މަހްމޫދޫ އައްބާސް

މެޑިކަލް ޗެކްއަޕެއް ހައްދަވަން އައްބާސް ޖަރުމަނަށް

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ޖަރުމަނަށް ވަޑައިގަތުމަށްޓަކައި ޖޯޑަންއަށް ވަޑައިގެންފި އެވެ. ފަލަސްތީނުގެ ރާމަﷲ އިން ޖޯޑަންއަށް ވަޑައިގަތީ ހެލިކޮޕްޓަރެއްގައި ކަމަށް އޭއެފްޕީއިން ބުނެ އެވެ.

އައްބާސް 86، އަކީ ވަރަށް ގިނައިން ދުންފަތުގެ އިސްތިއުމާލް ކުރައްވާ ބޭފުޅެއް ކަމަށްވެ އެވެ. އެމަނިކުފާނަށް 2018 ގައި ނިއުމޯނިއާ ޖެހިވަޑައިގެން ހޮސްޕިޓަލްގައި ފަރުވާ ދެއްވަން ވެސް ވަނީ ޖެހިވަޑައިގެންފައި ވެއެވެ.

އައްބާސްގެ މި ދަތުރުފުޅުގައި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްއާ ބާލިންގައި ބައްދަލު ކުރައްވާނެ ކަމަށް އޭއެފްޕީއިން ބުނެ އެވެ. އަދި ސިޔާސީ މަޝްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި ފަލަސްތީންގައި ކުރިއަށް އޮތް ގާނޫން ހަދާ މަޖިލިސްގެ އިންތިހާބާއި ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. ގާނޫން ހަދާ މަޖިލިސްގެ އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނީ މެއި 22 ގަ އެވެ. އަދި ރިޔާސީ އިންތިހާބު ޖުލައި 31 ގަ އެވެ.

ފަލަސްތީންގައި މިއަހަރު އޮންނަ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އައްބާސް އަދި ވިދާޅެއް ނުވެ އެވެ. މި ދަތުރުފުޅަށް ފަހު ވަކި ގޮތެއް ނިންމަވާނެ ކަމަށް ވެސް އޮތީ ބެލެވިފަ އެވެ. އެންޖެލާ މާކެލްއަކީ އައްބާސްއާ ވަރަށް ގާތް ކަނބަލެއް ކަމަށް ބުނެވެ އެވެ. އެހެންކަމުން، ދެ ބޭފުޅުންގެ މަޝްވަރާއިން ރަނގަޅު ފިކުރެއް އުފަންވުމަކީ ވެސް އޮތް އުންމީދެކެވެ.