ދުނިޔެ

ރަޝިއާއިން ޓްވީޓާ ޖޫރިމަނާ ކޮށްފި

މޮސްކޯގެ ސަރަހައްދީ ކޯޓަކުން ޓްވިޓާ ޖޫރިމަނާ ކޮށްފި އެވެ. ޓްވީޓާ ޖޫރިމަނާ ކުރަން ޖެހުނު ސަބަބެއް ކަމަށް ބުނެފައި ވަނީ ޓްވީޓާއިން ފޮހެލަން ރަޝިއާއިން އެދުނު ޕޯސްޓްތައް އަދި ވެސް ފޮހެލާފައި ނުވާތީ ކަމަށެވެ. ޓްވީޓާ ޖޫރިމަނާ ކުރީ 116،778 ޑޮލަރުންނެވެ.

ރަޝިއާއިން މިދިއަ ހުކުރު ދުވަހު ވެސް ވަނީ ޓްވީޓާއަށް ދެ ހުކުމެއް އިއްވައި ދެފަހަރަށް ޖޫރިމަނާ ކޮށްފަ އެވެ. އެއީ 41،978 ޑޮލަރާއި 43،285 ޑޮލަރުންނެވެ.

ފޭސްބުކް އަދި ގޫގުލްއާ ގުޅުން ހުރި މައްސަލަތައް ވެސް މޮސްކޯ ކޯޓްގައި އެބަ ހިނގަ އެވެ. ބެލެވޭ ގޮތުގައި ހެޔޮވަރު އަދަދަކުން މި ދެކުންފުނި ވެސް ޖޫރިމަނާ ކުރާނެ އެވެ.

ޓްވީޓާއިން ފޮހެލުމަށް ރަޝިއާއިން އެދިފައިވާ ޕޯސްޓްތަކުގެ ތެރޭގައި އަމިއްލައަށް މަރުވުން އަދި އަމިއްލައަށް މަރުވާން ދަސް ކޮށްދިނުން ކުޑަކުދިންނާ ގުޅުންހުރި އަހުލާގީ ލިޔުންތައް އަދި ޑްރަގް އުފައްދައި ބޭނުން ކުރާނެ ގޮތްފޮތް ހިމެނެ އެވެ. އަދި ރަޝިއާގައި ހިންގާ ހަމަނުޖެހުންތަކާ ގުޅުންހުރި ޕޯސްޓްތައް ވެސް ހިމެނެ އެވެ.

ޓްވީޓާއާ ދެކޮޅަށް ރަޝިއާއިން ފުރަތަމަ އެޅި ފިޔަވަޅަކީ މޮބައިލް ޑިވައިސްތަކުގައި ޓްވިޓާ ބޭނުން ކުރުން ލަސް ކުރުވުމެވެ. އަދި ޑެސްކްޓޮޕް ކޮމްޕިއުޓަރުތައް ބޭނުންު ކުރާ 50 ޕަސެންޓް މީހުންނަށް ޓްވީޓާ ނެޓްވޯކް ތާށިކޮށްލުން ވެސް ހިމެނެ އެވެ.

ޓްވީޓާއިން އަދި ވެސް ރަޝިއާ އެދިފައިވާ ގޮތަށް އެ ޕޯސްޓްތައް ފޮހެލާފައެއް ނުވެ އެވެ.