ހިޔާ މަޝްރޫގެ ފަންނީ ކެޓެގަރީން ލިބޭ ފްލެޓްތަކުގެ ބަދަލުގައި ސަރުކާރުގެ ކުރިއަށް އޮތް މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު ޕްލޭނިން މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.
ފަންނީ ކެޓެގަރީގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސްގެ މީހުންނެވެ. ފަންނީ ފަރާތްތަކަށް ލިބިފައިވާ ހިޔާ ފްލެޓްގެ ބަދަލުގައި އާ ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމައެއްގައި ބޯހިޔާވަހިކަން ހޯދައިދިނުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
ޕްލޭނިން މިނިސްޓްރީ އިން ފަންނީ ކެޓެގަރީގައި ހިމެނޭ ފަރާތްތަކަށް އާ ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ، އެމީހުންގެ އާމްދަނީއަށް ރިއާޔަތްކުރުމަށް ފަހު އެ ކެޓެގަރީގެ މީހުންނަށް ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވައިލުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ އާ މަޝްރޫއުން ދޫކުރާ ފްލެޓްތައް ވެގެންދާނީ ތަނުގެ ފެންވާރާއި އެއްހަމައެއްގައި ފްލެޓްތަކުގެ އަގު ހިފެހެއްޓިފައިވާ ފްލެޓްތަކަކަށެވެ. އަދި އެ ފްލެޓްތައް ވެގެންދާނީ ޖާގައިގެ ގޮތުން ތަނަވަސް، ތިން ކޮޓަރީގެ ފްލެޓްތަކަކަށް ކަން މިނިސްޓްރީ އިން ފާހަގަ ކުރެ އެވެ.
އެހެންކަމުން ފަންނީ މީހުންގެ ތެރެއިން ހިޔާ ފްލެޓްތައް ދޫކޮށްލަން ބޭނުންވާ ފަރާތްތައް މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފަ އެވެ.