ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަތުމަށް ރައީސަށް ދޭންޖެހޭ އެއްބާރުލުން ދޭނަން: ޕިޕީއެމް

ގައުމަށް ދިމާވެފައިވާ ހާލަތުން ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު އިއުލާން ކުރެއްވި ކުއްލި ނުރައްކާ ހާލަތުން އަރާގަތުމަށް ރައީސް އަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުން ދޭނެކަމަށް ޕްރޮގްރަސް ޕާޓީ އޮފް މޯލްޑިވެސް (ޕީޕީއެމް) އިން ބުނެފި އެވެ.

ޕީޕީއެމް އިން މިހެން ބުނެފައިވަނީ ދިވެހި ރާއްޖޭ އެކި ސަރަގައްދުތަކުން ގިނަ ބަޔަކަށް އެއްފަހަރަކާ ގެއްލުން ދެވޭނެ ފަދަ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބައެއް ތަކެތި ހޯދަމުން ދާތީއާއި އެތަކެތި ބޭނުން ކުރުމަށް ބަޔަކު ރާވަމުންދާކަމުގެ ކަށަވަރު މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވާތީ ރައްޔިތުންގެ ރައްކާތެރިކަމަށް މިއަދު 12:00 ފެށިގެން 30 ދުވަހުގެ މުއްދަތަކަށް މުޅި ރާއްޖެ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް ޔާމިން އިއުލާން ކޮށްފައިވާތީ އެވެ.

އެޕާޓީއިން ނެރުނު ނޫސް ބަޔަނެއްގައ ބުނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސް ޔާމިން އަޅުއަވަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކަށް އެޕާޓީއިން ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށާއި އަދި އެހާލަތުން ރާއްޖެ ވީހާވެސް އަވަހަށް އަރާގަތުމަށް ޕީޕީއެމް ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެމަނިކްފާނަށާއި ކަމާބެހޭ ފަރާތްތަކަށް ލިބިވަޑާގަންނަވާނެކަމުގެ ފުރިހަމަ ޔަގީން ކަން އަރުވާ ކަމަށެވެ.

އަދި ކުއްލި ހާލަތުގެ ނުރައްކަލުން އަރާގަތުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެޕާޓީގެ ހުރިހާ މެމްބަރުންނަށާއި ދިވެހި އެންމެހާއި ރައްޔިތުންނަށް ޕީޕީއެން އިން ވަނީ ގޮވާލާފައެވެ.