އެމްޓީސީސީ

މުލަކުގެ މަސް ބަނދަރުގެ މަސައްކަތް ފަށައިފި

މ. މުލަކުގައި ހަދާ އެ އަތޮޅުގެ މަސް ބަނދަރު ތަރައްގީ ކުރުމާއި މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި އެވެ.

މި ދެ މަޝްރޫއު ފަށާފައި ވަނީ މުލަކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ސޮއި ކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

މިއީ 17.66 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަސައްކަތުގައި 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެ އެވެ. އަދި މަސައްކަތް 105 ދުވަހުގެ ތެރޭގައި އެމްޓީސީސީން ނިންމަން ޖެހޭނެ އެވެ.

މަސް ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ. އެ މަޝްރޫއުގައި ބިން ހިއްކުމާއި، ބަނދަރު ފުންކުރުމާއި، އެއްގަމު ތޮށި ލައި ރިވެޓްމެންޓް ޖެހުމާއި ބަނދަރުގެ ޕޭވްމެންޓް ހަދާނެ އެވެ.

މިއީ 56.13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.