ކުޅިވަރު

ކަލާ ރަންގެ ފަހު ފުރުސަތު ހޮނިހިރަށް

ޔުނިކްސް ސްޕޯޓިންއިން ފިތުރު އީދާ ދިމާކޮށް، ބާއްވާ ވާޗްއަލް ކަލާ ރަންގައި ބައިވެރި ވުމުގެ ފަހު ފުރުސަތު ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގއި އެއްވަގުތެއްގައި ބާއްވާ މި ކަލާ ރަންގައި ބައިވެރި ވުމުގެ މުއްދަތު އިތުރު ކުރީ، ގިނަ ރަށްތަކަކުން އެކަމަށް އެދެމުންދާތީ އެވެ. ކަލާ ރަންގައި ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ވަގުތަކީ ހޮނިހިރު ދުވަހުގެ ރޭ ދެންވަރު 12:00 އާ ހަމައަށެވެ.

ކުރިން ފުރުސަތު ހުޅުވާލަފައި އޮތީ، މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެ ވަގުތާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން 10 އަތޮޅުން ވަނީ ދުވުންތެރިން ބައިވެރި ވެފަ އެވެ. އެންމެ އުތުރުގެ ތިން އަތޮޅާއި ދެކުނުގެ ފަސް އތޮޅުން އަދި ރ އޮތޮޅާއި ބ އަތޮޅުން ވެސް ވަނީ ދުވުންތެރިން ވާދަ ކޮށްފަ އެވެ.

މެއި 14 އިން 17 އަށް ބާއްވާ ކަލާ ރަންގައި ހަތަރު ކުލައަަކަށް ޓީމުތައް ބަހާލާނެ އެވެ. ހަތަރު ކުލައިގެ ތެރެއިން ރަޖިސްޓްރީ ވާ ދުވުންތެރިންނަށް ބޭނުން ކުލައެއް އިހްތިޔާރު ކުރެވޭނެ އެވެ. އިހްތިޔާރު ކުރާ ކުލައިން އެ ދުވުންތެރިޔަކު ހިމެނޭނީ އެ ކުލަ ނިސްބަތްވާ ޓީމެއްގަ އެވެ. މިހާތަނަށް ގިނަ ދުވުންތެރިން އިހްތިޔާރު ކޮށްފައި ވަނީ ރަތް އަދި ނޫ ކުލަ އެވެ.

ކޮންމެ ދުވުންތެރިޔަކު މަދުވެގެން ފަސް ކިލޯ މީޓަރު ރޭހެއް ފުރިހަމަ ކުރަން ޖެހެ އެވެ. ހަތަރު ދުވަހަށް ކުރިއަށްދާ ރޭހުގައި އެކި ދުވަހުގައި އޮންނާނީ އެކި ޗެލެންޖުތަކެވެ.

ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ރޭސް ކިޓް ދޫކުރަން ހަމަޖެހިފައި ވަނީ އޭޕްރީލް 30 މެއި 10 އަކަށެވެ. ރޭސް ކިޓްގެގައި ހިމެނޭނީ ޓީޝާޓް، ބިބް، މެޑަލް، ތޮފި، އަތުގައި އަޅާ ބޭންޑު އަދި ކުލަ ޕެކްތަކެވެ.

ކުޑަ އީދަށް ކަލާ ރަން ބޭއްވަނީ އީދުގައި އޮންނަ ފެން ޖެހުމާއި ކުލަ ޖެހުމުގެ ކޮންސެޕްޓާ ގުޅުވާލައިގެންނެވެ. ޔުނިކްސް ސްޕޯޓިން ބުނީ، ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ކުރިއަށްގެންދާ ކަލާ ރަންގެ ހަރަކާތްތަކުން ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި އެކުވެރިކަން ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޔުނިކްސް ސްޕޯޓިންއިން އަކީ، އުރީދޫ އާ ގުޅިގެން މީގެ ކުރިން ކަލަ ރަން ބޭއްވި ކުންފުންޏެވެ.