މަޖިލިސް މެންބަރުން ތަމްސީލް ކުރައްވާ ދާއިރާތަކަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުއްދައާއެކު ކުރާ ދަތުރުތަކަކީ މަޖިލީހުގެ ރަސްމީ މަސައްކަތެއް ކަމުގައި ހަމަޖައްސައިފި އެވެ.
މިގޮތަށް ހަމަޖެއްސީ މަޖިލީހުގެ އާންމު ކޮމިޓީއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މައްސަލައެއް ކޮމިޓީން ދިރާސާ ކުރުމަށް ފަހު އެވެ.
އާންމު ކޮމިޓީގެ ނިންމުން ހާމަ ކޮށްދެއްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ އެއްވެސް މެންބަރަކު، އެ މެންބަރެއްގެ ދާއިރާއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާނަމަ ލިޔުމަކުން މަޖިލީހުގެ އިދާރައަށް ހުށަހަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ވިދާޅުވީ ހުއްދައާއެކު އެ މެންބަރަކު ދާއިރާއަށް ވަޑައިގެންފިނަމަ އެ މެންބަރަކަށް މަޖިލީހުގެ ހާޒިރީ ލިބިވަޑައިގަންނަވާނެ އިންތިޒާމު ހަމަޖައްސަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމަވާފައިވާ ކަމަށެވެ. މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ހުއްދަ ދިނުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހުއްދައާއެކު މެންބަރުން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި މެންބަރަކު އެދިވަޑައިގަންނަވާނަމަ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަތުމަށް ފުރުސަތު ދޭން ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
މެންބަރުން ދާއިރާއަށް ކުރައްވާ ދަތުރުތައް ރަސްމީ ކަމެއްގެ ގޮތުގައި ހަމަޖައްސަން ކޮމިޓީން ފާސްކުރި ނަމަވެސް ކޮމިޓީގެ ނިންމުމަށް އަމަލުކުރެވޭނީ މަޖިލިހުގެ ތަޅުމުން ފާސްކޮށްގެންނެވެ. މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތުމުން ކޮމިޓީގެ ނިންމުން ފާސްވާނެ ކަމަށް ބެލެވެ އެވެ.
މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ މަޖިލީހުގެ ރަސްމީ މަސައްކަތެއްގެ ގޮތުގައި މީގެ ކުރިން ހަމަޖައްސާފައެއް ނުވެ އެވެ. އަދި އެ ހާލަތުގައި މަޖިލީހުގެ ހާޒިރީ ލިބިވަޑައިގެންފައެއް ވެސް ނުވެއެވެ.
ހުއްދައެއް ހޯދައިގެން މަޖިލިސް މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ މަޖިލީހުގެ ރަސްމީ މަސައްކަތެއް ކަމުގައި ހަމަޖައްސާފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މަޖިލީހުގެ ބައެއް މެންބަރުން އަތޮޅުތަކަށް ވަޑައިގެން އުޅުއްވާ ވަގުތެއްގަ އެވެ.