އެމްޓީސީސީ

މީމު އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށައިފި

Apr 6, 2021
1

މ. މުލީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މުލީގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "މީމު އެއާޕޯޓް"ގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިމަސައްކަތް މިއަދުން ފެށިގެން ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ނިމުމުގެ ކުރިން ރައްޔިތުންނަށް އެއާޕޯޓުގެ ހިދުމަތް ދެވޭ ވަރަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކޮށް އަރުވަނީ އެމްޓީސީސީން މިފެށި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް [އަންނަ އަހަރުގެ] އޭޕްރީލް މަހުގެ ތެރޭގައި ހިދުމަތް ފެށޭވަރަށް ނިންމާނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި މުލީ ކައުންސިލްގެ ރައީސް އަހްމަދު ޝާތިރު ވިދާޅުވީ ދަތުރުފަތުރުގެ އިންތިޒާމުތައް ހުރި ގޮތުން ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމާއި، އިގްތިސޯދީ މަސައްކަތްތައް ކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ވެސް ދަތިތައް ހުރި ކަމުގައި ވިދާޅުވި އެވެ.

"އެކަމަކު އެއާޕޯޓާ އެކު ކަންކަން ހައްލުވުމުން ފުރުސަތުތައް މުޅި އަތޮޅަށް ހުޅުވިގެންދާނެ،" ޝާތިރު ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން މުލީގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. މިމަސައްކަތުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓެކްސީވޭއަކާއި، އޭޕްރަންގެ އިތުރުން ޓާމިނަލެއް ވެސް ހަދާނެ އެވެ.

މީމު އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ށ. އަތޮޅު ބިލަތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.