ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ވަޒީރު ޑރ. ހައިދަރުގެ ތާއީދު މުއިއްޒު އަށް

Apr 4, 2021
1

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒު އަށް ކުރީގެ ވަޒީރު ޑރ. އަލީ ހައިދަރު އަހްމަދު ތާއީދުކުރައްވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ޑރ. ހައިދަރު ވަނީ ކުޑަ ދުވަސްކޮޅަކު ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ.

ހައިދަރު މިއަދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ މަގާމަށް އެންމެ ގާބިލް ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމަށެވެ.

މީގެއިތުރުން ޑރ. މުއިއްޒަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި މާލޭ ރައްޔިތުން އެދޭ ފަދަ ތަރައްގީއެއް ގެނެސްދެއްވޭނެ ބޭފުޅަކީ ވެސް ޑރ. މުއިއްޒު ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ހައިދަރު ވަނީ ވިދާޅުވެފަ އެވެ.

ހައިދަރުގެ ތާއީދު ލިބިވަޑައިގަތުމާ ގުޅިގެން ޑރ. މުއިއްޒު ވަނީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މާލޭގެ މޭޔަރުގެ ކަމަށް ޑރ. މުއިއްޒު އަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކުރީގެ ބައެއް ވަޒީރުންނާއި، އެކި ދާއިރާތަކުން ރާއްޖޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ސަރުކާރާ ގުޅިގެން ރައްޔިތުން އެދޭ ގޮތަށް ކަމަށް މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ޑރ. މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އެވެ. މީގެ އިތުރުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވެސް ގެންދަވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުންނެވެ.