ވާހަކަ

ހީނލާގޮތުން

(1 އޭޕްރިލް 2021 އާ ގުޅޭ)

"ފަހުން ތިވާހަކަދައްކާނީ، މެދުތެރޭން ރީން ދިޔައީމަ މަށަށް ކިހިނެއްވާނީ، ކަމް ލަވް." އަރީންގެ ކަރުދޮށުގައި ބޮސްދީފައި އޭނާގެ އަތުގައި ހިފާލައިގެން ފާހާނާއިން މިދުހަތު ނުކުތެވެ. އަރީނަށް ހުރެވުނީ މަސްހުނި ހިޔާލުތަކެއްގައި ބަނދެވިފައެވެ. ގެއަށް ދިއުމުން ފަވާދުކޮށްފާނޭ ސުވާލަކާމެދު ވިސްނެ އެވެ. އަދި ޖަވާބުދޭނޭ ގޮތް ހިތުތެރޭ ރާވަމުން ގެންދިޔައެވެ.

ޓެކްސީއިން ފޭބުމަށްފަހު އަރީން މަޑުކޮށްލިއެވެ. ޓެކްސީ ނައްޓާލުމުން އޭނާ ފަހަތަށް ޖެހިލިއެވެ. އިސް އުފުލާ މައްޗަށް ބަލާލިއެވެ. ގޭގެ ބެލްކަނިތައް ހުންނަނީ މަގުމައްޗަށްވާ ގޮތަށެވެ. އެއިން ބެލްކަންޏެއްގައި މީހަކު ހުރިތޯ ބެލުމަށްވުރެ އަރީން ސަމާލުކަމެއް ދިނީ ހަވަނަ ފަންގިފިލާގެ ބެލްކަންޏަށް ފަވާދު ނުކުމެ ހުރިތޯ ބެލުމެވެ. މީހަކު ނުފެނުމުން ހަށިފުރާ ފުންނޭވާއެއް އަރީން ދޫކޮށްލި އެވެ. ދޮރޯށިން ވަނީ ދެނެވެ.

އެޕާޓްމެންޓަށް ވަނީ ސިއްރުން ނަމަވެސް އަރީން ހުއްޓުން އަރާގޮތްވީ ސިޓިންރޫމު ސޯފާގައި އިން ފަވާދު ފެނިފަ އެވެ. ނުހުޅުވާހުރި ޓީވީ އަރީނަށް ފާހަގަވި އެވެ. ފިރިމީހާ އެ އިނީ އަރީން ހީކުރިހެން އޭނާގެ އިންތިޒާރުގައިކަން ނުހަނު ބޮޑަށް ޔަގީން ކުރެވުނީ ދެނެވެ. އެހެންނަމަވެސް އެކަން އެނގުނު ކަމަކަށް އަރީން ނުހެދިއެވެ.

"ކައިފިންތަ؟" ބޭލި ފައިވާން ނަގާ އެ ލާން ހާއްސަކޮށްފައި ހުންނަ ކަބަޑަށް ލަމުން އަރީން އަހާލީ ވަރަށް ވެސް އާދައިގެ ގޮތަކަށެވެ. ފަވާދު އަނގަޔަކުން ނުބުންޏެވެ. އެހެން ނަމަވެސް އޭނާގެ ނަޒަރު އަރީނަށް ހުއްޓިފައި ހުރިކަން އިހްސާސް ކުރެވުނެވެ. ފައިވަންލާފައި ފިރިމީހާއާ ދިމާއަށް އެނބުރިލައި އަނެއްކާ ވެސް އަރީނު ބުނި އެއްޗެއް ތަކުރާރު ކޮށްލިއެވެ. ދެން ވެސް ފަވާދު އަނގައިން ނުބުނުމުން އަރީން މަޑެއް ނުކުރިއެވެ. އޭނާ ގޮސް ކޮޓަރިއަށް ވަނީއެވެ. ކޮޓަރިއަށް ވަދެ ދޮރުލައްޕާލާފައި އިރުކޮޅަކު ދޮރާ ދިމާއަށް ބަލަން އަރީނަށް ހުރެވުނެވެ. ފަހަތުން ފަވާދު އަންނާނޭ އޭނާ ހީކުރި އެވެ. ހީކުރި ވަރަށްވުރެ ބޮޑަށް ފަވާދު ނުރުހިފައި އިނިއްޔޭ އަރީން ހިތަށް އެރިއެވެ. މީ ދުވަހަކުވެސް ފަވާދު ކަންތައްކުރި ގޮތެއް ނޫނެވެ. ހަމައެއާއެކު އޭނާ ވެސް ކައިވެންޏަށް ފަހު ދަންވަރު އެކެއް ޖަހަންދެން ގެއިން ބޭރުގައި އުޅުނު މީ ފުރަތަމަ ރެއެވެ. ފަވާދަކީ ޒުވާބުކުރާ ހިތްވާ މީހެއް ނޫނެވެ. ބާރަށް އަޑުގަދަ ކުރުމުގެ ބަދަލުގައި އަރީނަށް އޭނާ ވިސްނައި ދެނީ ގާތުގައި ހުރެގެން މަޑުމަޑުންނެވެ. އެ ވާހަކަތައް ބޭކާރު ވާހަކަތަކަށްވަނީ އަރީނަށެވެ. ފިރިހެނުންގެ ގޮތެއްނޫނޭ އަނގަތެޅުވުމަކީ ބުނެ ކޮންމެވެސް ގޮތަކުން އެފަދަ ވާހަކަތައް އަރީން ހުއްޓުވައެވެ. ފަވާދު ރުޅި އައިސްފަ ހުއްޓާ ދުށް ހަނދާނެއް އަރީނު ނުވެއެވެ. ފެނުމަށްވުރެ ނުފެނުން ގާތް މަންޒަރަކަށްވާތީއެވެ.

"ވަރަށް ދޮން ބޮޑުވެފަކަން ޔަގީން... މިރޭ ކަމަކު ނުދާނެ، ހެނދުނުން ވާހަކަ ދައްކާނީ." އަރީން ހިތަށް އެރިއެވެ. އޭނާ އަވަސް އަވަހަށް ހެދުން ބަދަލުކޮށް ފާޚާނާއަށް ވަނީ އެވެ. ގައިދޮވެލައިގެން ނުކުމެ އެނދަށް އަރާ ނިދަން ގަސްދުކޮށެވެ. ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން އިންތިހާއެވެ. ތަންމަތީގައީ އޮށޯތުންކަން ލަސްވާނީ ޚުދު އަރީނަށް އެނގެއެވެ. ނިދިބަރުވެފައި ހުރެ ވާހަކަދައްކަން އުޅެފިއްޔާ އޭނާ ވެސް ރުންކުރުވާނީއެވެ.

ނިދަން އަރާފައި ވެސް އެނދުގައި އަރީނަށް އިރުކޮޅަކު އޮވެވުނެވެ. ފަވާދު ނައީތީ އެކަމާ ވިސްނެނީ އެވެ. ދެ ލޮލަށް ބަރުވެ މެރުނުއިރު ވެސް ކޮޓަރީގައި އޮތީ އޭނާ އެކަންޏެވެ. ތެދުވެގެން ފަވާދު ހޯދަން ދާން ހިތަށް އެރި ނަމަވެސް ވަރުބަލިކަން ހުރަސް އެޅީއެވެ. ތަންމަތީގައި އޮށޯވެވުމުން ކަންނެތްވީއެވެ.

ކޮޓަރީގެ ދޮރު ހުޅުވުނުއިރު ގަދަ ނިދީގައި އޮތް އަރީނަށް ހިލަމެއް ނުވިއެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި ފަވާދު ލައިގެން ހުރި ޓީޝާޓު ބޭލިއެވެ. ކައިރީގަ ހުރި ގޮނޑީގެ ލެނގޭ ބައިގަ އަޅުވާލާފައި އޭނާ އައިސް އެނދަށް އެރިއެވެ. ވައަތްފަރާތަށް އަރިއަކަށް ފަވާދު އޮތްއިރު އޭނާގެ ނަޒަރު ހުރީ ޖެހިގެން އޮތް އަނބިމީހާއަށް ހުއްޓިފައެވެ.

* * * * *

ނިދިފައި އޮތް އަސްލަންއަށް ހޭލެވުނީ ހުވަފެނުން މައިރާ ފެނިގެންނެވެ. ގޭތެރޭގައި އޭނާއާއި ކުދީންނާއެކު ދިރިއުޅެނިކޮށެވެ. އެ ހުވަފެނުން އަސްލަން އަޖައިބުވީ ނޯޔާ ވެސް ފެނުނީމައެވެ. އޭނާ ނުކުތީ އެބައިގަ ނޯޔާ އިންނަން ހަމަޖެހިފައި ހުރި ކޮޓަރިންނެވެ. މިވަނީ ކިހިނެއްކަމެއް ނޭނގިފައި ހުވަފެނުގައި ވެސް އަސްލަންއަށް ހުރެވުނީއެވެ. ދާންވީ މައިރާގެ ގާތަށް ކަމެއް ނޫނީ ދޮރުކައިރީ އޭނާއަށް ބަލަން ހުރި ނޯޔާގެ ގާތަށް ކަމެއް އަސްލަންއަކަށް ނުނިންމުނެވެ. ހޭލެވުނީ އެ ހާސްކަމުގައި ވަނިކޮށެވެ. ފެނުނު ހުވަފެން ތައުބީރުކުރަން ނޭނގުނަސް ނިދީގެ އަސަރު އަސްލަންގެ ކިބައިން ފިލައި ހިނގައްޖެއެވެ. ތެދުވެ އެނދުގެ އަރިމަތީ އިށީނުމާއެކު ފޯނު ނަގާ ބަލާލީ ގަޑިންވީއިރެއް ބެލުމަށެވެ. ފަތިހު ހަތަރެއް ޖަހަން ހުރީ ދިހަ ވަރަކަށް މިނެޓެވެ. ސިކުނޑިއަށް ލިބިފައިވި އުދާސްކަން ފިލުވާލުމަށް އޭނާ ފުންނޭވާއެއް ލިއެވެ. ދެން ތެދުވެ ފާޚާނާއަށް ވަދެލާފައި ކޮޓަރިން ނުކުތީއެވެ. ވެރިފައި އޮތް ހިމޭންކަމުގައި އަޑެއް ލައްވާނުލާން ވެގެން ކޮޓަރީގެ ދޮރު ނުލައްޕާ ކައިރިކޮށްލީއެވެ. ދެން ސޯފާތަކާ ދިމާއަށް އައިސް އައިސް ހުރެފައި އަސްލަން ހުއްޓުނެވެ. ނޯޔާގެ ކޮޓަރި ދޮރުމަތީއެވެ.

"ނޯޔާ އޮންނާނީ ނިދާފަ." އަސްލަން ހިތަށް އެރިއެވެ. އެހެންވިޔަސް އޭނާގެ ހިތް ގޮވާލީ މީގެ ކުރީން ނުކުރާކަމެއް ކުރާށެވެ. މަޑުމަޑުން ހިއްލާލި ކަނާއަތް ގެނެސް ޖައްސާލީ ކޮޓަރީގެ ދޮރުގެ ތަޅުގައެވެ. ނޭނގޭ ބާރުމިނެއްގައި އަސްލަންގެ ހިތް ތެޅިލިއެވެ. ކުރަން މިއުޅެނީ ކީއްކަމާމެދު އަމިއްލަ ޟަމީރު ސުވާލު ކުރިއެވެ. ދޮރުފަތުގެ ތަޅު އަނބުރާލީ ނިކަން ސިއްރުންނެވެ. ތަޅުނުލާ ހުރުމުން އޭނާ ހައިރާން ވެސް ވިއެވެ. މަޑުމަޑުން އެތެރެއަށް ދޮރު ހުޅުވާލިއެވެ. އަސްލަންއަށް ޤަބޫލުކުރަން ދަތިވިއެވެ. ނޯޔާ ތަންމައްޗަކު ނެތެވެ. ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލައި ބޯދިނެވެ. އަލަމާރި ކުރިމައްޗަށް ވާނެހެން ފުރަގަސްދީގެން މުސައްލަ މަތީ އިނީ ނޯޔާއެވެ.

"އޭނާ ނުކުރާ ނަމާދެއް ނޯވޭތަ؟ ނޯޔާއަށް އެ އުޅުން ދަސްކޮށްދިނީ ކާކު؟... އެއީ ހަމަ އަހަރެންގެ އަނބިމީހާތަ؟ އެކަމަކު މައިރާ ދުނިޔޭގައި ހުރިނަމަ އަހަރެން މިއަންހެންކުއްޖާއަށް އިސްއުފުލާ ބަލާލަން ވެސް ހިތަށް ނާރާނެ، ދުނިޔޭގައި އުޅޭކަން ވެސް ނޭނގުނީސް، ނޯޔާ، އެންމެންނާ ތަފާތު، އޭނާއާ ﷲ އާ ދެމެދު އޮންނަ ގުޅުން ވަރުގަދަ، ރޭއަޅުކަމުގައި ނޯޔާ އުޅޭއިރު އޭނާ ނިދަނީ ކޮންވަގުތަކު، އެމޫނުން ވަރުބަލިކަން އަހަރެން ނުދެކެން، އަހަރެންގެ ދަރީންގެ އެއްވެސް ކަމެއް މީހަކާ ހަވާލެއްނުކުރޭ، ކިހިނެއް ހުރިހާކަމެއް ކުރަނީ؟... ވަރުބަލި ނުވޭތަ؟." އަސްލަން ހިތަށް އެރިއެވެ.

"ކާކު؟" މީހަކު ހުރިހެން ހީވެ ނޯޔާ ދުޢާ ކުރުކޮށްލައި އެނބުރިލި އެވެ.

"އަހަރެން... ސޮރީ..." އަސްލަން ނިކަން އަވަހަށް ވާހަކަ ދެއްކިއެވެ. ދޮރު ހުޅުވައިގެން ހުއްޓުން އަރާފައި ހުރެވުނީކަން އަސްލަންއަށް ރެއަކާލީ ދެނެވެ. ނޯޔާ މުސައްލަ މަތިން ތެދުވި އެވެ. ވެރިވެފައި އޮތް ނިދާ ބޮކީގެ ފަނޑުއަލި ކަނޑުވާލުމަށް ކޮޓަރީގެ ހުދުއަލީގެ ބޮކި ދިއްލާލިއެވެ. އަލިވެގެން ދިއުމާއެކު ދޮރުމަތީ ހުރި އަސްލަންގެ ސޫރަ ނޯޔާއަށް ރީތިކޮށް ފެނުނެވެ.

"ކިހިނެއްވީ؟" އަސްލަން ކަމެއް ބޭނުންވީއޭ ނޯޔާ ހިތަށް އެރިއެވެ.

"ކަމެއް ނުވޭ..." ނޯޔާއާ ނަޒަރު ވަކިކޮށް ނުލެވިފައި ހުރި ފަދައަކުން ބަލަން ހުރެ އަސްލަން ވާހަކަދެއްކިއެވެ.

"އެތެރެއަށް ވަންނަން ބޭނުންތަ؟" ހިސާބަކަށް ފަސްޖެހި ހުރެ ނޯޔާ އަހާލި އެވެ. އަސްލަން ވަކި އެއްޗެއް ނުބުނެއެވެ. ނޯޔާއަށް ބަލަން ހުރެފައި އޭނާ ވަނީއެވެ. ވަދެގެން އައިސް ނޯޔާގެ އެނދުގައި އޭނާ އިށީނެވެ.

"ކޮންމެ ރެއަކުވެސް ނަމާދު ކުރަންތަ؟" އަސްލަން އަހާލި އެވެ. ނޯޔާ ބޯ ޖަހާލީއެވެ. އޭނާގެ އަވަސްވަމުން އައި ހިތުގެ އަޑު އަސްލަންއަށް އިވިދާނެތީ ފަހަތަށް ފިޔަވަޅެއް ނޯޔާއަށް އަޅާލެވުނެވެ.

"ނީށިންނާނަންތަ؟" ނޯޔާގެ ހަރަކާތްތައް ފާހަގަވެ އަސްލަން އަހާލި އެވެ. ނޯޔާ އައިސް އެނދުގައި އިށީނީ ދެނެވެ.

"ހުވަފެނެއް ފެނި ނުނިދިގެން މި ނިކުތީ... މައިރާ ފެނުނީ." ނޯޔާ ވާހަކައެއް ނުފެށުމުން އަސްލަން ބުންޏެވެ.

"ދަމު ނަމާދު ކުރަންވީނު." ނޯޔާ ބުނެލި އެވެ. އަސްލަން ހައިރާންވި އެވެ. އޭނާ ހީކުރީ މައިރާގެ ނަން ބުނުމުން ނޯޔާ ގަޔާނުވީ ކަމަށެވެ.

"ﷲ އަށް ދަންނަވަން މިއަށްވުރެ ރަނގަޅު ވަގުތެއްނެތް، މައިރާއަށް ހެޔޮ ދުއާ ކުރޭ، ގިނައިން ދުއާ ކުރޭ... އެ އަނބިމީހާއަށް ޓަކައި ކޮށްދެވޭނެ އެންމެ ހެޔޮކަން ބޮޑު އަމަލީ އެއީ، އަހަރެން ވެސް ދުޢާކޮށްދޭނަން... ތަހައްޖުދު ނަމާދަކީ ފިނިކަމެއް، ހީނުކުރާ އެތައްގޮތަކުން ނަފްސަށް ހަމަޖެހުން ލިބޭނެ، ކެތްތެރިކަމާއި ހިތްވަރު ލިބޭނެ، ކަންބޮޑުވާ ކޮންމެ ކަމެއް ދަންނަވަންވީ، އިންޝާﷲ، އެކަމަކަށް ﷲ މަގެއް ދައްކަވާނެ، ހެވެއްވާ ކޮންމެ ކަމަކަށް ﷲ މަގުދައްކަވާނެ..." އަސްލަން ހިމޭންވެ އިންނަން ފެށުމުން ނޯޔާ ވާހަކަ ދެއްކި އެވެ.

"ނޯޔާ ތިހުރިހާކަމެއް ދަސްކުރީ ކިހިނެއް؟" އަސްލަންގެ ހިތުގައި އޮތް ސުވާލު ދުލުން ބޭރު ކޮށްލި އެވެ.

"މަންމަ... އަހަރެން ގްރޭޑް އަށެއްގަ އުޅުނު އަހަރު ނޭނގެ ވީގޮތެއް، ވަރަށް މަސައްކަތް ކުރިން، އެކަމަކު އެފަހަރު ފުރަތަމަ ޓާމްގެ ނަތީޖާ ދުވަހަކުވެސް ދަށް ނުވާވަރަށް ދަށްވީ، އެހާ ވަރަށް ތައްޔާރުވީމާ ވެސް ޓެސްޓަށް ދިޔަތަނާ ހަނދާން ނެތުނީ، މަންމަ ދަސްކޮށް ދޭނެ އެކިއެކި ދުޢާތައް، އެއިން ދުޢާއެއް ވެސް ހަނދާނެއް ނުވި، އޭރު ރަނގަޅަށް ނުވެސް ނިދޭ، ހިތްބިރުގަނެފަ ހުންނަނީ، ބޮލުގަ ރިއްސާވަރުން ފިލާވަޅުތައް ބަލާ ހަދަން ވެސް ދަތިވީ، ގިނައިރު އޮވެވެނީ އޮށޯވެގެން، އޭރުން ލުއިވޭ، ވާގޮތެއް ނޭނގި ވަރަށް ޑިޕްރެސްވާން ފެށީ، ދެން މަންމައާއެކު ޟުހާ ނަމާދާއި ދަމު ނަމާދު ކުރަން ފެށީ... އެންމެ ދުވަހެއް ވެސް ޤުރުއާން ނުކިޔަވާ ނުހުންނަން، މަންމަ ދުޢާކުރާ އަޑުދަށުން އަހަރެން ދުޢާ ކުރަނީ، އޭރު އެހާ ނޭނގޭ މިކަހަލަ ކަންކަމެއް، މަންމަބުނި ދުނިޔޭގައި އިންސާނުންނަށް އެތައް ހުރަސްތަކެއް ދިމާވާނޭ، އަހަރެންނަށް ވެސް ކުރިއަށް ދިއުމުގައި އެފަދަ ހުރަހެއް ދިމާވީކަމުގައި... އޭގެ ފަހުން ﷲ ގެ ރަހުމަތުން އެފަދަ ދަތިކަމެއް ކުރިމައްޗެއް ނުވޭ، އެ އާދަވިގޮތަށް މިހާރު މިހެން އުޅެން މިވަނީ އާދަވެފަ، ރަނގަޅު ކަންކަން ކުރަން ޖެހެނީ ހަމައެކަނި ދަތިކަމެއް ދިމާވީމައެއް ނޫނެއްނު."

"ތިގޭ އެންމެން ނޯޔާދެކެ ލޯބިވާވަރު އަހަރެން ދުށީން..." އަސްލަން ބުންޏެވެ.

ދެމަފިރިން އެކަކުއަނެކަކާ އެކިއެކި ވާހަކަ ދެއްކުމުގައި ނޯޔާގެ ކޮޓަރީގައި ތިއްބެވެ. ފަތިސް ނަމާދު ވަގުތު ޖެހުނީ ވެސް އެހެން ތިއްބައެވެ. ކުރިއާ ހިލާފަށް އަސްލަން ކަންކަން ނޯޔާއާ ހިއްސާ ކުރާވަރު އިތުރުވެއްޖެ އެވެ. ކައިވެނިކުރި ފަހުން އެ ކޮޓަރިއަށް އަސްލަން ފުރަތަމަ ވަނީ ވާރެއާ ތެމުނު ދުވަހު ނޯޔާގެ ބުރަކަށި ހަލާކުވެފައި ހުރެގެންނެވެ. އެ ދުވަހު ވެސް އަސްލަން ވަނީ ނޯޔާގެ ހުއްދައެއް ހޯދުމެއް ނެތި އެވެ. މިރޭ ވެސް ނޯޔާއަށް އަސްލަން ފެނުނީ ހުޅުވާލައިގެން ހުރި ދޮރުން އެތެރެއަށް އެއްފިޔަވަޅު އަޅާލައިގެން ހުއްޓާ އެވެ.

* * * * *

ދަރިފުޅުގެ ވާހަކަތަކަށް ރައުލާ އަބަދުވެސް ސަމާލުކަން ދެއެވެ. މިފަހަކަށް އައިސް އޭނާގެ ބޮލުގެ ތަންކޮޅަކުން ރިހުން ކަނޑައިގެން ނުދެއެވެ. އެ ރިހުމުގެ އަސްލަކީ ކުޑަކުޑަ ޒަޔާނަށް އާ މަންމައަކު ލިބެން އުޅޭ ވާހަކައެވެ. ދޮންދޮން ރީތި މަންމައެކޭ އެކުއްޖާ ބުނެއެވެ. ބުރުގާ އަޅައިފަ ހުންނައިރު އެއީ ޒަޔާންގެ ކުލާހުގައި އުޅޭ ސާރާ ކިޔާ ކުއްޖެއްގެ މަންމަކަން ވެސް އެކުއްޖާގެ ވާހަކައިން ރައުލާއަށް އޮތީ އޮޅުންފިލާފައެވެ. އޭނާގެ ބައްޕައާއެކު އެގެއަށް ދާން ރާވާފައި އޮތްކަން ވެސް އެނގިއްޖެއެވެ. ވާންމިއުޅޭ ގޮތެއް ކުޑަކުޑަ ޒަޔާންގެ ބުއްދިއަށް ނަގައިނުގަނެވުނަސް ރައުލާއަށް ވަރަށް ސާފެވެ. ދަތްކުނޑިވިކާލެވެނީ އެހެންވެއެވެ.

"ޒުވާބު ކުރަންތަ ތިއުޅެނީ... އެއީ ކޮންކަހަލަ އަންހެނެއްކަމެއް ވެސް ނޭނގެއެއްނު، ކިހިނެއް އެ އެންމެންގެ ތެރެއިން ވަކިކުރާނީ؟." ސައިމޭޒު ދޮށުގައި އިން ރައުލާއާ ވާހަކަދެއްކީ ހާމިދާއެވެ.

"އެގަޑީގަ ވެސް އެ ދެމީހުން މާފޮޅުވާކަން ޔަގީން، ޒާންއަށް އެނގެނީ އެހެންވެ... މިދުހަތުގެ ގޮތް އެނގޭ، އޭނާ ބައްދަލުކުރާނެ، އެއީ ކިހާވަރެއްގެ އަންހެނެއްކަން އޭރުން އެނގިދާނެ." ފޫހި ރާގެއްގައި ރައުލާ ބުންޏެވެ.

"މަ ހަމަ އަޖައިބުވޭ އޭނާ މީހަކާ އިންނަން އުޅޭތީ، ކައިވެންޏެއްކޮށްގެން އޭނާއަށް އުޅެވޭނެތަ؟، މަންމައަކަށް ނުފެނޭ މިހާރު ދެން އޭނާގެ ކަންކަމާ ދަރިފުޅު ބެހޭކަށް." ހާމިދާގެ ހިޔާލު ފާޅުކުރިއެވެ.

"އޭނާ އެ އުޅެނީ މީހަކާ އިނދެފައި ޒާން ގެންދަން ނޫންކަމެއް ކިހިނެއް އެނގެނީ، އެކުއްޖާ ވެސް ބަފާ މޮޔަވެފަ ހުންނަނީ، އެކަމަކު ވިހޭސުރެން އަހަރެން މިގެންގުޅުނީ، އެދުވަހު އާދޭސްކުރީމަ އޭނާ އެކުއްޖާ ގޮވައިގެން ސުކޫލު ދޮށަށް ދިޔައީ، އެނޫންކަމެއް އޭނާ ކޮށްދިންތަ؟ މިހާރު ދަރިފުޅުވެގެން އެއުޅެނީ... ސުކޫލު ދޮށަށް ވެސް އެދަނީ ކީއްވެކަން މަންމައަށް ވެސް މިހާރު އެނގިއްޖެއެއްނު... ނުކެރޭނެ ޒާން ގެންދާކަށް، ނުވެސް ދޭނަން ގެންދިޔަކަ، އޭނާގެ ކައިރިއަށް އެކުއްޖާ ގެންގޮސްފިނަމަ އަހަރެންގެ ދަރިފުޅުގެ އުޅުން ހަލާކުވާނެކަން ޔަގީން، ދަރި ކުރިމަތީގަ ކޮންމެފަދަ ގޮތަކަށް ވެސް އުޅޭން ފަހެއްނުޖެހޭނެ." ހަގީގަތުގައި ވެސް ރައުލާ އެންމެ ކަންބޮޑުވަނީ ދަރިފުޅާ މެދުއެވެ.

"ޒާން ބުނާހެން ތި އަންހެން މީހާ ވާނީ ނިކަން ރީތި މީހަކަށް، މިދުހަތު މޮޔައެއްވެގެން ނޫޅޭނެ ބަލާލަން ހުތުރިއްޔާ." ހާމިދާއަށް ވެސް މިދުހަތުގެ ގޮތް އެނގިފައި އޮތީމަ ބުނެވުނެވެ.

"އޭނާގެ ވެސް ދަރީން އެބަތިބި، އަދި ނޭނގެއޭ އިނދެގެން ހުރެގެން ނޫންކަމެއް މިކުޅިގަނޑެއް މިކުޅެނީ... އެމީހުން ބައްދަލުކުރާއިރު ޒާން އެތަނުގައި ހުންނާކަށް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން... މިއަދު ހޯދާނަން އެ އަންހެނާ." ރައުލާ ބުންޏެވެ.

"އެ އަންހެން މީހާ ވެސް ތާހިރީނު، މަގުމަތީގަ، ސްކޫލު ދޮށަށް ދަރިބަލާ ގޮސް ހުރެ ކިހާ ރީތި ވައްތަރަކަށް އެ އުޅެނީ، ދަރީން އަދި ކިހިނެއްވާނީ، މަންމަ ވެސް ރުހޭކަމެއްނޫން އެ މިދުހަތުގެ ކައިރިއަށް ޒާން ދިއުން، އެކަމަކު ބުނަން، ތި ކުރަން އުޅޭ ކަމެއް ނުކުރާށޭ މަންމަ ނުބުނާނަން، ދިޔަޔަސް މަގުމަތީ ޒުވާބު ނުކުރާތި... މިދުހަތާއި ދަރިފުޅާ ދެމެދު ހަމައެކަނި އޮތް ގުޅުމަކީ އެ ކުޑަކުޑަ ޒާން، ތީ މިހާރު އޭނާއަށް ހިލޭ އަންހެނެއްކަން ވިސްނާތި." ހާމިދާ ބުންޏެވެ.

ކާމޭޒު ދޮށުން ތެދުވެގެން ރައުލާ އައީ ކޮޓަރިއަށެވެ. ޒަޔާން ސްކޫލުން ނިމޭ ގަޑިއަށް އޭނާ ތައްޔާރުވިއެވެ. ގެއިން ނުކުތީ މަޑުމަޑުން ހިނގާލާފައި ސްކޫލު ދޮށަށް ދެވޭނެހާއިރު ހުއްޓައެވެ.

ސްކޫލު ހުރި މަގަށް ރައުލާ ވަނީ ސަމާލުވެ ހުރެ ފަރުވާތެރިކަމާއެކު އެއްވެފައި ތިބި މީހުންނަށް ބަލަމުންނެވެ. ފިޔަވަޅު މަޑުޖައްސާ ފަހަތަށް ޖެހިލައި ވާހަކައިގަ ތިބި ދެމީހެއްގެ ނިވަލަށް ރައުލާ ވަނެވެ. ސައިކަލު މަތީ އިން މިދުހަތު ފެނިގެންނެވެ. އޭނާ ވެސް މަގުގެ ދެކޮޅު ހޯދަނީއެވެ. އެވަރަށް އޭނާ ބަލަނިކޮށް ރައުލާ ފާހަގަވެދާނޭތީ ކުރިއަށްދާން ގަސްދެއް ނުކުރިއެވެ. ސިއްރުން ހުރެ ކައިރީގަ ތިބި މީހުންގެ އެއްފަރާތުން ހާވެފައި އޮތް ހަނިދާއިރާއިން ރައުލާ ބަލަން ހުއްޓެވެ. މިދުހަތުގެ ހަރަކާތްތަކަށް ބަދަލު އަތުވެއްޖެކަން ފާހަގަވުމާއެކު ރައުލާ ވެސް ހުރިދިމާލުން މަގަށް ޖެހިލިއެވެ. ސްކޫލުގެ ގޭޓު ހުޅުވި ބެލެނިވެރިންތައް ވަންނަން ފެށީ އެވަގުތެވެ. މިދުހަތު ދިޔައީ ކާކު ފެނިގެންކަން ޔަގީންކުރަން ރައުލާއަށް އުނދަގޫވީ އެހެންވެއެވެ. އޭނާ ސްކޫލުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ކަންމަތީގައި މަޑުކުރީއެވެ. ސްކޫލުން ނުކުންނަ މީހުން ފެންނާނޭ ހެންނެވެ.

"މީތަ އެ އަންހެނަކީ؟." ރައުލާއަށް އަހާލެވުނީ އަމިއްލަ ނަފްސުގެ ކައިރީއެވެ.

މިދުހަތުގެ ޖީބުން ނެގި ކޮންމެވެސް އެއްޗެއް އެ އަންހެން މީހާގެ އަތުގައި ހިފާލައިގެން ހުރި އަންހެންކުއްޖާއަށް ދިންތަން ރައުލާ ދުށްޓެވެ. އޭނާއަށް ވެސް އެއްބަސްވެވުނީ އެ އަންހެނާއަކީ މިދުހަތު މޮޔަވާހާ ރީތި އަންހެނެއް ކަމެވެ. ޒާތެއްގެ ނުތަނަވަސްކަމެއް ރައުލާގެ ހިތަށް ވެރިވުމާއެކު ޖަޒުބާތުތައް ރުޅިއަށް ބަދަލުވީއެވެ. ހުޅުގަނޑު ފަޅައިގެން ނުދިޔައީ ހީކުރި ގޮތާ ތަފާތު މަންޒަރެއް ރައުލާއަށް ފެނިގެންނެވެ. މަލާމާތުގެ ހިނިތުންވުމެއް ރައުލާގެ ތުންފަތުން ފާޅުވެލިއެވެ. ބާރަށް ހޭން އޭނާ ބޭނުންވިއެވެ. ނަމަވެސް ތުންފިއްތާލައިގެން ހުރީއެވެ.

"ކަލެއަށް އެނގޭތަ އެއީ ކިހާވަރެއްގެ ފިރިހެނެއްކަން؟" ރައުލާގެ ހިތް އެ ސުވާލު ކޮށްލީ ހަލުހިނގުމުގައި އައި އަންހެންމީހާއާއެވެ. އޭނާގެ ނަޒަރު މިދުހަތަށް ދަތުރުކޮށްލިއެވެ.

"މީހަކަށް ވަރެއްވެއްޖެއެއްނު..." މިދުހަތަށް ބަލަން ހުރެ މިފަހަރު ރައުލާއަށް ބުނެވުނީ އަޑުވީއްލައެވެ.

ސިކުނޑި ތެރޭ ވަރުގަދަ ރޭވުމެއްގެ ހިޔާލުތައް އެނބުރެން ފެށިއެވެ. ސައިކަލު ކައިރިއަށް ޒަޔާން ގޮވައިގެން މިދުހަތު އެނބުރި ދިއުމުން ދަނޑިވަޅުބަލައި ރައުލާ ހުރި ދިމާއިން ނުކުތެވެ. އޭނާ ހަލުވިކޮށް ހިނގައިގަތީ މިދުހަތު ވާހަކަދެއްކި ކުޑަ އަންހެންކުއްޖާ ގޮވައިގެން ހުރި އަންހެން މީހާ ދިޔަ ދިމާއަށެވެ. ހީވީ އޭނާގެ ފަހަތުން ދާން ރައުލާ ގަސްދުކުރީ ހެންނެވެ.

"މީހެއްގެ އަނތްބެއްކަން ޔަގީން... އެހެންވިއްޔާ ދެމަފިރިން ދުރުކުރާފަ ވިޔަސް އޭނާ އިންނާނެ، ކަލޭގެ މޮޔަކަން..." ދުރުމިން ބަހައްޓަމުން ފަހަތުން ހިނގަމުން އައި ރައުލާ ވާހަކަދެއްކީ އަމިއްލަ ނަފްސާއެވެ. އެންމެ ހިނދުކޮޅަކަށް ވެސް އޭނާގެ ނަޒަރު ކުރިމަތިން ފެންނަ ދެމައިންނާ ވަކިނުވެއެވެ.

އުސްކޮށް ހަދާފައި ހުރި ގޭގެ ދޮރޯށި ކުރިމަތީ ހުރި ފިރިހެނަކު ހިނިތުންވެލިތަން ރައުލާ ދުށްޓެވެ. ރައުލާ އައިސް ވަނީ ދޮރޯށްޓާ ޖެހިގެން ހުރި ފިހާރައަށެވެ. އެ އަންހެންމީހާއާއި އޭނާގެ ދަރިފުޅު ހިނިތުންވީ ގޮތް ރައުލާ ދުށްޓެވެ.

"ރިދާން... މިގަޑީގަ..." އެ އަންހެން މީހާގެ އަޑު ސާފުކޮށް ރައުލާއަށް އިވުނެވެ. ގޭ ދޮރޯށި އެ ޒުވާނާ ހުޅުވާ ދިނެވެ. ދެމައިންގެ ފަހަތުން އެ ޒުވާނާ ވެސް ވަނުމުން ރައުލާ ފިހާރައިން ނުކުތީއެވެ. ގެއާ ދިމާއަށް ފަރުވާތެރިކަމާއެކު އޭނާ ބަލާލިއެވެ.

"ފިރިމީހާކަން ޔަގީން." ރައުލާ އަމިއްލަ ހިތަށް ބުނެލިއެވެ. (ނުނިމޭ)