ވާހަކަ

ހީނލާގޮތުން

(4 އެޕްރިލް 2021 އާ ގުޅޭ)

އެ އަންހެން މީހާގެ އަޑު ސާފުކޮށް ރައުލާއަށް އިވުނެވެ. ގޭ ދޮރޯށި އެ ޒުވާނާ ހުޅުވާ ދިނެވެ. ދެމައިންގެ ފަހަތުން އެ ޒުވާނާ ވެސް ވަނުމުން ރައުލާ ފިހާރައިން ނުކުތީއެވެ. ގެއާ ދިމާއަށް ފަރުވާތެރިކަމާއެކު އޭނާ ބަލާލިއެވެ.

"ފިރިމީހާކަން ޔަގީން." ރައުލާ އަމިއްލަ ހިތަށް ބުނެލި އެވެ.

* * * * *

ދެ ކުދީން ސްކޫލަށް ގެންގޮސް ބަލާދާކަށް ވެސް އަރީނަކަށް ނުޖެހުނެވެ. އެކަން ކުރީ ފަވާދެވެ. ރޭގައި ފަވާދު ކޮޓަރިއަށް ވަންކަމެއް އަރީނު ނުދެނަ ހުއްޓެވެ. ހެނދުނު އޭނާއަށް ހޭލެވެންވީއިރު ފަވާދު އޮފީހަށް ދާން ތައްޔާރުވެއްޖެއެވެ. އޭރުވެސް އޭނާ ހަމައަކަށް ނޭޅޭކަން އަރީނަށް ބުނެދިނީ ފަވާދުގެ ހިމޭން ކަމެވެ. ރުއްސަންވެއްޖެކަން އަރީނަށް ވިސްނުނެވެ. އެހެންވެ ހަވީރު އޮފީސް ނިންމާފައި ފަވާދު އަންނަން ވާއިރަށް އަރީން ދުވަހުގެ ކެއުން ތަފާތު ކޮށްލި އެވެ. މަސްބަތާއި ރިހާކުރާއި ފިހުނު މަސް ތައްޔާރުކޮށްފައި ހުއްޓެވެ. ފިރިމީހާއަށް ޔަގީނުން ވެސް މީރުވާނޭ ކާނާއެވެ.

ރިންގުވާން ފެށި ފޯނު ހިފައިގެން އަރީނު އައިސް ސޯފާގައި އިށީނެވެ. އޭނާއަށް ގުޅީ ޝެހެނާޒެވެ. އެ ގުޅީ އިއްޔެގެ ޚަބަރު އޮޅުން ފިލުވަންކަން ކޯލު ނެގުމުގެ ކުރީން ވެސް އަރީނަށް އެނގުނެވެ. އެކުވެރިޔާގެ ފޯނުކޯލު އަރީން ނެގީ ޔަގީންވެފައި ހުރެއެވެ.

"ފަވާދު އެބައުޅޭތަ؟" ޝެހެނާޒު ފުރަތަމަ ވެސް އަހާލިއެވެ.

"އަދި ނާދޭ، ސޮރީ އިނގޭ... ހިޔެއްނުކުރަން ޔޫއަށް ފަވާ ގުޅާނޭ." އަރީން ބުންޏެވެ.

"ތިކަން ހަމަ ރަނގަޅަށް ވެސް ކުރަނީތަ؟ ދެން ފަވާދުއޯ... ފަވާ ގުޅާފަ އެހީމަ އަހަރެން ބިރުން ކިރިޔާ ހަލާކުނުވީ، އަހަރެން ކުރުވާ ކަމެކޭ ހީކުރާކަށް ބޭނުމެއްނޫން، އަޅެ އަރީން ބިރެއްނުގަނޭތަ؟ ފަޅާއަރައިފިއްޔާ މުޅި ލައިފް ދިޔައީ، ކުރިން އިންނަން އެއްބަސްނުވި މީހަކު މީހާރު އިނދެފާނެހެން ހީވޭތަ؟."

"އޭނާ ކުރީހެންނެއްނޫން، ވަރަށް ތަފާތު... ވަރަށް ކެއަރިން، ވަރަށް ލޯބި... އެނގޭތަ؟، މިހާރު ލައިފްއާމެދު ވިސްނާ، ކައިވެނި ނުކޮށް މުޅި އުމުރު ދުއްވާލަން ބޭނުމެއްނުވެޔޭ ވެސް ބުނެފި... ސީރިއަސްކޮށް ކައިވެންޏަކާ މެދު އެބަވިސްނަމޭ ބުނީ... ޝެހޭ! އަހަރެންނަށް މިދުހަތާ ދުރެއް ނުވެވޭނެ، ކެތެއް ނުވާނެ... ތެދަށް ބުނަންޏާ... މިހާރު ނުވޭ ފަވާދާއެކު އުޅޭ ހިތެއް، އެކަމަކު އިށީންނާނޭ ގަލެއް ނުބަލާ އުއްދުއްސައިގަނެވޭކަށް ނެތް، ރީވާއާއި ފަލަކަކީ އޭނާއަށް ލިބިފައި ތިބި ދަރީން، މަގޭ ބޮލަށް ދަރީންތައް ޖަހާފާނެތީ ބިރުގަންނަނީ، ފަވާދުގެ ރުޅި އަދިވެސް މަޑުނުވޭ، އޭނާއަށް ޝައްކުވާކަށް ބޭނުމެއްނޫން، އެހާ ހަޑިކޮށް މިކަން ނިންމާލާކަށް ބޭނުމެއްނޫން... ވަރިވާންވާނީ ރީތިކޮށްތާ ދޯ." އަރީންގެ ހިތުގައި އޮތް ގޮތް ހާމަކުރިއެވެ.

"އެކަމަކުވާ... މަށަކަށް ތިވިސްނުން ރަނގަޅެއްނޫން، އަރީނަށް މިދުހަތު އެނގޭ ގޮތަށް އަހަރެންނަށް އޭނާ ނޭނގުނަސް، ތި މީހަކަށް އިތުބާރެއް ނުކުރެވޭ... އަރީން ތިހާ ސީރިއަސްވާނެކަން އެނގޭނަމަ ނަމްޒާމެންގެއަށް އަރީން ގޮވައިގެން ނުވެސް ދާނަން، އޭރުވެސް އަހަރެން ބުނިން ދޯ ސީރިއަސް ނުވައްޗޭ، ކޮންމެކަމެއް ކުރިޔަސް މެރިއޭޖް ރޫޅޭވަރު ނުކުރައްޗޭ، އަނެއްކާ ފަވާދުގެ އެ ހުންނަ ހަރުދަނާ ގޮތެއް ނުހުރޭ އެ ފިރިހެނާގެ." ޝެހެނާޒު ހަގީގަތުގައި ވެސް ކަންބޮޑުވީއެވެ. އޭނާއަކީ މިދުހަތާއި އަރީނާ ދެމެދު އޮތް ގުޅުން ކަނޑާލަން ބުނާނޭ ކަހަލަ ރައްޓެއްސެއްނޫނެވެ. އެކަމަކު އޭނާ ވެސް ފަވާދު ކައިރިން އަރީން ވަރިވާކަށް ނޭދެއެވެ.

އެޕާޓްމެންޓުގެ ދޮރު ހުޅުވި އެތެރެއަށް ފަވާދު ވަންތަން ފެނި އަރީން ފޯނުކޯލު ކުރުކޮށްލި އެވެ. ފަވާދު ސަމާލު ކަމެއް ނުދީ ގޮސް ވަނީ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ހަލުވިކޮށް އަރީން އައިސް ވަނެވެ.

"ކީއްވެ ފޯނު ކަނޑާލީ؟ ތި ވާހަކަ ދައްކާ މީހަކާ އަނގަތަޅަން އިންނަމަ، ނުބުނަމެންނު އަހަރެން ފަހަތުން އަންނާކަށް." އޮފީސް ހެދުން ބަދަލު ކުރަމުން ފަވާދު ބުންޏެވެ.

"ރޭގަ ކޮންތާކު ނިދީ، ސޮރީ... ވަރަށް ބޮޑަށް ސޮރީ... ދެން އެހެން ނުވާނެ، ނުބުނެ ނުދާނަން، ލަސްވަންޏާ ވެސް ބުނާނަން، މެސެޖު ވެސް ކުރާނަން، ރޭގަ ކޮޓަރީގަ އެކަނި އޮންނަންވީމަ ހާދަ މިސްވިއޭ." މަޑުމޮޅި ކަމާއެކު ފަވާދުގެ ކުރިމަތީ އަރީން އައިސް ހުއްޓިލި އެވެ. ދާދި ދެންމެއަކު ޝެހެނާޒާ ވާހަކަ ދެއްކީ އަރީންގެ ސިފައިގަ ހުރި އެހެން މީހަކު ފަދަ އެވެ. އޭރު އެ ފާޅުކުރި ޝުޢޫރާއި މިހާރު ފަވާދުގެ ކުރިމަތީ ހުރި އަރީންގެ ޢަމަލާއި ބަސް މުޅިން ތަފާތެވެ. ފަވާދުގެ ގަމީހުގެ ނައްޓަމުންދިޔަ ގޮށްފަތީގައި އަރީން ހިފާލިއެވެ. ފަރުވާތެރިކަމާއެކު އަނބިމީހާއަށް ފަވާދު ބަލާލީ ދެނެވެ.

"ރޭގަ ކޮންތާކު ހުރީ؟" ފަވާދު އަހާލި އެވެ.

"ޝެހޭމެން ގޭގައޭ ބުނީމެންނު." މައުސޫމް ބެލުމަކުން ބަލާލަމުން އަރީން ބުނެލިއެވެ.

"ހަމަޔަގީންތަ... އަރީން ދޮގެއް ނަހައްދައްޗޭ، ވިސްނާތި!، އެންމެ ދޮގެއް ހެދުމުގެ ސަބަބުން، މިހާރު އެއީ ދޮގެއްކަން ނޭނގުނަސް، އެކަން އެނގޭ ދުވަހަކުން އަހަރެން ކުރި އިތުބާރު ގެއްލޭނެކަން." ފަވާދުގެ ޟަމީރު ބުނަނީ އަރީން ކަމެއް ސިއްރު ކުރަނީ ކަމެވެ. ނަމަވެސް އަނބިމީހާގެ ބޮލުގައި އިލްޒާމެއް އަޅުވަން ބޭނުމެއް ނުވެއެވެ. ކުރެވެނީ ހަމައެކަނި ޝައްކެއްވީމަ އެވެ. ޖާސޫސް ކުރާ ފިރިއަކަށްވާން ފަވާދު ނޭދެއެވެ. އެ އަމަލުތަކަކީ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަލިކަށިކޮށް ކައިވެނީގެ ސާފުކަން ހީނަރުކުރުވާނީ ކަމަކަށްވީމައެވެ.

"ހަމަތެދެއް މިބުނީ... މިހާ ރީތިކޮށް ބުނީމާ ވެސް ފަވާ ޝައްކު ކުރަނީ، ކީއްވެ؟ މަޢާފަށް އެދި ދެން އެހެންނުވާނެއޭ މިބުނީ، ޕްލީޒް... ޤަބޫލުކޮށްބަލަ." އަރީން ހުރީ ފަވާދުގެ އެ ޝައްކު ފިލުވާލުމަށް ކޮންމެ ދަރަޖަކައަކަށް ވެސް ދާން ތައްޔާރަށެވެ. އަރީންގެ ހިތް ސީދާ ނުވުމުގެ ސަބަބުން އޭނާގެ ޢަމަލުތަކުގައިވީ ދެއްކުންތެރިކަމެވެ. ފިރިމީހާއާ ގާތްވެލީ ހިތުގައި ލޯބިވެތިކަމެއް ނެތިއެވެ. އަނބިމީހާގެ އިސްނެގުމަށް ފަވާދަށް ނޫނެކޭ ބުނަން ނުކެރޭނެކަން އަރީނަށް ކަށަވަރުވެއެވެ. އަރީންގެ ބީހުންތަކުން ފަވާދުގެ ސިކުނޑިއާއި ހިތަށް ގަނޑުފެން އަޅައިދީ ފިނިކޮށްދިން ފަދައެވެ. ފަވާދުގެ ދުލުގައި ޖެހި ގޮށް މުހެވި ހިމޭންކަން ފުނޑުފުނޑުވީއެވެ. އަނބިމީހާދެކެ ލޯބިވެޔޭ ނުބުނެ ފަވާދަށް ކެތެއްނުވިއެވެ. އޭނާގެ އުމުރު ހޭދަކުރަން ހިޔާރުކުރި އަންހެނަކީ އަރީނު ވިއްޔާއެވެ.

* * * * *

އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އަސްލަން ތެދުވިއެވެ. ފަހަރަކު ކުއްޖެއްގެ ރަޖާ ރަނގަޅުކޮށްލަ ދިނުމާއެކު ނިތުގައި ބޮސްދީފި އެވެ. އަވަހަށް ނިދަން ބުނެފައި އޭނާ ކޮޓަރިން ނުކުންނަން އެނބުރިލި އެވެ. އެވަގުތު ދޮރުމައްޗަށް ހުއްޓުނު ނޯޔާ ފެނި ސާރާ ގޮވާލައިފި އެވެ.

"ގަމީސް އިސްތިރިކޮށްފިން، އަޅުވާފަ ހުންނާނެ." ނޯޔާ ކޮޓަރިއަށް ވަންނަމުން އަސްލަންއާ ވާހަކަ ދެއްކި އެވެ. އޭނާ ނޯޔާއަށް ބޯ ޖަހާލާފައި ކޮޓަރިން ނުނިކުމެ ދޮރު ކައިރީ މަޑުކޮށްލީ އެވެ. ސާރާ ދައްކާ ވާހަކައެއް އަޑު އަހާށެވެ.

"ޑެޑީއާއި މަންމާއާ ދެ ކުދީން ވެސް ދަރިފުޅުމެން ނިދާގަޑީގަ އުމްމަ ދޭންވާނެއެއްނު... އެކަމަކު މަންމަ ނާންނަމެންނު ދަރިފުޅުމެން ނިދާ ގަޑީގަ." ސާރާ މަޑުމަޑުން ވާހަކަ ދެއްކި ނަމަވެސް އެ އަޑުގައި ހިސާބެއްގެ ޝަކުވާ ވިއެވެ. އެކުއްޖާ އެފަދަ ޝަކުވާއެއް ކޮށްފާނޭ ނޯޔާ ހިތަށް ވެސް ނާރައެވެ.

"ސޮރީ، މަންމައަށް މިފަހަރު މަޢާފުކޮށް ދީ، އިރާދަ ކުރެއްވިއްޔާ ދެން ކޮންމެ ރެއަކު ވެސް މަންމަ އަންނާނަން އިނގޭ." ނޯޔާ ހިނިތުންވެލި އެވެ. ސާރާގެ ގާތުގައި އިށީނދެ އެ މޭގައި ފިރުމާލި އެވެ. ގުދުވެފައި ނިތުގައި ބޮސްދީފައި ނިދާލަން ނޯޔާ ބުންޏެވެ. އަދި ހަމައެފަދައިން މަލްސާގެ ގާތަށް ގޮސް ކަންތައް ކުރިއެވެ.

ކޮޓަރިން ނުކުމެ ދޮރު ލައްޕާލުމާއެކު ނޯޔާ ހިނގައިގަތީ ބަދިގެ ފަރާތަށެވެ. އަސްލަން އޭރު ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ. އޮފީހަށް ދާން އޮތުމުން މިރޭ ކުދީން ނިދަން ބޭތިއްބީ އެހެން ރޭ ރެއަށްވުރެ ކުރީންނެވެ. އަނެއްކޮޅުން މަލްސާ އޮތީ ފީވެފަ އެވެ. އެކުއްޖާގެ އަތުން ނޯޔާގެ އަތްދަބަހެއް ހަލާކުވީ އެވެ. ކުޅެން މަންމަގެ އެއްޗެހި ނަގައިގެން ނުވާނޭ އަސްލަންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ބައްޕަގެ ހަރުކަށި އަޑާއެކު އެކުއްޖާގެ ބަޑިފަޅައިގެން ދިޔައީ އެވެ. މަސަލަސް ކުރުމުގައި މަލްސާ އުރާލައިގެން ލޯބިން އެތައް އިރަކު ނޯޔާއަށް އުޅެން ޖެހުނެވެ. ނިދުމުގެ ކުރީން ދެބެން ގައިދޮއްވަން ފާހާނާގައި ހުއްޓާ މަލްސާ ނިކަން ސިއްރުސިއްރުން ނޯޔާގެ ގާތުން މައާފަށް އެދުނެވެ. މަންމަގެ އަތްދަބަސް ރީތިވީ ކަމުގައި ބުންޏެވެ. ހަލާކުވީ އޭތި އަމިއްލައަށް ކަމަށް ބުނީ އާދައިގެ މަތިން އެކުއްޖާ ބުނާ ރާގުގައެވެ.

"އެވެސް އަސްލަންގެ ފަރާތުން ވާރުތަކޮށްފަތަ؟" އުނދުން ކައިރީ ހުރެފައި ނޯޔާއަށް ހީނގަނެވުނެވެ. މަލްސާގެ ހިޔާލުގައި ހުރެއެވެ. ސާރާއަކީ ދެވަނަ އަސްލަންކަން ނޯޔާއަށް އަބަދުވެސް ބުނެވެއެވެ. މަލްސާގެ ހުންނަ ސިފަތައް އެއީ އަސްލަންގެ ގޮތަށް ވެދާނޭ ހިތަށް އެރި މީ ފުރަތަމަ ފަހަރެވެ.

"ނޯޔާ." ކޮޓަރިން ނުކުމެގެން އައި އަސްލަން ގޮވާލި އެވެ. އޭނާ އޭރު ވެސް ބެގީ ރަނގަޅު ކުރަނީ އެވެ. ނޯޔާގެ ނޭފަތުގައި ކްރީޑް އެވެންޓަސް ސެންޓުގެ މީރު ވަސް ޖެހުނެވެ. ހިއްސުތަކާ ކުޅެލާފަދަ ބާރެއް އެވަހުގައި ވާކަން ކަށަވަރެވެ. ބޭއިޚްތިޔާރުގައި އެ ވަހުން ހަށިފުރާލެވުނެވެ. އެ ވަހަކީ އަސްލަންއަށް ހާއްސަ ކުރެވިފައިވާ ވަހެއް ފަދައެވެ. ނޯޔާގެ ޟަމީރު އެއްބަސްވަނީ އެފަދައިންނެވެ. ރަންކީ ދުވަހަކީ އަލަށް ވެސް އަސްލަންގެ ކުރިމައްޗަށް ނޯޔާ އެރި ދުވަހެވެ. އެއީ އެ މީރު ވަސް ނޯޔާގެ ނޭފަތުގައި ޖެހުނު ފުރަތަމަ ދުވަސް ވެސް މެއެވެ. އަސްލަންއާއި އެވަސް ގުޅި ހާއްސަވީ އެހެންވެއެވެ.

"އަނުމްގެ މޮނީޓާ އިންނާނެ ޑްރެސިން ޓޭބަލް މަތީ، ނިމޭނެއިރެއް ނޭނގެ..." އަތްކުރިއަށް ކަފް ލައްވަމުން އަސްލަން ވާހަކަ ދެއްކިއެވެ. ނޯޔާ ކުރިއަށް ޖެހިލައި އަސްލަންގެ އަތްތިލައިގަ އަތް ޖައްސާލިއެވެ. ލަސްވެގެން އުޅުނު އަސްލަންގެ ހަރަކާތްތައް ހުއްޓުނެވެ. އޭނާގެ އަތްތިލައިގެ ތެރެއިން ކަފްލިން ނަގައި އަތްކުރިއަށް ނޯޔާ ލައްވާލަދިނެވެ.

"ބަލައިގެން ދާތި، އެނގޭ ލަސްވެއްޖެކަން، އެހެންވިޔަސް އެހާބާރަށް ނުދައްވާތި، ކުދީން ކައިރީ އަހަރެން އެބަހުރިން، އެކަމާ ނުވިސްނާ." އަސްލަންގެ އަތްކުރިން ދޫކޮށްލުމާއެކު ނޯޔާ ބުންޏެވެ.

ދޮރުން ނުކުމެފައި އަސްލަން މަޑުކޮށްލި އެވެ. ނޯޔާއަށް ބަލާލި އެވެ. މާނަވީ ހިނިތުންވުމެއް އެ ތުންފަތަށް ވެރިވި އެވެ. ނޯޔާގެ ދަތްދޮޅީގައި ހިފާލައި އުފުލާލި އެވެ. ގުދުވެލަން އުޅުނު އަސްލަން ކައްޓެއްހެން ސީދާ ވެލީ އެބަޔަށް ހުޅުވުނު ލިފްޓުގެ އަޑާއެކުއެވެ. ވަގުތުން ނޯޔާގެ ދަތްދޮޅިން ވެސް އޭނާ ދޫކޮށްލައިފި އެވެ. ރަތް ޖަންބަކަށް ނޯޔާ ބަދަލުވެފައިވާއިރު އޭނާގެ މޭގަނޑު ހީވީ އަނގަޔަށް އަތުވެދާނޭ ހެންނެވެ. ހުޅުވުނު ލިފްޓުން ނުކުތީ ރިދާނެވެ. ނޯޔާ ހުރީ ގޭތެރޭގެ މަސައްކަތުގައި އުޅޭއިރު ހުންނަ ފަދައިން އޭނާގެ ބޮޑު ބުރުގާ ފަހަތަށް ގެންގޮސް ގޮށެއް ޖަހާފައެވެ. ދެއަތްކުރި އުޅަންބޮށްޓާ ހަމައަށް އޮޅާލެވިފައެވެ. ނޯޔާއަށް ބަލާލުމާއެކު އޭނާގެ ކޮނޑުގެ ދެފަރާތުން ފަހަތަށް ގެންގޮސްފައިވާ ބުރުގާގެ ބައިގަ ޖަހާފައިވާ ގޮށް މޮހާލައި ކުރިމައްޗަށް އަސްލަން ދަމާލީއެވެ. ނޯޔާގެ މޭމަތި އޭނާ ފޮރުވާލަ ދިނެވެ.

"ބަލައިގެން ދުއްވާނީ، ދަނީ އިނގޭ." ހިތުގައި ބުނަން ބޭނުންވި ވާހަކަތަކެއް ހުއްޓެއް ކަމަކު އަސްލަން އެވާހަކަތައް ސިއްރު ކޮށްލީއެވެ. އަދި ނޯޔާގެ ކޮނޑުން ފެށިގެން ތިރިއަށް ފިރުމާލަމުން މައްޗަށް ނަގާފައި ހުރި ދެއަތްކުރި ތިރިކޮށްލަ ދިނީ އޭނާ އެދުނު ކަންކަމަށް އިސްކަން ދޭނެކަމަށް އަސްލަން އެއްބަސްވަމުންނެވެ. ޖަވާބެއްގެ ގޮތުން ނޯޔާ ބޯޖަހާލީ އެވެ.

"އަދިކިރިޔާ ދަނީ؟." އޮފީސް ރަސްމިއްޔާތަކަށް އަސްލަން ދާން އޮތްކަން އެނގި ހުރެ ރިދާން އަހާލި އެވެ.

"ލަހެއްނުވޭ، އަދި ދެވޭނެ." ހަލުވިކޮށް ލިފްޓާ ދިމާއަށް އައި އަސްލަން ބުންޏެވެ. އޭނާ ލިފްޓަށް އަރައި ދޮރު ލެއްޕެންދެން ނޯޔާ ބަލަން ހުއްޓެވެ. އޭނާގެ ގާތުގައި ރިދާން ވެސް މަޑުކޮށްލައިގެން ހުއްޓެވެ.

"އެކަނިވެފަ އިނދެދާނެތީ މިއައީ." ނޯޔާގެ ފަހަތުން އެޕާޓްމެންޓަށް ވަން ރިދާން ބުންޏެވެ.

"ތިމާ މީހާ ފޫހިވެގެން އައީއޭ ބުނެބާ." ހިނިއައިސްފަ ހުރެ ނޯޔާ ބުންޏެވެ. އަދި އޭނާ އާދައިގެ މަތިން ކޮންމެ ރެއަކު ވެސް ކުދީން ނިންދަވައި ގޭތެރެ ހަމައަކަށް އެޅެވުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ކާމޭޒު ސާފުކުރުމާއި އަނުމްއަށް ކާންދޭ ގޮނޑި ސާފުކުރުމުގެ އިތުރުން ބާކީ ހުންނަ އެއްޗެހި ހޫނުކޮށް ތަށިތައް ދޮވެ ސިޓިންރޫމު ރަގުމަތީ ހުރި ކުޅޭ ސާމާނުތައް ނަގާ ހެދުމަކީ ހަމަ ކޮންމެ ރެއަކު ވެސް ނޯޔާ ކުރަން ހުންނަ ކަންކަމެވެ.

"އަހަރެން ދޮވެދެންތަ؟" ސިންކު ކައިރީ ހުރި ނޯޔާގެ ވައަތް ފަރާތުން ހުއްޓިލަމުން ރިދާން އަހާލިއެވެ.

"ނޫން، ކޮބާ މަންމަ؟ ގޮވައިގެން އައިނަމަ... މިހާރު އިންނާނެ އެކަނިވެފަ." ނޯޔާ ބުންޏެވެ.

"މަންމަގެ ޑްރާމާގަޑި މީ، ސޯފާގަ ނިދިގަނޑެއް އަޅާފަ ޑްރާމާ ރިކޯޑުކޮށްލައިގެން ތެދުވެ ކޮޓަރިއަށް ވަންނާނީ." ހިނިއައިސްފަ ހުރެ ރިދާން ވާހަކަދެއްކިއެވެ.

ނޯޔާ މަސައްކަތުން އަވަދިވުމުން ރިދާން ގޮވާލީ އޭނާ ކައިރިއަށް ބެލްކަންޏަށް ނުކުމެލާށެވެ. ރީތި ވައިރޯޅި ޖެހޭ ރެއެއްކަން އޭނާ ފާހަގަކުރިއެވެ. ނޯޔާ އައިސް ބެލްކަނީގައި އަތްއަޅުވާލައި މަގުމައްޗަށް ނަޒަރު ހިންގާލި އެވެ.

"އަސްލަންބެ ރަނގަޅުތަ؟" ހިމޭނުން ހުރެފައި ރިދާން ކޮށްލި ސުވާލުން ނޯޔާ ހައިރާން ކޮށްލި އެވެ. ސުވާލުގެ ނަޒަރަކުން ރިދާނަށް ބަލަން ނޯޔާއަށް ހުރެވުނީއެވެ.

"ނޯޔާއަށް ކެއާ ކުރޭތަ؟" ދެވަނަ ސުވާލު ރިދާން އަހާލި އެވެ. އޭނާ އެ ސުވާލުތައް ކުރުމުގެ ބޭނުމެއް ނޯޔާއަށް ނުވިސްނެ އެވެ. އެއީ ރިދާނަށް އެނގުން މުހިންމު ކަންކަން ކަމުގައި ނޯޔާ ނުދެކެއެވެ.

"ތިހާ ހައިރާންވެފަ ތިހުންނަނީ ކީއްވެ؟ އަހަރެން މީ ދުރު މީހަކީތަ؟ ރަހުމަތްތެރިއެއްގެ ގޮތުގައި ނުދެކޭނަންތަ؟... އަހަރެން ސުވާލު މިކުރަނީ އަހަރެންގެ ބޭބެއާމެދުކަން އެނގޭ، ނޯޔާއާ އޭނާ ކައިވެނި ކުރީ ކީއްވެކަން ވެސް އަހަރެންނަށް އެނގޭ، އެހެންވެ އެފަދަ ސުވާލެއް ކުރީ... އުފާވެރިކަމާއި ލޯބިނެތް ކައިވެންޏެއްގައި ބަނދެވި ހައްޔަރުވެފައި ހުންނަ އަންހެނަކަށް ނޯޔާވާން އަހަރެން ނޭދެން."

"އަހަރެން އުފަލުގަ މިއުޅެނީ، އަސްލަންއަކީ ރަނގަޅު ފިރިއެއް، ރިދާންގެ ބޭބެއާ މެދު އަހަރެން ހިތްހަމަޖެހޭ، ޑޯންޓް ވޮރީ." ނޯޔާ ބުނެލީ ރިދާން ކަންބޮޑުނުވާށޭ ބުނާ ފަދަ ރާގެއްގައެވެ. މިފަހަރު ހައިރާންވީ މީހަކީ ރިދާނެވެ. ނޯޔާގެ ވާހަކަ ޤަބޫލުކުރަން އޭނާއަށް ދަތިވީއެވެ.

"ލޫނާއާއި އަސްލަންބެ ކްލޯޒްކަން އެނގޭތަ؟ އެއީ ޒަމާންވީ އެކުވެރިކަމެއް... އާންމުކޮށް އެކުވެރިކަން ލޯތްބަށް ބަދަލުވުމަކީ ވުން އެންމެ ގާތް ކަންތައް." އިރުކޮޅަކު ނޯޔާއަށް ބަލަން ހިމޭންވެ ހުރުމަށްފަހު ރިދާން ބުންޏެވެ. ނޯޔާގެ ހިތުގައި ނުކިއްސަރު ގޮތަކަށް މީހަކު ކޮއްޓާލި ކަހަލައެވެ. އޭނާގެ ނަޒަރު ރިދާނާ ވަކިކޮށްލެވުނެވެ. ތިރިން ފެންނަން އޮތް މަގަށް ބަލަން ހުރީއެވެ. ލޫނާއާ ބެހޭ ގޮތުން ރިދާނަށް އެނގެނީ ކިހާ މިންވަރަކަށް ބާއޭ ނޯޔާ ހިތަށް އަރަމުންދިޔައެވެ.

"ޓެލް މީ ސަމްތިން... ނޯޔާ..." ރިދާން ފަހުން އެ ގޮވާލި ގޮތުން ހީވީ ނޯޔާ ގާތު އޭނާއާ ދިމާއަށް ބަލާލާށޭ އެދުނީ ހެނެވެ. އެ މޫނަށް ނޯޔާ ބަލާލި އެހެންވެއެވެ.

"ތިވާހަކަ ޕްލީޒް ނުދައްކަފާނަންތަ؟" ނޯޔާ ބުނެލީ އުނދަގޫވެފައި ހުރި ފަދައިންނެވެ. އެއްޗެކޭ ބުނަން އުޅެފައި ރިދާން ހިމޭންވީ ނުހަނު އަވަހަށެވެ. އޭނާ ބޭނުންވަނީ އަސްލަން އާއި ލޫނާއަށް ސަމާލުވާން ނޯޔާ ގާތު ބުނާށެވެ. އަނެއްކޮޅުން ލޫނާ ދެކެ ގަޔާނުވާވަރު އެހެން މީހަކަށް އަންގާކަށް ނޯޔާ ބޭނުމެއް ނުވެއެވެ. ލޫނާގެ ނަން އިވުނަސް އޭނާގެ ލޭ ކެކެއެވެ.

ނޯޔާ ގަޔާނުވުމުން ވާހަކަ ކުރިޔަކަށް ރިދާން ނުގެންދިޔާ އެވެ. އޭނާ މައުޟޫޢު ބަދަލުކޮށްލީ އެވެ. އުފާވެރިކަމުގެ ހިނިތުންވުމަކީ ނޯޔާގެ ސިފަ ކަމުގައި ރިދާން ޤަބޫލު ކުރެއެވެ. އެހެންވެ އޭނާ ފެށީ އެފަދަ ވާހަކައެކެވެ. ވަރުބަލިވެފައި ހުރުމުން ނޯޔާ އެތެރެއަށް ވަނީ ކޮޅަށް ނުހުރެވޭނެއޭ ކިޔާފަ އެވެ. ވާހަކަދައްކަން ސޯފާގައި ދެމީހުން ތިއްބެވެ. ރިދާން ދާނީ ކޮންއިރަކުންތޯ އަހާލަން ނޯޔާއަކަށް ނުކެރުނެވެ. އޭނާގެ ކުރިމަތީ އަސްލަންގެ ކޮޓަރިނޫން އެހެން ކޮޓަރިއަކަށް ވަންނަން ޖެހޭތީ ފާޑަކަށް ނޯޔާ އިނީ ގުޑިވެސް ނުލެވިފައެވެ.

"ތި ދެ މީހުން ވަރަށް ކްލޯޒްތަ؟" ނޯޔާ އަހާލި އެވެ.

"ކާކު؟ އަސްލަންބެއާ އަހަރެންތަ؟" ރިދާނަށް ބުނެވުނެވެ. އާނއެކޭ ބުނަން ނޯޔާ ބޯ ޖަހާލީ އެވެ.

"ފެމެލީވީމަ ކްލޯޒް، އެކަމަކު ޕާސަނަލް ލައިފްގެ ވާހަކަ ދުވަހަކު ވެސް އަސްލަންބެ ނުދައްކާނެ... ފެށުނީއްސުރެ އަބުއި ގޮތެއް އަސްލަންބެގެ ހުންނާނެ، އަހަރެން ޤަބޫލު ކުރަނީ އެއީ ސިއްރުވެރި މީހުންގެ ހުންނަ ސިފައެއް ގޮތުގަ... އެކަހަލަ މީހުން ކަންކަން ސިއްރު ކުރާނެހެން ވަރަށް ހީވޭ." އަސްލަންގެ ވާހަކަ ފެށުމާއެކު އަނެއްކާ ވެސް ރިދާނަށް ގުޅުވާލެވެން އުޅުނީ ލޫނާއާއެވެ. އެ ފޫހިކުރުވަނިވި މަންޒަރު އޭނާގެ ސިކުނޑީގައިވަނީ ހަރުލާފައެވެ.

"ރިދާން އަހަރުމެންގެއަށް އަންނާތީ، ތީ ކާކުކަން ވަރަށް ކުރީން ފެށިގެން އެނގޭ، އެކަމަކު އަސްލަން ވަރަށް ނުފެނޭ، ޓީނޭޖްއިރު އެއީ ކޮންކަހަލަ މީހެއް؟" ފިރިމީހާއާ ބެހޭ ގޮތުން އޮޅުންފިލުވަން ނޯޔާ ޝައުގުވެރި ވެއެވެ.

"މަޑުމަޑުން ހުއްޓަސް ވަރަށް ރައްޓެހިން ގިނަވާނެ، އަބަދުވެސް ކޮންމެވެސް ރައްޓެއްސަކު ގެއަށް އައިސްގެން އުޅޭނީ، ޓެރެސްގަ ގިނައިން ތިބޭނީ، އޭރުއްސުރެ އެންމެ އެއްކޮށް އުޅޭތަން ފެނުނު މީހާ ހަމަ ކުއްލިއަކަށް ގެއްލުނީ، އެއީ އަސްލަންބެގެ ހިޔަނި، އޭނާ އަބަދު އައިސް އޮންނާނީ މިގޭގަ، އެހާ އެއްކޮށް އުޅެފައި ވީގޮތެއް އަހަރެންނަކަށް ނޭނގެ، އަޑުއެހިން ފުރައިގެން ދިޔައީއޭ... އެމީހުންގެ ގުރޫޕުގައި އަހަރެން ބައިވެރިއެއް ނުކުރާނެ... އަންހެންކުދީންގެ ވާހަކަ އަސްލަންބެ ކައިރީ އޭނާ ދައްކާކަން އެނގުނީ ދެފަހަރަކު އަހަރެންނަށް އެއަޑު އިވިގެން، އެމީހުން ވާހަކަ ހުއްޓާލާނެ އަހަރެންގެ ހިލަމެއްވާއިރަށް... އަސްލަންބެ ވެސް ނޭނގެ ކިތައް ބިޓުން ނަގާފަކަމެއް އެހުރީ، އެކަމަކު އެންމެންގެ ކުރިމަތީ އެއީ ހުރިގޮތަށް ހުރި އަލިފެއް." ރިދާނު ވާހަކަ ހުއްޓާލީ ނޯޔާ ހީނލި އަޑު އިވިގެންނެވެ.

"އެއީ ތަފާތު މީހެއް." ހިނިތުންވުމުގެ ތެރެއިން ނޯޔާ މިހެން ބުނެ ތިރީ ތުންފަތުގައި ދަތް އަޅާލި އެވެ. އަސްލަންގެ ހިޔާލުތަކުގައި އިނދެއެވެ. ނަމަވެސް އެ މަންޒަރު ރިދާންގެ ހިތަށް އުނދަގޫ ކުރުވިއެވެ.

"މައިރާ ކިހިނެއް؟" ނޯޔާ އަހާލި އެވެ.

"އާ ޔޫ ޝުއަރ..." އެއީ ދައްކަން ބޭނުންވާ މައުޟޫޢުއެއްތޯ ރިދާނަށް އަހާލެވުނެވެ.

"މައިރާއަކީ އަސްލަންގެ ފުރަތަމަ، އޭނާ ވަރަށް ހާއްސަވީމަ އަސްލަން އޭނާ ދެކެ އެހާ ލޯބިވާނީ." މިފަހަރު ނޯޔާގެ ލޮލުގައިވި ވިދުން ފަނޑެއް ނުވެއެވެ. އަސްލަންއާއެކު މައިރާ ވެސް އޭނާ ބަލައިގެންފިކަން ޔަގީނެވެ. އެ ހަގީގަތަކީ ނޯޔާއަށް ބަދަލުނުކުރެވޭނެ ހަގީގަތަކީއެވެ.

"އަސްލަންބެ ނޯޔާދެކެ އެވަރަށް ލޯތްބެއް ނުވޭތަ؟" ރިދާން ބުންޏެވެ.

"ތިހެން ނުބުނަމެންނު، ކޮންމެ މީހެއްގެ ވެސް އަލަތު ލޯބި ތަފާތުވާނެ، އެ ހަނދާންތަކާ ވަކިވުން ފަސޭހައެއް ނުވާނެ، އަސްލަންގެ ދިރިއުޅުމުގައި އޭނާގެ ހަޔާތުގައި ބޮޑުބައެއް ހިއްސާކުރި އަންހެނަކީ މައިރާ." ނޯޔާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރިއެވެ.

"މައިރާއާ ނޯޔާ އެއްގޮތެއް ނޫން، ތީ ވަރަށް ތަފާތު ދެ މީހުން... އަހަރެން އޭނާއާ އެހާ ކްލޯޒްއެއް ނޫން، މިހެން އެކުވެރިންހެން ވާހަކަދައްކައެއް ނޫޅެން، ފަހަރިއަށްވާތީ އެ ގުޅުން ހަމައެކަނި އޮންނަނީ، އޭނާއާ ބެހޭ ގޮތުން މާބޮޑު އެއްޗެއް ނޭނގޭ... އޭނާއަށްވުރެ ނޯޔާ އަހަރެންނަށް ކަމުދަނީ."

ރިދާންގެ އެވާހަކައަށްފަހު ނޯޔާ ވެސް އިތުރު ސުވާލެއް ނުކުރިއެވެ. ދެމެދަށް ހިމޭންކަން ވެރިވީއެވެ. ހުޅުވާފައި ހުރި ޓީވީއަށް ސަމާލުކަން ދިން ފަދައިން އުނގަށްލީ ކުޑަ ބާލީހުގައި ދެއަތުން ބައްދާލައިގެން ރިދާން އިނެވެ. ސޯފާގެ އަނެއްކޮޅުގައި އިން ނޯޔާގެ ހަރަކާތްތަކަށް އޭނާ ބެލީ ސިއްރުންނެވެ.

"ނިދިއައީތަ؟" ދެފައި ހިއްލާލައި ކަކުލުގައި ނޯޔާ ބޯއަޅާލި ގޮތް ފެނި ރިދާން އަހާލި އެވެ.

"ވަރުބަލިވީ، ނިދިވެސް އަންނާނެއެއްނު..." ނޯޔާ ބުނީ ރިދާން ހިނގައިދާނެ ކަމަށް ހީކޮށެވެ. ގަޑިތަކުން އެގާރަ ޖަހަން ކައިރިވެއްޖެއެވެ. އެހާއިރު އެހެންޏާ ނޯޔާ އޮންނާނީ އެނދަށް އަރައެވެ.

"ނޯޔާ ދާންވީނު ޖައްސާލަން، އަސްލަންބެ އަންނަންދެން މިތާ ސޯފާގަ މެޗު ބަލަން އަހަރެން އޮވެލަން ކަމަށް." ރިދާން ބުންޏެވެ. ބުނާނީ ކީކޭކަމެއް ނޯޔާއަކަށް ނޭނގުނެވެ. އެހެންވިޔަސް ނޯޔާ ސޯފާއިން ތެދުވިއެވެ.

އަމިއްލަ ކޮޓަރިއަށް ވަދެފައި ނޯޔާ ނުކުތީ އެނދުގެ ރަޖާގަނޑު ހިފައިގެންނެވެ. އޮޅާލެވިފައި އޮތް ރަޖާގެ ތެރެއަށް އޭނާ ބޭނުންވާ އެއްޗެހިތައް ވަނީ ލާފައެވެ. ކޮޓަރީގެ ދޮރު ތަޅުލާފައި ނޯޔާ އައިސް ވަނީ އަސްލަންގެ ކޮޓަރިއަށެވެ. ރިދާނަށް ޝައްކެއްވާން ނޭދޭތީ އެވެ.

ފެންވަރާލައިގެން ނުކުމެ ނޯޔާ އަތުން އިސްތަށިގަނޑު ރީތި ކުރަން ފެށިއެވެ. އަސްލަންގެ އެނދަށް ބަލަން ހުރެފައި އޭނާ ފުން ނޭވާއެއް ލިއެވެ. މިރެއަށް މިނޫން ގޮތެއްނެތޭ ނޯޔާ ނިންމީ އެވެ. ކޮޓަރި ތަޅުލާފައި އައިސް އެނދުގައި ނޯޔާ އިށީނެވެ. އެ ކޮޓަރީގައި އަބަދުވެސް އަސްލަންގެ ފިރިހެންވަންތަ ވަސް ހަރުލާފައި ހުރެއެވެ. އަމިއްލަ ގައިން އޭނާއަށް ވަސްބަލާލެވުނެވެ. މިރޭ އޭނާ އެ ނުކުތީ އެ ކޮޓަރީގެ ފާހާނާއިން ފެންވަރައިގެންނެވެ. އަސްލަން ބޭނުންކުރާ ސައިބޯނި ގައިގާ ލައިގެންނެވެ. މުޅިހަށިގަނޑުގައި އަސްލަންގެ ވަހުން ހުވަނދު ލެވުނު ފަދަ އިހްސާސެއް ނޯޔާއަށް ކުރެވުނެވެ. ތުންފަތް ދެމިލީ އެ ހިޔާލުން ލިބިދިން ފިނިކަމެއްގެ ސަބަބުންނެވެ. އިސްތަށިގަނޑު ހިކެންދެން އިރުކޮޅަކު އެގޮތަށް އިންނަން ނޯޔާ ގަސްދުކުރިއެވެ. ނަމަވެސް އެނދުގައި އޮށޯވެލެވުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. މަޑުމަޑުން އެ ދެ ލޯ މެރުނީއެވެ.

"ރިދާން." ގެއަށް ވަން އަސްލަންއަށް ލިބުނީ ހައިރާން ކަމެވެ.

"ނޯޔާ ކޮބާ؟" އަސްލަންގެ ނަޒަރު ހޯދާލި އެވެ. ހިތް އަވަސްކުރުވީ އެޕާޓްމެންޓަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ސަބަބުންނެވެ.

"ކޮޓަރީގަ... ހީވަނީ ނިދީހެން." ސޯފާއިން ތެދުވެ ރިދާން ބުންޏެވެ.

"ރިދާން ވެސް ދޭ ނިދަން." އަސްލަން ބުނެލިއެވެ. ވާހަކައެއް ދެއްކުމެއްނެތި ރިދާން އެޕާޓްމެންޓުން ނުކުތީ އެވެ. އޭނާގެ ފަހަތުން ދޮރު ލައްޕާލުމާއެކު ތަޅުލާފައި އަސްލަން ހަލުވި ފިޔަވަޅުގައި އައި ނޯޔާގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ތަޅުގައި ހިފާލިއިރު ތަޅުލާފައި ހުރުމުން އޭނާ މަޑުޖެހުނެވެ. ނިތްކުރިއާއެކު އިސްތަށިގަނޑުގައި އަތްފުނާ އަޅާލުމާއެކު އަސްލަން ފުންނޭވާއެއް ލިއެވެ. ވަރުބަލިވެފައި ހުރި ގޮތަކަށް އޭނާ ކޮޓަރިއާ ދިމާއަށް އައީ ބެގީ ނައްޓަމުންނެވެ.

"މިކޮޓަރި ވެސް ތަޅުލީތަ؟" އަސްލަން ހިތަށް އެރިއެވެ. އެނބުރި ބަދިގެއަށް އައިސް ކަބަޑުގެ ވަތްގަނޑަކުން ތަޅުދަނޑި ފައްޗެއް ނަގައިގެން އައިސް އޭނާ ކޮޓަރި ހުޅުވިއެވެ. ސިއްރުން އުޅޭ މީހަކުހެން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ. އެނދުގައި އޮތް ނޯޔާ އޭނާއަށް ފެނުނީ ދެނެވެ. މީހާ ގަނޑުވިފަދަ އެވެ. ހަރަކާތެއް ކުރަން ނޭނގިފައި އިރުކޮޅަކު އަސްލަންއަށް ހުރެވުނެވެ. މަޑުމަޑުން ކުރިއަށް އައިސް އެނދު ކައިރީ އޭނާ ހުއްޓުނެވެ. އެނދުގައި އެ އޮތީ ނޯޔާތޯ އަސްލަންއަށް ޔަގީން ނުވާ ކަހަލައެވެ. އެ އަންހެންކުއްޖާ އަރާމު ނިދީގައި އެކޮޓަރީގައި އޭނާގެ އެނދުގައި އޮވެދާނޭ އަސްލަން ހިޔެއް ނުކުރެ އެވެ. (ނުނިމޭ)