އިމްރާން ޚާން

ކްލައިމެޓް ސަމިޓްގެ ދައުވަތު ޕާކިސްތާނަކަށް ނެތް

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަމުރުފުޅަށް މިމަހު 22 ން 23 އަށް އޮންލައިންކޮށް ބާއްވާ މޫސުމާބެހޭ ދެ ދުވަހުގެ ސަމިޓް، "ލީޑާސް ސަމިޓް އޮން ކްލައިމެޓް" އަށް 40 ގައުމަކަށް ދައުވަތު ދެއްވި އެވެ. އެކަމަކު އެ ލިސްޓްގައި ޕާކިސްތާން ހިމަނާފައެއް ނެތެވެ.

އެމެރިކާއިން ރާވާ ކަމެއްގައި ބައިވެރި ނުކުރައްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ދެ ބޭފުޅުން ކަމަށްވާ ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަށް ވެސް ދައުވަތު ދެއްވި އެވެ. މި ދެ ބޭފުޅުންނަށް ދައުވަތު ދެއްވި ދެއްވުމަކީ ހެޔޮފުޅު ކަމުން ކޮށްދެއްވި ކަމެއް ނޫނެވެ. އެއީ މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރަން އެ ގައުމުތަކުން ކުރަނީ ކޮންކަމެއްތޯ ބެއްލެވުމަށެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވި ގޮތުން ކްލައިމެޓް ސަމިޓަށް ދައުވަތު ލިބިފައި ނެތުމުން ވަރަށް ބޮޑަށް ހައިރާންވެ ވަޑައިގެންފައި ވެއެވެ. ސަބަބު އެއްގޮތަކަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު އިމްރާން ވިދާޅުވީ ޕާކިސްތާނަކީ މޫސުމީ ބަދަލުތަކަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ގައުމެއް ކަމަށެވެ. މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ގަސް އިންދުން އަދި ވިހަ ގޭސް ބޭނުންކުރާ މިންވަރު މަދުކުރުން ފަދަ ހަރަކާތްތައް ގައުމީ ފެންވަރުގައި ޕާކިސްތާންގައި ހިންގަ އެވެ. އޭނާ ވިދާޅުވީ ޕާކިސްތާނަށް ދައުވަތު ނުލިބުމުން ދަންނަވާނެ އެއްޗެއް އެނގިވަޑައި ނުގަންވާ ކަމަށެވެ.

އެމެރިކާއިން އިސްނަގައިގެން ކްލައިމެޓް ސަމިޓެއް ބޭއްވުމުގެ ބޭނުމަކީ އދ. އިން އަންނަ ނޮވެމްބަރުގައި ސްކޮޓްލޭންޑްގައި ބާއްވާ "ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް" އަށް ހުށަހަޅާނެ ރިޕޯޓް ތައްޔާރު ކުރުމެވެ.

ބައިޑަން ބާއްވަވާ އޮންލައިން ސަމިޓަށް ދައުވަތު ދެއްވި ވެރިންގެ ތެރޭގައި ޖައްވަށް އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރާ ގައުމުތައް ހިމެނެ އެވެ. އެކަން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ކުރާ މަސައްކަތްކާ ބެހޭ ގޮތުން ސަމިޓްގައި މަޝްވަރާ ކުރާނެ އެވެ.