ކުޅިވަރު

ލަންކާގައި އުޅޭ ދިވެހިންނަށް ބެޑްމިންޓަން މުބާރާތެއް

އަވަށްޓެރި ޝުރީ ލަންކަގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ބާއްވާ ބެޑްމިންޓަން މުބާރާތެއް މާދަމާ ފަށާނެ އެވެ.

"ދިލަންކާ ސުޕަ ސީރީޒް"ގެ ނަމުގައި ބާއްވާ މުބާރާތް އިންތިޒާމު ކުރަނީ, ލަންކާގައި ދިރިއުޅެމުން ގެންދާ މއ. ޕީޓްރަލް، އަބްދުﷲ ނާޔިލް އެވެ. މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ދިލަންކާ ސުޕަ ސީރީޒް މުބާރާތުގައި ތިން ޓީމަކުން ވާދަ ކުރެ އެވެ. އެއީ ޓީމު ބުލެކް، ޓީމު ރެޑް އަދި ޓީމު ބުލޫ އެވެ

ކޮންމެ ޓީމެއްގައި 11 ކުޅުންތެރިން ހިމެނެ އެވެ. އަންހެން ޑަބަލްސް އަދި ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގެ މެޗުތައް ހިމެނޭ ގޮތަށް ޖުމުލަ 36 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތް ކުރިއަށް ދާނީ ޕެޕްލިޔާނާގެ ދަ ބެޑްމިންޓަން ކޯޓްގަ އެވެ. ލަންކާގައި ދިވެހިންނަށް ހާއްސަކޮށް ހިންގާ ބެޑްމިންޓަން ޓްރޭނިން ކޭންޕެއް އޮވެއެވެ. މެދުކެނޑުމެއް ނެތި މި ކޭންޕް ހިންގަމުން އަންނަތާ 10 އަހަރު ފުރުން، މިދިޔަ ސެޕްޓެންބަރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. މެދުކެނޑުމެއް ނެތި ދިވެހިން އެއްވެ، ރާއްޖެއިން ބޭރުގައި ހިންގާ އެންމެ ބޮޑު ހަރަކާތަށް މި ކޭންޕް ވާނެ އެވެ. މި ކޭންޕްގެ ފަހަތުގައި ހުރީވެސް އަބްދުﷲ ނާޔިލްވެ.

އޭނާގެ އިސްނެގުމުގެ ދަށުން، ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކުގެ ކުޑަކުދިންނަށް އަމާޒުކޮށް ފެށި ކޭންޕް ފުޅާވެ މިހާރު ވަނީ ހެދި ބޮޑުވެފަ އެވެ. ބޮޑެތި މީހުންނަށް އަމާޒުކޮށްގެންވެސް ޓްރޭނިން ޕްރޮގްރާމެއް މިހާރު ކުރިއަށް އެވެ. މި ކޭންޕްގެ މަގުސަދު ވަރަށް ބޮޑެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންތެރެއިން ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ އިތުރަށް ދުޅަހެޔޮ ސިއްހަތަކަށް ބާރު އެޅުންވެސް މަގްސަދެއްގެ ގޮތުގަައި ހިމެނެ އެވެ. މިބެޑްމިންޓަން ކޭންޕް ވެފައި ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ އިޖުތިމާއީ އެންމެ ބޮޑު ހަރަކާތަކަށެވެ. ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތައް ގުޅުވައިދޭ މާހައުލަކަށް ވެސް މި ކޭމްޕް ވެފައި ވެއެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ޖުމުލަ 51 ފަރާތަކުން، މި ޓްރޭނިން ކޭންޕުން ތަމްރީން ހޯދަމުން ދެއެވެ. ޓްރޭނިން ކުރިއަށް ގެންދަނީ ކޮލަމްބޯގައި ބެޑްމިންޓަން ސެންޓަރެއް ކުއްޔަށް ނަގައިގެނެވެ. ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ބެޑްމިންޓަން ކޯޗް އިސްމާއީލް ރިޔާޒެވެ. ބައިވެރިންގެ އަތުން ކޮންމެވެސް ވަރެއްގެ ފީއެއް ނަގައިގެން ކޯޗަށް ވެސް އަގެއް ދީގެނެވެ.

މިއީ ގާތްގަނޑަކަށް ބެޑްމިންޓަ އެކެޑެމީއެއް ގޮތަށް ހިންގާ ކޭންޕެކެވެ. ލަންކާގެ ގައުމީ އެކި އުމުރުފުރާތަކުގެ ޓީމުތަކަށް ކޯޗް ކޮށްދޭ ކޯޗުން ގެނެސްގެން ދިވެހި ކުދިންނަށް ޓްރޭނިން ސެޝަންތަކެއްވެސް ދި ލަންކާ ބެޑްމިންޓަންއިން ކުރިއަށް ގެންދިޔަ އެވެ. ކުޑަ ކުދިންނަށް ހާއްސަކޮށް ހިންގަމުން ދިޔަ ވައިޑީޕީ ޓްރޭނިން ޕްރޮގްރާމް ކޮވިޑްގެ ހަލާތާ ގުޅިގެން އޮތީ މެދުކަނޑާލާފަ އެވެ. .ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދިން ހާ އަވަހަކަށް އަލުން ވައިޑީޕީގެ ޓްރޭނިންތައް ފަށާނެ ކަމަށް ދި ލަންކާ ބެޑްމިންޓަން ގުރޫޕުގެ އޮފިޝަލް ބުންޏެވެ.