ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ދާއިމީ ވޯޓާސް ލިސްޓް އާންމުކޮށްފި

Apr 3, 2021

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މިލިސްޓް ސަރުކާރުގެ ގެޒެޓްގަ އާއި ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.

ދާއިމީ ލިސްޓްގައިވާ ގޮތުން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ލުމުގެ ހައްގު ވަނީ ލިބިފަ އެވެ.

ދެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އެކުލަވާލާފައިވަނީ މިދިޔަ އަހަރު ބާއްވަން އޮތް ދެ އިންތިހާބު މިއަހަރަށް ލަސްވުމާ ގުޅިގެން ވޯޓުގެ ކުރިއަށް 18 އަހަރުވާ ކުދިން ވެސް ހިމަނައިގެންނެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ ދުވަހަށް 18 އަހަރު ހަމަވާތީ މުޅިން އަލަށް 5134 ކުދިން ވޯޓުލާނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މި ހަފްތާ އިން ފެށިގެން ރަށްރަށަށް ވޯޓް ފޮށިތައް ފޮނުވުމުގެ މަސައްކަތް ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާތީ އެ އިންތިހާބުގައި މިހާރު ވާދަކުރަނީ 2264 ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މިހާރު ވާދަކުރަނީ 1670 ކެންޑިޑޭޓުންނެވެ.

މި ދެ އިންތިހާބު ބޭއްވުމަށް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.