ރައްޔިތުންނަށް ހިދުމަތް ކުރާނީ އެންމެންނާ ގުޅިގެން ކަމަށާއި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އެމަނިކުފާނަށް އެނގިވަޑައި ނުގެން ހިނގާފައިވާ ކަމެއްގެ ތެރެއިން އެއްވެސް ރައްޔިތަކަށް ދެރައެއް ލިބިފައިވާނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމުގައި ޑރ. މުހިއްމު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މައާފަށް އެދިވަޑައިގެންނެވީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާތީ އާންމުން އެމަނިކުފާނާ ކުރަން ބޭނުންވާ ކޮންމެ ސުވާލެއް ކުރުމަށް ފުރުސަތު ދީގެން ރޭ ސަންގު ޓީވީގައި ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމެއްގަ އެވެ.
މިޕްރޮގްރާމުގައި އާންމުންގެ މީހަކު ކުރި ސުވާލެއްގައި ބުނެފައިވަނީ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި މުއިއްޒު ހުންނެވި ދުވަސްވަރު އެއްވެސް އުސޫލެއް ހަމައެއް ނެތި ވަކި ބަޔަކަށް ފްލެޓްތައް ދީ ބަހާލާފައިވާ ކަމަށެވެ. އެކަމުގައި މުއިއްޒު "ހޭވި ހަޑީގެ ސަބަބުން އަދިވެސް މިއުޅެނީ އެ ހަޑި ނުފިލައިގެން" ކަމަށްވާއިރު އަނެއްކާވެސް މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވީ ކީއްވެގެންތޯ އެމީހާ ވަނީ ސުވާލުކޮށްފަ އެވެ.
ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އޭނާ ވަޒީރު ކަމުގައި ހުންނެވިއިރު ވެސް އަދި އެހެން ކަމެއްގައި ވެސް ގާނޫނާއި ގަވައިދާ އަދި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. ފްލެޓް ދިނީ ވަކި ޕާޓީ އަކަށް ބަލައިގެން ނޫން ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ތެރޭގައި އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ގިނަ ބަޔަކު ވެސް ހިމެނޭ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ ވަޒީރު ކަމަށްވީ ނަމަވެސް އެމަނިކުފާނަށް އެނގިވަޑައި ނުގެންވެސް ބައެއް ކަންކަން ގޯސްކޮށް ހައުސިން މިނިސްޓްރީގެ ތެރޭގައި ހިނގާފައި އެބަހުރި ކަމަށެވެ. އަދި އެފަދަ ކަމެއް އެނގިވަޑައިގަންނަވާ ހިސާބުން ފިޔަވަޅު އެޅުމަށްފަހު، ބައެއް މައްސަލަތައް ފުލުހުންނަށް ހުށަހަޅުއްވާ، ބަޔާންވެސް ދެއްވާފައިވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތަށް ހިނގާދިޔަ އެއް ކަމެއްގެ ތަފްސީލް ވެސް މުއިއްޒު ވަނީ ހިއްސާކުރައްވާފަ އެވެ.
"އެތަނުގައި އެއް އިރަކު އުޅުއްވި ސްޓޭޓް މިނިސްޓަރެއް. މިއީ ހަމަ ހަގީގީ ވާހަކައެއް. މިކަމަށް ހެކިވާނެ އޭރުގެ ޕޮލިޓިކަލް ބޭފުޅުން ވެސް. އެބޭފުޅާ ވަރަށް ޒަމާންވީ އޮފީހަށް ނާންނަތާ. އެބޭފުޅާގެ ނަމުގައި، އެބޭފުޅާގެ ސޮއި ޖަހައިގެން ލިޔުން ނެރުނު. ވަގުތުން އަޅުގަނޑުމެން ބަޔާނެއް ނެރުނިން. އެ ލިޔުމުގައި މި އޮންނަނީ ކޮންމެވެސް ބަޔަކަށް ފްލެޓް ދޭން އެ ބޭފުޅާގެ ސޮއި ޖަހާފައި. ދެން އަޅުގަނޑުމެން ވަގުތު ބަޔާން ނެރުނިން މިކަހަލަ ކަމެއް އެބަ ހިނގައޭ. ސަމާލުވާށޭ. ދެން މިކަން އަންގަންޖެހޭ ފަރާތްތަކަށް، ޕޮލިހަށް ވެސް އެންގިން ވެސް،" ގޯސްކޮށް ހިނގާދިޔަ ކަންކަމަށް ފިޔަވަޅު އެޅުއްވި ކަން ޔަގީންކޮށްދެއްވަމުން ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީ އަކީ ވަރަށް ގިނަ ތަކެތި ގަންނަންޖެހޭ ތަނެއް ކަމަށްވާތީ އެތަނުގެ އެތެރޭގައި މާލީ އޮޑިޓެއްވެސް ކުރެއްވި ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރެއްވީ އިހްލާސްތެރިކަމާ އެކު ކަންކަން ރަނގަޅަށް ކުރެއްވުމަށް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ގޯހެއް ހައްދަވާފައި އޮތް ނަމަ އެކަމެއް މިހާރުވެސް ބަލައި ފިޔަވަޅު އެޅުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ކިތަންމެ ރަނގަޅަށް މަސައްކަތް ކުރެއްވި ނަމަވެސް އެމަނިކުފާނަށް ކުރިން އެނގިވަޑައިގަތުމެއް ނެތި ކަމެއް ގޯސްކޮށް ހިނގާފައި އޮވެދާނެ ކަމަށް މުއިއްޒު ގަބޫލުކުރެއްވި އެވެ. ބައެއް މީހުންނާ ބައްދަލުވާއިރު ހިތާމަވެރި ގޮތްތައް ދިމާވެފައިވާ މަދު ބަޔަކާ ދިމާވެފައިވާ ކަމަށާއި އެ މީހުންގެ ހާލަތު ހުރި ގޮތުން ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކަށް ލިބިފައި އެހުރީ ވަރަށް ދެރަ ނިކަމެތި ކަމެއް. ހިތާމަވެރި ކަމެއް. އެކަން އެހެން ދިމާވި ދިމާވުން އެއީ އަޅުގަނޑު ސީދާ އެކަމެއް ކުރުމުގެ ސަބަބުން ދިމާވި ކަމަށް ނުވި ނަމަވެސް އަޅުގަނޑަށް އެނގިގެން ހިންގާފައި ހުރި ކަމަކަށް ނުވި ނަމަވެސް އެއީ އަޅުގަނޑު އިސްވެ ހުރި މިނިސްޓްރީން ހިންގާފައި ހުރި ކަންތައް. ނޫނިއްޔާ އެތަނުގައި އިސްވެ ހުރީ އަޅުގަނޑު. އެހެންވީމާ ހަގީގަތުގައި އަޅުގަނޑު އެކަމާ ވަރަށް ހިތާމަކުރަން. ވަރަށް ދެރަވާ ކަންތައްތައް އެއީ. އެކަހަލަ ކަންތައްތައް ހިނގާ އެކަންކަން ދިމާވެފައި ހުރުމުގެ ސަބަބުން، ނިކަމެތިކަން ހައުސިން މިނިސްޓްރީ މެދުވެރިވެގެން ދިމާވެފައި ހުރި ފަރާތްތަކަށް އަޅުގަނޑު ހަމަ މައާފަށް އެދެން. އެއީ އިސްވެ ހުރި މީހާގެ ހައިސިއްޔަތުން،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވެވީ ވެސް ރައްޔިތުންނަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ހިދުމަތް ކުރުމަށެވެ. އެހެންކަމުން ކުރިންވެސް ކަންކަން ކުރި ގޮތަށް، ދެންވެސް ކަންކަން ކުރައްވާނީ ތެދުވެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ. އަދި މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ހުރިހާ އެންމެންނާ ގުޅިގެން އެއްބާރުލުންދީގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.