ރާއްޖެ ކުޅިވަރު

ކުއްލި ނުރައްކަލު ހާލަތާ ގުޅިގެން ދިވެހި ލީގު ފަސްކޮށްފި

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން އުރީދޫ ދިވެހި ޕްރެމިއާ ލީގު މުއްދަތެއް ނެތި ފަސްކޮށްފި އެވެ.

އެފްއޭއެމުން ދެންމެ ނެރުނު ބަޔާނުގައިވަނީ މިއަދުން ފެށިގެން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ލީގުގެ މެޗުތައް ފަސްކުރަން ޔޫތު މިނިސްޓްރީން އަންގަވާފައިވާ ކަމަށެވެ. މިހެންވެ ދިވެހި ލީގުގެ އިތުރުން އިއްޔެ ނޫން އިހަށްދުވަހު ފެށި ޒޯން ނުވައެއްގެ ފުޓްބޯޅަ މުބާރާތް ވެސް މުއްދަތެއްނެތި އެފްއޭއެމުން ފަސްކޮށްފައިވާ ކަމަށެވެ.

ލީގު މެދުކަނޑާލަން ނިންމިއިރު ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މި މަހުގެ 12 ވަނަ ދުވަހު ހޮންކޮންއާ ދެކޮޅަށް ކުޅޭ މެޗު ވެސް ކުރިއަށް އެބައޮތެވެ. ނަމަވެސް މިހާރު މި މެޗު ވެސް ރާއްޖޭގައި ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ލީގު މެދުކަނޑާލިއިރު އެއްވަނާގައިވަނީ ޗެމްޕިއަން ނިއު އެވެ. އެ ޓީމަށް 23 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވަނީ 21 ޕޮއިންޓާއެކު ޓީސީ އެވެ. ތިން ވަނާގައިވަނީ 13 ޕޮއިންޓާއެކު ވިކްޓަރީ އެވެ. އަދި 13 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ހަތަރުވަނާގައިވަނި އީގަލްސް އެވެ. ވެލެންސިއާ އާއި މާޒިޔާ އަށް 12 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން ފަސް ވަނަ މާޒިޔާ އަށް އަދި ވެލެންސިއާ އަށް ލިބެނީ ހަ ވަނަ އެވެ. 11 ޕޮއިންޓާއެކު ހަތް ވަނާގައިވަނީ ބީޖީ އެވެ. ޓޭބަލުގެ ފުލުގައި އެންމެ ޕޮއިންޓަކާއެކު އޮތީ މަހިބަދޫ އެވެ.