ހަބަރު

ކުއްލި ހާލަތު އިއުލާން ކުރީ އެމްޑީޕީގެ މުޒާހަރާ ހުއްޓުވާކަށް ނޫން: އުމަރު

މުޅި ރާއްޖެ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް ޔާމިން އިއުލާން ކުރީ އަންނަ ހުކުރު ދުވަހު އެމްޑީޕީ އިން ބާއްވާ ބޮޑު މުޒާހަރާ ހުއްޓުވުމަށް ނޫން ކަމަށް އިންކުވަރީ ކޮމިޝަންގެ ކޯޗެއާ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

"ޓީވީއެމް" އަށް ދެއްވި އިންޓަވިޔުއެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ގައުމު ކުއްލި ހާލަތު އިއުލާކުރުމުގެ ފިޔަވަޅު ރައީސް ޔާމިން އެޅުއްވީ އިދިކޮޅު ޕާޓީ އެމްޑީޕީއިން އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މުޒާހަރާއަށް ހުރަސް އަޅާކަށް ނޫން ކަމަށާއި އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައިވާނީ އެހާ ގިނަ ބަޔަކު އެއްވެ އުޅޭތަނަކަށް ހަމަލާއެއް އައިސް ފާނެ ކަމަށް ބަލާފައި ކަމަށެވެ.

"މި ކުއްލި ހާލަތު އިއުލާން ކުރީ އެއްގޮތަކަށް ވެސް އެމްޑީޕީގެ މުޒާހަރާ ހިފާއްޓާކަށް ނޫން. އެ ޕާޓީއިން ވަރަށް މުޒާހަރާކުރާތަން އަޅުގަނޑުމެން މިހާތަނަށް ބަލަންވެސް ތިބިން. އެހެން ނަމަވެސް މިމުޒާހަރާގައި އެހާ ގިނަބަޔަކު އެއްވެގެން އުޅޭ ގަޑިޔެއްގައި ބަޔަކު ނިކުމެ އެމުޒާހަރާގައި އެއްޗެއް ގޮއްވާލައިފިއްޔާ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ފުރާނަ ގެއްލުން ވެސް އެކަށީގެންވޭ. އެހެންވެ އެން ހުއްޓުވުންވެސް އެއީ އަޅޫގަނޑުމެންގެ ބޭނުމެއް މިހާރު،" އުމަރު ވިދާޅުވި އެވެ.

އިންކުވަރީ ކޮމިޝަންގެ އިތުރުން ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ވިދާޅުވީ ބައެއް ގޮވާތަކެއްޗާއި ހަތިޔާރު އަދިވެސް ބައެއްގަ އަތުގައި ހުރިކަމަށް ތުހުމަތު ކުރެވޭ ދަންޑިވަޅެއްގައި އެކަހަލަ ބޮޑު އެއްވުމެއް މާލޭގައި ހިނގުމަށް ސަރުކާރުން ދޫކޮއްލާގެން ތިއްބާ ގިނަ ބަޔަކު މަރުވެއްޖެއާ ކުރާނެ ހިތާމަވެސް މާބޮޑު ވާނެ ކަމަށެވެ.