ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން: 1149 މީހަކު ދެވަނަ ޑޯޒް ޖަހައިފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 1149 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ މިއަދު އެވެ. އެޗްއީއޯސީ އިން މިރޭ ބުނީ މިއަދު 1149 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. ދެވަނަ ޑޯޒް ދެނީ މާލެ ސަރަހައްދުގައި އެކަންޏެވެ. މިހާރު ދެވަނަ ޑޯޒް ދެނީ ފެބްރުއަރީ ފުރަތަމަ ދުވަހާއި ހަތަރުވަނަ ދުވަހާ ދެމެދު ވެކްސިން ޖެހި މީހުންނަށެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިއަދު 2،622 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. މިހާތަނަށް ރާއްޖެއިން 243،749 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ 5،000 ވުރެ ގިނަ ޑޯޒް އެބަހުއްޓެވެ. ނަމަވެސް އެ ވެކްސިން ދޭނީ ހާއްސަ ހާލަތްތަކުގައިވާ ބަޔަކަށެވެ. އެ މީހުންނަށް ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.