ޓްރާންސްޕޯޓް އޮތޯރިޓީ

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމާ މަޖިލީހުގެ ބައެއް އެމްޑީޕީ މެމްބަރުންގެ ހިޔާލު ދެކަފި ވެއްޖެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިހްތިޞާސްގައި ފުށުން އެރުންތަކެއް ހުރެ އެ އޮތޯރިޓީ އުވާލަން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މަޖިލީހަށް ހުށަހެޅީ ކަނޑުދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ބިލްގައިވެ އެވެ. ނަމަވެސް މިއަދު މަޖިލީހުގައި އެކަމާ ގުޅޭގޮތުން ކުރިއަށް ދިޔަ ބަހުސްގައި ބައެއް މެމްބަރުން ވަނީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިގެން މަގްސަދު ހާސިލްވާނެކަމާމެދު ސުވާލު އުފައްދަވައިފަ އެވެ.

ބިލަށް ބަހުސްކުރެއްވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިގެން މައްސަަލަ ހައްލު ނުވާނެ ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކަަށް ދަތިވާކަަމަށް ބުންޏަސް އަސްލު މައްސަލައަކީ އެތަނުގައި މަސައްކަތް ކުރާ މީހުން ކަމަށާއި އެހެން ދިމާވަނީވެސް އެ މީހުންގެ އަމަލުތައް ހުންނަގޮތުން ކަން އަފީފް ފާހަގަކުރެއްވި އެވެ. އަދި ކަރަޕްޝަން ފަދަ މައްސަަލަތަކާ މުވައްޒަފުން ސަރުކާރުގެ ސިޔާދަތާ އެއްގޮތަށް މަސައްކަތް ނުކޮށްގެން މަސައްކަތަށް ހުރަސް އެޅޭނަމަ އެފަދަ މީހުން މަގާމުން ދުރުކުރަން އޭނާ ގޮވާލެއްވި އެވެ.

"ހާއްސަކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރަމުން ދިޔަ މަސައްކަތަކީ އެއްގަމު ދަތުރުފަތުރާއި ކަނޑުދަތުރުފަދަ މަސައްކަތްތައް. މިކަންކަން ކުރިއްސުރެ ވަކި އިދާރާއަކުން ކުރަމުންދިޔައީ އަޅުގަނޑަށް ހީވާގޮތުގައި ވަރަށް މުހިންމު ބޭނުމެއްގައި." އަފީފް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު އެތަނުގެ މަސައްކަތްތަކާއި މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެގޮތަށް މުވައްޒަފުން ބަދަލުކުރިޔަސް ހަގީގީ ބަދަލެއް އަންނާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް އަފީފް މިއަދު ވިދާޅުވި އެވެ.

ސަރުކާރުން ހުށަހެޅި ބިލަށް މިއަދު އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ. އެ ބިލް އޭނާ އެއްފަދަ ކުރެއްވީ ކުރީގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލަން ކުރި މަސައްކަތާ އެވެ. އަދި އެ ބިލް ފާސްވެގެން ދިއުމަކީ ސަރުކާރުން ހުރިހާ ބާރުތަކެއް މުށުތެރެއަށް ނެގުންކަމަށް ލަތީފް ސިފަކުރެއްވި އެވެ.

"އަޅުގަނޑުމެން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ބާރުތައް އަޅުގަނޑުމެން ދޫކޮށްލަން ބޭނުންވާ ސަބަބަކީ، އަޅުގަނޑުމެން ގަބޫލްކުރާ ގޮތުގައި ރަށެެއްގެ ރަށު ކައުންސިލުން އަދި ސިޓީއެއްގެ ސިޓީ ކައުންސިލްއިން ކުރެވޭނެ މަސައްކަތްތައް އެހެރީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުން ޓްރާންސްޕޯޓް އޮތޯރިޓީއާ ހަވާލުކުރެވިފައި. އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކަށް ވެފައި އޮތީ ޓްރާންސްޕޯޓްގެ މަސައްކަތަކަށް ވިޔަސް އަދި ބިމާ ގުޅޭ މަސައްކަތަކަށް ވިޔަސް އަދި ރަށުގެ ތަރައްގީއާ ގުޅޭ އެންމެހާ މަސައްކަތްތަކަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކަަށް ވުން" ލަތީފް ވިދާޅުވި އެވެ.

އެހެންކަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބާރުތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ހިތާމަކުރައްވާ ކަމެއްކަމަށް ލަތީފް ވިދާޅުވި އެވެ. އޭނާ އެދިވަޑައިގެންނެވީ އެ ބިލް ކޮމެޓީގައި އިތުރަށް ދިރާސާ ކުރުމަށް ފަހު ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް ބާރުތައް ކައުންސިލްތަކަށް ލިބޭ ގޮތަށް އިސްލާހުކުރުމަ ށެވެ.