ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ފެބްރުއަރީ 9 ގެ ކުރިން ވެކްސިންޖެހި މީހުނަށް ދެވަނަ ޑޯޒަށް ހުޅުވާލަނީ

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިދިއަ ފެބްރުއަރީ ނުވަވަނަ ދުވަހުގެ ކުރިން ޖެހި މީހުންނަށް މާދަމާއިން ފެށިގެން ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފަށާފައިވަނީ ހޮނިހިރު ދުވަހު އެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.

އެޗްޕީއޭއިން ބުނީ ފެބްރުއަރީ ނުވަވަނަ ދުވަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާއިން ފެށިގެން ޖެހޭނެ ކަމަށާއި ދެވަނަ ޑޯޒް ދިނުން ފަސް ސެންޓަރެއްގައި ކުރިއަށް ގެންދާ ކަމަށެވެ.

ވެކްސިން ޖަހައި ދެނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒާއި ނެޝަނަލް އާޓް ގެލަރީ އާއި ސެނަހިޔާގަ އެވެ. ވިލިމާލެ ޒުވާނުންގެ ސެންޓަރުގައި ވެކްސިން ދިނުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށެވެ. އަނެއް ހަތަރު ސެންޓަރުގައި ހެނދުނު 10:00 ކުން މެންދުރު ފަހު 3:00 އަށް ވެކްސިން ދިނުން ކުރިއަށް ގެންދާނެ އެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފެށި ފަހުން މިހާތަނަށް 3،737 މީހަކު ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ދެއެވެ. މިހާތަނަށް ރާއްޖެއިން 246،896 މީހަކަށް ވެކްސިން ދީފައި ވެެއެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ފަހުން ދޭނެ އެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ 5،000 ވުރެ ގިނަ ޑޯޒް އެބަހުއްޓެވެ. ނަމަވެސް އެ ވެކްސިން ދޭނީ ހާއްސަ ހާލަތްތަކުގައިވާ ބަޔަކަށެވެ. އެ މީހުން ރަޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލާފަ އެވެ.