު ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ކަމަށްވެސް އެޗްއީއޯސީ އިން ވަނީ މައުލޫމާތު ދީފަ އެވެ.

ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ އޮކްސްފޯޑް - އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ. އެކަމަކު މިހާރު ޗައިނާގެ ސިނޯފާމްގެ ވެކްސިން ރާއްޖެއަށް ގެނެސް އެ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދަނީ ޖަހަމުންނެވެ. އަދި ފައިޒާ-ބަޔޯންޓެކް ވެކްސިން ވެސް މިހާރު ވަނީ ރާއްޖެއަށް ގެނެސްފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން މާލެއާއި އަތޮޅުތަކުގައި މިހާތަނަށް 240،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. ރޯދަ މަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.