ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ބޭނުންކުރާ ވޯޓް ފޮށްޓާއި ވޯޓް ކަރުދާސް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ވޯޓް ފޮށްޓާއި ވޯޓް ކަރުދާސް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވޯޓް ފޮށްޓާއި ވޯޓް ކަރުދާސް މިއަދު ފޮނުވުމަށް ހަމަޖައްސާފައި ވަނީ ހދ. އަތޮޅާއި، ތ. އަތޮޅާއި، ލ. އަތޮޅާއި، ގއ. އަތޮޅުގެ އިތުރުން ގދ. އަތޮޅަށެވެ.
ޝަރީފް ވިދާޅުވީ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ އަންނަ ބުދަ ދުވަހު ހުރިހާ ސަރަހައްދުތަކަށް ވެސް ވޯޓް ފޮށިތަކާއި ވޯޓް ކަރުދާސްރައް ލިބޭނެ ކަމަށެވެ. ޖަލާއި ރިސޯޓްތަކަށް މިތަކެތި ފޮނުވާނީ އަށްވަނަ ދުވަހު ކަމަށެވެ.
ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ވޯޓް ފޮށްޓާއި ވޯޓް ކަރުދާސްތަކާއި އޮފިޝަލުން މާދަމާގެ ވަގުތެއްގައި ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. ރާއްޖެއިން ބޭރަށް ތަކެތި ފޮނުވަނީ ފްލައިޓެއް ޗާޓަރު ކޮށްގެން ކަމުގައިވެސް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
"މާލެއާއި އަތޮޅުތަކަށް ވޯޓް ފޮށިތަކާއި ކަރުދާސް ފޮނުވުމުގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ފުލުހުންގެ އެހީތެރިކަން ލިބޭނެ. މިއަހަރުވެސް ފުލުހުން އެކަމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަމުން އެބަގެންދަވާ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެހެން އިންތިހާބު ތަކާ ހިލާފަށް މިފަހަރުގެ އިންތިހާބުގައި ކޮވިޑް 19 އާއި ގުޅިގެން ހެދިފައިވާ ގަވައިދުތަކަކާއި އުސޫލުތަކަކަށް އަމަލުކުރަންޖެހޭތީވެ އެޗްޕީއޭގެ ގަވައިދުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް އަހުލުވެރިވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 713 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި އެއް ފޮށި، ސްރީލަންކާގެ ކޮލަމްބޯގައި ހަތަރު ވޯޓް ފޮށްޓެވެ.
މި ދެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ލުމުގެ ހައްގު ވަނީ ލިބިފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުން، ނަން އަނބުރާ ގެންގޮސްފައިވާތީ އެ އިންތިހާބުގައި މިހާރު ވާދަކުރަނީ 2264 ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މިހާރު ވާދަކުރަނީ 1670 ކެންޑިޑޭޓުންނެވެ.
މި ދެ އިންތިހާބު ވެސް ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.